އޮޑިޓަ ޖެނެރަލް ނިޔާޒީގެ ގާނޫނީ ހައިސިއްޔަތު ގެއްލިއްޖެ!

އޮޑިޓަ ޖެނެރަލް ނިޔާޒީގެ ގާނޫނީ ހައިސިއްޔަތު ގެއްލިއްޖެ!

އޮޑިޓު ގާނޫނުގައިވާ އަހުލާގީ މިންގަނޑުގެ ރަތް ރޮނގު އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ ހުރަސްކޮށް، ވެރިކަންކުރާ ޕާޓީގެ ސިޔާސީ ޕްރޮޕެގެންޑާއާ އެއްގޮތަށް އޮޑިޓު ރިޕޯޓު ނެރެފި އެވެ. އެކަމުގައި ކުރެވޭ ސިޔާސީ ބަހުސަށް ވުރެ، އެއީ މާ ބޮޑު މައްސަލައެކެވެ.

އޮޑިޓަ ޖެނެރަލްއަކީ ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ މުދަލާއި ފައިސާ އަށް ފާރަވެރިވެ، އެތަކެތި ބޭނުންކުރަނީ ރައްޔިތުން ލިޔެފައި ދިން ގޮތަށް، އެ ރައްޔިތުންގެ ފައިދާ އާއި މަންފާއަށްތޯ ބަލައި، އެއާ ހިލާފަށް ދާނަމަ ހުއްޓުވަން މަސައްކަތް ކުރުމުގެ ދުސްތޫރީ ބެލެނިވެރިޔާ، ނުވަތަ ދައުލަތުގެ ޗީފް އޮޑިޓަރެވެ.

ނަމަވެސް އެކަން ހަނދާން ނައްތާލައި، ވެރިކަންކުރާ ޕާޓީން އޮޕަރޭޓުކުރާ މީހެއް ކަމަށް ގަބޫލު ކުރެވޭ ދަރަޖައަށް ކަންކަން ދިޔުމަކީ، ނިޔާޒީ މަގާމުގައި ހުންނެވުމުގެ ގާނޫނީ ހައިސިއްޔަތު ގެއްލުމެވެ.

އޮޑިޓަ ޖެނެރަލްގެ ވަފާތެރިކަން އޮންނަން ޖެހޭނީ ގާނޫނުއަސާސީ އާއި ގާނޫނަށެވެ. ބާރުތައް ބޭނުންކުރަން ޖެހޭނީ ވެސް އަމަލުކުރަން ޖެހޭނީ ވެސް ގާނޫނުގައިވާ ގޮތަށެވެ. އޮޑިޓު ގާނޫނުގައި ބުނާ ވާހަކަ ވަރަށް ސާފެވެ. އޮޑިޓަ ޖެނެރަލްގެ މަގާމުގެ ގަދަރަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް، އެއްވެސް ވަގުތެއްގައި ނުކުރެވޭނެ އެވެ.

ހަފުތާ ބަންދުގައި ނިޔާޒީ އެ ނެރެއްވީ މި ބަޔާންކުރި މިންގަނޑާ މުތުލަގަށް ހިލާފު ކުށެކެވެ. ހުކުރު ވިލޭރޭގެ މެންދަމު ފެނަކަ ކޯޕަރޭޝަންގެ އޮޑިޓު ރިޕޯޓު ނެރުމާއެކު، އެ މެންދަމުން ފެށިގެން، ރޭވި އިންތިޒާމުވެ، ސަރުކާރުގެ ވެރިންނާއި ޕީއެންސީގެ އެކްޓިވިސްޓުން އަދި އެޑިޓޯރިއަލް ޕޮލިސީ ސަރުކާރު ކޮޅަށް އޮތް ބައެއް ނޫސްތަކުން ފެނަކަ ކޯޕަރޭޝަންގެ އޮޑިޓު ރިޕޯޓުގެ ވާހަކަތައް އިދިކޮޅު ޕާޓީއަށް ދޭ ވަރުގަދަ ހަމަލާއެއްގެ ގޮތުގައި ގެނެސްދޭން ފެށި އެވެ.

އެ ކެމްޕޭނު ޖެއްސި މަގުސަދު އޮޑިޓަ ޖެނެރަލް ނިޔާޒީ އަށް އެނގިވަޑައިގެންފައި ނޯވެދާނެ އެވެ. ނަމަވެސް އާދީއްތަ ދުވަހު ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އަށް ހުކުމް އިއްވާ މައްސަލައެއް ތާވަލުގައި އޮތްކަން ސަރުކާރު ހިންގަން ތިބި ފަރާތަށް އެނގޭނެ އެވެ. އަދި "ލޫޓުވައިފި ލޫޓުވައިފި" ނަމުގައި އޮކްޓޯބަރު 3 ވާ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަކަން ވެސް ސަރުކާރަށް އެނގެ އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ މާލިއްޔަތާއި ރައްޔިތުންގެ ހައްގުތައް ލޫޓުވައިފި ކަމަށް ބުނާ އަޑު ގަދަވާން ފެށުމުން، އެކަން މައިތިރި ކުރަން ސަރުކާރުން އެކި އުކުޅުތައް ބޭނުން އެބަކުރެ އެވެ. ފެނަކަ ރިޕޯޓަކީ އޭގެ އުކުޅެއް ކަމަށް ގަބޫލު ކުރަން ޖެހެނީ، އޮޑިޓަ ޖެނެރަލް އާންމު ތާވަލުން ބޭރުން، ނުބައި ވަގުތެއްގައި ރިޕޯޓު އާންމުކުރުމެވެ.

