ފާއިތުވި 10 އަހަރު މި ސަރަހައްދުގެ އެންމެ ފާހަގަކޮށްލެވޭ އިސްލާމިކް ބޭންކަކަށް މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ހޮވިއްޖެ އެވެ.
ރާއްޖޭގައި 2011 ވަނަ އަހަރު އެންމެ 150 މިލިއަން ރުފިޔާއިން ފެށި އެމްއައިބީން ސަރަހައްދުގެ އެންމެ ފާހަގަކޮށްލެވޭ އިސްލާމިކް ބޭންކުގެ ލަގަބު ހޯދީ ސަރަހައްދުގެ އެހެން ގައުމުތަކާ ވާދަކޮށްގެންނެވެ.
އިސްލާމިކް ބޭންކަށް ދިވެހިން ކުރި އިތުބާރާއި ދިން ތަރުހީބާއިއެކު އެބޭންކުން އަމިއްލައަށް ގާއިމްކުރި ޒަމާނީ އުމްރާނީ ވަސީލަތްތަކާއިއެކު ދިވެހިވަންތަ ބޭންކިން ހިދުމަތެއް ދިވެހިންނަށް ގެނެސްދިނެވެ. މާލޭގައި ހިދުމަތް ފެށި ނަމަވެސް އެ ބޭންކުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިދުމަތް ފުޅާކޮއްފަ އެވެ.
ރާއްޖޭގައި ގިނަ ބޭންކުތަކެއް އޮޕަރޭޓް ކުރަމުން ދަނިކޮށް އެމްއައިބީއިން ވަނީ އެންމެ 14 އަހަރު ތެރޭ އެންމެ ޒަމާނީ ހިދުމަތްތަށް ދިވެހިންނަށް ގެނެސްދީފަ އެވެ.
އެގޮތުން ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުމާއި، އެންމެ ޒަމާނީ މޮބައިލް ބޭންކިން އަދި އިންޓަނެޓް ބޭންކިން ޕްލެޓްފޯމުގެ އިތުރުން އިސްލާމީ އުސޫލުން ފައިނޭނެސިންގެ ހިދުމަތް ލިބޭ އުޖާލާ ޕޯޓަލް ވެސް އެ ބޭންކުން ވަނީ ރާއްޖެއަށް ތައާރަފްކޮއްފަ އެވެ.
އެ ބޭންކުން ވަނީ 2024 ވަނަ އަަހަރު އެބޭންކުގެ އެސްޓް ވެލިއު 10 ބިލިއަނަށް އެރިކަން އިއުލާންކޮއްފަ އެވެ.
ރާއްޖޭގެ ޒަމާންވީ ކޭޝްކާޑުތަކާއި ހިލާފަށް ރާއްޖޭގެ ކަނޑުގެ ދިރުންތަކާއި ރީތިކަން ފެންނާނެހެން ކާޑުގެ ޑީޒައިން ބަދަލުކޮށްލި މޭޒްތިރިއަކީވެސް އިސްލާމިކް ބޭންކެވެ. ދިވެހިންގެ ރިތީ ރާއްޖެ އެގޮތުގައި ދެމެހެއްޓުމަށްވެސް އެމްއައިބީއިން އަންނަކީ ކެނޑި ނޭޅި މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގެ އިޖުތިމާއީ ގިނަ ކަންކަމަށްވެސް ހޭދަކުރާ އެމްއައިބީން އެކި ރަށްރަށުގެ ތައުލީމް ކުރިއެރުވުމަށް އެހީވުމާއި، ކެންސަރަށް މީހުން ހޭލުންތެރިކުރުވުމަށް ކެންސާ ސޮސައިޓީއާއެކިއެކު މަސައްކަތް ކުުރުމާއި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކަމާއިގުޅޭ ވުޒާރާއާއިއެކު އެކި މަރުހަލާގައި މަސައްކަތް ދަނީ ކުރަމުންނެވެ.
ރާއްޖޭގެ އެންމެ ހިއްސާދާރުން ގިނަ ކުންފުނި، އެމްއައިބީއަށް ރައްޔިތުން ކުރާ އިތުބާރު އެބޭންކުގެ ހިއްސާ ވިއްކަން ހުޅުވާލުމުން ވެސް އެނގިގެންދިޔަ އެވެ. ފާއިތުވި މާޒީގައި އެމްއައިބީ ދިވެހިންނަށް ދައްކައިދިނީ އެބޭންކަކީ ދިވެހިން ފަހުރުވެރިވެވޭ ވަރު ބޭންކެއް ކަމެވެ.
އެ ބޭންކުން ދެކޭ ގޮތުގައި އެބޭންކުގެ ކާމިޔާބީގެ އަސްލަކީ އެބޭންކުގެ ކަސްޓަމަރުންނެވެ. އެގޮތުން މި އެވޯޑުގެ އެބޭންކުން ހާއްސަ ކުރަނީ އެބޭންކުގެ ކަސްޓަމަރުންނަށެވެ.