ފެނަކަ ރިޕޯޓުގެ އިތުރުން ސަރުކާރުގެ ރޭވުމާ އެއްގޮތަށް އެމްޑީޕީ ސަރުކާރާ ގުޅޭ އިތުރު ރިޕޯޓުތަކެއް ނެރުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށް އިއްޔެ އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ ގާނޫނީ ޓީމުގައި ހިމެނޭ އައިކު އަހުމަދު އީސާ ވިދާޅުވި އެވެ.

"އޮޑިޓާ ޖެނަރަލް މިހާރު އެދަނީ އެބޭފުޅާގެ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރައްވަމުން. މިއީ ވެސް ކޮރަޕްޝަން،" އައިކު ވިދާޅުވި އެވެ.

އޮޑިޓަ ޖެނެރަލްގެ ސުލޫކީ މިންގަނޑު ހިފަހައްޓައި، އަދި ހަމަހަމަ ކަމާއެކު ގާނޫނު ތަންފީޒު ކުރުމުގެ އަޒުމެއް، ހިތްވަރެއް ހުރި ނަމަ އިސްކަން ދޭންވީ، ދައުލަތަށް ގެއްލުންވާ ގޮތަށް މި ވަގުތު ހިންގަމުންދާ ކަންކަން ހުއްޓުވުމަށެވެ.

މި ދައުރު ނިމި އަދި އޭގެ ދެ އަހަރު ފަހުން، ރަސްމާލެ މަޝްރޫއު ހިއްކާފައި ވަނީ އަގު ބޮޑުކޮށް، ދައުލަތަށް ގެއްލުންވާ ގޮތަށް ކަމާއި، ކައުންސިލް އިމާރާތްތައް 631 މިލިއަނަށް ހަވާލުކުރީ ބީލަމާ ނުލައި، ވަކި ބަޔަކަށް މަންފާ ހޯދައިދޭން ކަމަށް ބުނުމާއި އެ މަޝްރޫއުގެ އަގު އެތައް ސަތޭކަ ގުނައެއް ބޮޑު ކަމަށް ބުނުމާއި، އެމްއޭސީއެލްއިން ފިޓްނަސް ސެންޓަރުތައް ވެސް އަޅަނީ އަގުބޮޑުކޮށް ކަމާއި، ރައީސުލްޖުމްހޫރިއްޔާގެ ވައުދުތައް ފުއްދަން ދައުލަތުގެ ވިޔަފާރި ކުންފުނިތައް ބޭނުންކުރި ކަމަށް ބުނުމަކީ އޮޑިޓަ ޖެނެރަލްގެ ގާނޫނީ ޒިންމާ ފުރިހަމަ ވުމެއް ނޫނެވެ.

މާލޭ ސިޓީ ކައުންސިލަކީ ކޮރަޕްޝަންގެ ހާއްޔެއް ގޮތަށް ފެނިގެން ދިޔައިރު، އޮޑިޓަ ޖެނެރަލް އޭރު ވެސް އޭގެ ކުރިން ވެސް، އަދި މިހާރު ވެސް އެތަނުގެ ހިސާބުތައް ބަލައި، ރައްޔިތުންނަށް ކަންކަން ސާފުކޮށެއް ނުދެ އެވެ. ސިޓީ ކައުންސިލްގެ އޮޑިޓު ރިޕޯޓެއް އަދިވެސް ނުނެރެ އެވެ.

މިހާރު ހިނގަމުންދާ ބޮޑެތި ކަންކަން އޮޑިޓު ނުކޮށް، ވެރިކަން ހިންގާ ޕާޓީން އަންގާ ރިޕޯޓުތަކާއި މައްސަލަތަކަށް އިސްކަން ދީގެން އޮޑިޓުކުރާ ނަމަ ނިޔާޒީ މަގާމުގައި ހުންނެވުމުގެ ބޭނުމެއް، މަގުސަދެއް ނެތެވެ.

ނިޔާޒީ އަށް ވުރެ އޮޑިޓަ ޖެނެރަލްގެ އޮފީސް މާބޮޑެވެ. އެހެންވެ، ރަތް ރޮނގު ހުރަސް ކުރެވުމުން، މަގާމުގައި ދެމި ހުންނެވުމަކީ އަހުލާގީ ގޮތުން ވެސް ދަށު ދަރަޖައިގެ އަމަލެކެވެ. މުއައްސަސާގެ ގަދަރާއި ކަރާމާތް ހިފަހައްޓާށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އަދި މާލިއްޔަތު ކޮމިޓީން ނިޔާޒީއާ ސުވާލުކުރަން ޖެހެ އެވެ. އެ ކޮމިޓީތަކުގެ ޒިންމާއަކީ ވަކި ބައެއްގެ ރިޕޯޓުތައް ހަދަން އަންގައި، އެ ރިޕޯޓުތައް އާންމުކުރަން ބާރު އެޅުމެއް ނޫނެވެ. މިނިވަން މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުން ހާޒިރުކޮށް ޖަވާބުދާރީ ކުރުވަންޖެހެ އެވެ. އެ މީހުން ސްކޫލުން އެއްކިބާ ވެއްޖެ ނަމަ، މަގަށް އަޅުވަންޖެހެ އެވެ. ވަކިވެސް ކުރަންޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox