ދޮގާއި ކޮރަޕްޝަން ފަޅާއެރުވުމަކީ އަބުރާ ބެހުމެއް ނޫން

ދޮގާއި ކޮރަޕްޝަން ފަޅާއެރުވުމަކީ އަބުރާ ބެހުމެއް ނޫން

ވަރަށް ގިނަ މީހުންނަށް ވަރަށް ބޮޑަށް އޮޅިފައި އޮންނަ ކަމެކެވެ. ހުރިހާ ކުށްފާފައެއްގައިވެސް އޮތީ ސިއްރުކުރުމާއި ސިއްރުކޮށްދިނުންކަމަށް ބައެއް މީހުން ހީކުރެއެވެ. އަދި ކޮންމެ ފަދަ ބާވަތެއްގެ ކަމެއްގައި ދޮގު ހެދިޔަސް އެ މީހަކީ ދޮގުވެރިއެއް ކަމަށް ފާޅުގައި ބުނުމަކީ އެމީހެއްގެ އަބުރަށް ގެއްލުން ދިނުން ކަމަށް ބައެއް މީހުން ހީކުރެއެވެ. ވައްކަން ކުރާ މީހާއަށް އޭނާގެ އެ ފާފަ ސިއްރުކޮށްދިނުމަކީ ވެސް އޮންނަންޖެހޭ ކަމެއް ކަމުގައި ބައެއް މީހުންނަށް ހީވެފައިވެއެވެ.

އެތައް މަގަކުން މާތް ނަބިއްޔާގެ އަރިހުން ރިވާވެފައިވެއެވެ. "...އަދި މުސްލިމަކު ފަރުދާކޮށްފި (އެބަހީ މުސްލިމެއްގެ ކުށް ފޮރުވައިދީފި) މީހާގެ ކުށްތައް ދުނިޔެއާއި އާޚިރަތުގައި މާތް ﷲ ފަރުދާކުރައްވާ ހުއްޓެވެ." މި ހަދީސްގެ މާނައަކީ، މުސްލިމަކަށް އެހެން އުޅޭ އުޅުމުގައި ވެވޭ ކުށްތައް ފެންނަ މީހާ އެކުށްވެރި މުސްލިމް މީހާ ފަލީހަތް ނުކޮށް ދޫކޮށްލައިފިނަމަ، މާތް ﷲ އޭގެ ބަދަލާއި ޖަޒާގެ ގޮތުގައި ތިމާގެ މުސްލިމް އެކުވެރިޔާއަށް އެކަން ކޮށްދިން ފަދައިން އެމީހެއްގެ ފުށުން ވެވޭ ކުށްތައް ފަޅާނާރާނެ މަގުތައް ދުނިޔެ މަތީގައި މިންވަރުކުރައްވައެވެ. އަދި އާޚިރަތުގައިވެސް އެކަން އެގޮތަށް އެކަލާނގެ ލައްވައެވެ.

މިހަދީސްގެ ޝަރަހައިގައި އަޅުގަނޑު ވާހަކަ ދެއްކުމުގެ ބަދަލުގައި އިމާމް ޞަންޢާނީ ވިދާޅުވެފައިވާ ބަސްފުޅުތައް އަކުރުން އަކުރަށް މިތަނުގައި ތަރުޖަމާކޮށްލާނަމެވެ. އިމާމް ޞަންޢާނީ ވިދާޅުވެފައިވެއެވެ. "މިކަން އޮތީ، އެމީހަކީ ފަސާދަވެރިއެއްކަން އަދި ނުބައި ކަންކަމުގައި ދެމިހުންނަ މީހެއްކަން އެންމެންނަށް އެނގިގެންނުވާ މީހާގެ ހައްގުގައެވެ. އެޔާ ހިލާފަށް މިވެނި މީހަކީ ފަސާދަވެރިއެއްކަން ކަނޑައެޅިގެން އެނގޭ މީހާއާމެދު، އެމީހާގެ ފަސާދަ ސިއްރުކޮށްދިނުމަކީ އެއްވެސް ގޮތަކުން އެދެވިގެންވާ ކަމެއް ނޫނެވެ. އަދިކިއެއްތަ އެމީހެއްގެ ކަންތައް އޮތީ ވެރިކަމުގެ ފަރާތަށް ހުށަހެޅުމެވެ. އެކަމުން އިތުރު ފަސާދައެއް ނުކުމެދާނެކަމަށް ބިރެއް ނެތްނަމައެވެ. އެހެނީ އެފަދަ މީހާއަށް ސިއްރުކޮށްދިނުމަކީ އެމީހާގެ ފަސާދައަށް ދެވޭ އެއްބާރުލުމެކެވެ. އަދި އަޅުތަކުންނަށް ދުއްތުރާކުރުމަށް އޭނާއަށް ދެވޭ ހިތްވަރެކެވެ. އަދި އޭނާ ފިޔަވައި ދެންވެސް އުޅޭހާ ނުބައި ނުލަފާކަމުގެ އަހުލުވެރިންނަށް ވެސް ދެވޭ ހިތްވަރެކެވެ."

Advertisement

މީގެ އިތުރަށްވެސް އިމާމް ޞަންޢާނީ މިސާލުދައްކަވަމުން ވިދާޅުވެފައިވެއެވެ. "ޒައިދުގެ މުދަލުން މީހަކު ވައްކަންކުރަނިކޮށް މީހަކަށް ފެނިއްޖެނަމަ، އެކަން ޒައިދުއަށް އަންގަންޖެހޭނެތޯ ނުވަތަ އެކަން ވަގުކަލޭގެއަށް ސިއްރުކޮށްދޭނީތޯ؟ ފާޅުވެ އެނގެން އޮތީ މިކަމުގައި ވާޖިބުވެގެންވަނީ އެކަން ޒައިދުއަށް އެންގުމެވެ. އެހެން ނޫނީ އެކަންވެގެންދަނީ ވަގުކަލޭގެއަށް ވައްކަންކުރުމަށް ވެވޭ އެހީތެރިކަމަކަށެވެ. އަލްމާއިދާ ސޫރަތުގައި މާތް ﷲ އަންގަވަނީ "...އަދި ތިޔަބައިމީހުން ފާފަވެރިވުމާއި އަދާވާތްތެރިވުމަށް އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިނުވާށެވެ". މިހެންނެވެ.

އިމާމް ޞަންޢާނީ ފިޔަވައި އެހެން ބޭބޭކަލުންގެ ބަސްފުޅުތައް ވެސް ހުރީ ހަމަ މިމަގަށެވެ. ސީދާ ވަކި އިލްމުވެރިއެއްގެ ބަސްފުޅު ނަކަލުކުރުމުގެ ބޭނުމަށް އިމާމް ޞަންޢާނީގެ ބަސްފުޅެއް ގެނެސްދިނީއެވެ. ހިޔާލަށް ގެންނަވާށެވެ! އިމާމް ޞަންޢާނީ ފަދަ ބޭބޭކަލުން މިއަދު ދުނިޔޭގައި ތިއްބަވާފައި، މީޑިއާތައް ހިންގަވާނަމަ ސަރުކާރުގައި ތިބޭ މީހުން ކުރާ ވައްކަމުގެ ވާހަކަތައް ގެނެސްދެއްވާނީބާވައެވެ؟ ނުވަތަ ސަރުކާރުގެ ފައިސާއިން ނަހަލާލުގޮތުގައިދޭ ސްޕޮންސަރތައް ނަގައި އެ ވައްކަންތައް ސިއްރުކޮށްދެއްވާނީހެއްޔެވެ؟ ހައްގު އޮތީ ވިސްނާ މީހަކަށް މިހާ ފަސޭހައިން އެނގޭގޮތަށެވެ.

އަހަރެމެން މުސްލިމުން ގަބޫލުކުރާ ގޮތުގައި، ކީރިތި ޤުރުއާނަށްފަހު މުސްލިމުންގެ މެދުގައި އޮތް އެންމެ ސައްހަކަން ބޮޑު ދެ ފޮތަކީ ބުޚާރީ އިމާމްގެ ފޮތާއި އިމާމް މުސްލިމްގެ ފޮތެވެ. މިކިޔަނީ މާތް ނަބިއްޔާގެ ބަސްފުޅުތައް ލިޔެވިފައިވާ ބޮޑު ދެ ހަދީސް ފޮތެއްގެ ވާހަކައެވެ.

ސައްހަކަން ބޮޑު އެ ދެފޮތް އެގޮތުގެ މަތީން އޮތް މައިގަނޑު ސަބަބަކީ، އަދި އެނޫންވެސް ސައްހަ ހަދީސް ފޮތްތައް މިއަދާ ހަމައަށް ލިބިގެންދިޔަ މައިގަނޑު ސަބަބަކީ، އެންމެ އިހު އެވޭލާ އިސްލާމީ އިލްމުވެރިން، ދޮގުވެރިންގެ ދޮގުތައް ފަޅާ އަރުވާލައި، ދޮގުހަދާ މީހުންނަކީ ދޮގުވެރިންކަން އެބައިމީހުންގެ ނަމާއެކީ ފާޅުގައި އާންމުންނަށް ބަޔާންކޮށްދެއްވަމުން ގެންދަވާފައި އޮތުމެވެ.

މާތް ނަބިއްޔާ ސުވަރުގެ ވަޑައިގަތުމާއެކު ދީންވެރިވެގަނެގެން މުސްލިމުން ކަމުގައި ހެދިގަނެގެން އިތުރު އެކަލޭގެފާނު ހަދީސް ނުކުރައްވާ އެތައް ބަސްފުޅުތަކެއް އެއީ ހަދީސްކަމުގައި ހަދައިގެން ތަންތަނުގައި ކިޔާ އުޅުނީ ކިތަންމެ ބަޔަކެވެ. މީގެ ތެރެއިން ދޮގުވެރިންނާއި ތެދުވެރިންނަކީ ކޮބައިކަން ހާމަކޮށްދިނުމުގެ ބުރަ މަސައްކަތްކޮށްދެއްވީ ހަދީސް އިލްމުވެރިންނެވެ. މިވެނި އެވެނި މީހުންނަކީ ދޮގުވެރިންކަމަށާއި އެވެނި މިވެނި މީހުންނަކީ ހިތުދަސްކުރުމުގެ ބާރު ދަށް މީހުންކަމަށާއި، އެވެނި މިވެނި މީހުންނަކީ ފާސިގުންކަމަށް ހަދީސް އިލްމުވެރިން އެބައިމީހުންގެ ފޮތްތަކުގައި އެހުރީ ބަޔާންކުރައްވާފައެވެ. އެއީކީ އަބުރާ ބެހުމެއް ނޫނެވެ. އެއީ އެކަން ކުރަންޖެހޭ ގޮތެވެ.

އޮޅުވާނުލައްވުން އެދެމެވެ. ތިމާގެ އެކުވެރިޔާއަށް އޮޅުމަކުން ކޮށްލެވޭ ކުށްފާފަ، އަދި ހާލަކުން ފަހަރަކު ނުބައި މަގަކުން ހިނގިއްޖެނަމަ، އެކަން އެނގޭ މީހަކަށް އޮތީ އެކަން ސިއްރުކޮށްދިނުމާއެކު ނަސޭހަތްތެރިވުމެވެ. ނަމަވެސް ކުށްފާފައިގައި ދެމިހުންނަ ނަމަ، އެކަން އޮތީ އެހެންނެއް ނޫނެވެ.

މިގޮތުން އެތައް އިލްމުވެރިންނެއް އެއްބަސްވާގޮތުގައި، ފާފަތައް ސިއްރުކޮށްދިނުން އޮތީ، އާންމުކޮށް ފާފަކޮށް ނޫޅޭ މީހުންގެ ފުށުން ހާމަވާ ކަންކަމުގައެވެ. އަދި ފާފަތައް ފަޅާއަރުވާލުމުގައި ފާފަ ހުއްޓުވޭނީ ސިއްރުކޮށްގެންތޯ ނުވަތަ ފަޅާއަރުވާލައިންތޯ މިއީ ވެސް ރިއާޔަތްކުރެވޭ ކަމެކެވެ. މިސާލަކަށް ހަށިވިއްކާ މީހަކުގެ ނަން ފަޅާއަރުވާލީމާ، އެކުށް މަދުވުމަށް ވުރެ ބޮޑީ އެކުށް އިތުރުވުމުގެ ފުރުސަތެވެ. އެހެނީ ހަށިގަންނަން ދާންވީ މަގު އެފާފަކުރަން އެދި އެދި ތިބި އެތައް ބަޔަކަށް އެކަމުން ހާމަވެގެންދާތީއެވެ. މިއާ ހިލާފަށް ވައްކަމާއި ދޮގު އަބަދުވެސް ހުއްޓުވުމުގެ އެންމެ މުހިންމު ވަސީލަތަކީ އެކަން ފަޅާއަރުވާލުމެވެ. އެހެނީ ވަގުންނާއި ދުރުހެލިވާން އެންމެންނަށްވެސް އެނގޭނީ އޭރަށެވެ.

އަދި މުޅި މުޖުތަމައުގެ ހައްގު އެކުލެވިފައިވާ ކަންކަމުގައި ދޮގު ހަދާނަމަ އަބަދުވެސް އޮތް މަގަކީ އެމީހަކު ހަދާ ދޮގު ބަޔާންކޮށްދިނުމާއެކު އެމީހަކީ ދޮގުވެރިއަށްކަން މުޖުތަމައަށް ބަޔާންކޮށްދެމުންދިއުމެވެ. އެކަން އެނގެނީ އިމާމް ބުޚާރީއާއި އިމާމް މުސްލިމްއާއި އަދި މި ނޫންވެސް ހަދީސް އިލްމުވެރިން އެކުރެއްވި މަސައްކަތުންނެވެ. ހަދީސް ރިވާކުރުމުގައި ދޮގު ހެދުމަކީ މުޅި މުޖުތަމައުގެ ހައްގު އެކުލެވިފައި އޮތް ކަމެކެވެ. އެބާވަތުގެ ދޮގުވެރިން ފަލީހަތްކުރުމަކީ އަބުރު ރައްކާތެރިކުރުމުގެ ހައްގަށްވުރެ މަތީން އޮތް ކަމެކެވެ.

މަޝްހޫރު ތާބިއީ ބޭކަލެއްކަމަށްވާ، އަދި އިސްލާމީ އުންމަތަށް އެތައް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވި ފަރާތެއްކަމަށްވާ ޙައްޖާޖް ބިން ޔޫސުފްއަކީ އަނިޔާވެރިއެއްކަމަށާއި ކިއެއްތަ އެއީ 'އުންމަތުގެ އަނިޔާވެރިޔާ' ކަމަށް ނުލިޔުއްވާ އިސްލާމީ ތާރީހު އިލްމުވެރިއަކު ދެކެވަޑައިގަތީމުތޯއެވެ؟ އެކަމަކު ޙައްޖާޖްގެ ހިދުމަތްތަކުގެ ވާހަކަވެސް ލިޔެފައިވަނީ ހަމަ މިދެންނެވުނު ގަލަންކޮޅުތަކުންނެވެ. އާދޭހެވެ! ޙައްޖާޖްގެ އަބުރަށް އިސްލާމީ ތާރީޚް ލިޔުއްވި މާތް އިލްމުވެރި ބޭކަލުން އިހުތިރާމްކުރެއްވިއެވެ. އެހެނަސް އަނިޔާގެ ވާހަކަ ސިއްރުކޮށްދިނުމަކީ އެއީ އިސްލާމީ ފަލްސަފާއެއް ނޫނެވެ. އަދި ވެރިން ވައްކަންކުރާއިރު އެވާހަކަ ސިއްރުކޮށްދިނުމާއި ވެރިން ބޮޑެތި ދޮގުތައް ހަދާއިރު އެކަމަށް ބަހެއް ނުބުނެ ހަނު ތިބުމަކީ އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ކުރިޔަސް ނުބަޔާއި ފަސާދައަށް ދެވޭ އެއްބާރުލުމެވެ. އެކަމަކީ އަލްމާއިދާ ސޫރަތުގައި މާތް ﷲ ކަނޑައެޅިގެން ނަހީކުރައްވާފައި އޮތް ކަމެކެވެ.

ގުޅުންހުރި ލިޔުން

ފަހުގެ ޚަބަރު

ޒުވާނުންނާއި ޒަމާނީ މަސައްކަތުގެ މާހައުލު

ދިވެހި ޒުވާނުން މަސައްކަތްތަކާ ދުރުވަނީ ކަންނެތްކަމުން ކަމަށް ބުނާ ބުނުމަކީ ހަގީގީ ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ނުކުތުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލު ދަށް އުޖޫރައާއި، މަސައްކަތުގެ މާހައުލުގައި ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ނެތުމެވެ. އެހެންކަމުން، ވަޒީފާގެ ބާޒާރުން ދިވެހިން އެކަހެރިވާ ސަބަބުތައް ދެނެގަތުމަށް އިލްމީ ދިރާސާތަކެއް ކުރުން މުހިންމެވެ.

އެގާރަސަތޭކަ ނަވާރަ މީހުންގެ އެއްބަސްވުމާ ދެކޮޅު، 1120 ވަނަ މީހާ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުމަށް، އެ ޕާޓީގެ ކޮންގްރެސްގެ 1،119 މަންދޫބުން އިއްތިފާގުން ވަނީ ނިންމާފައެވެ. އެއްވެސް މީހެއްގެ އިއުތިރާޒެއް ނެތި މި ނިންމުން ނިންމި ނަމަވެސް، މިއީ ސިޔާސީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ ފަދަ ތަފާތު ނަތީޖާއެކެވެ.

އަހަރެމެން ދިވެހިންނާ ހެދި ކިހާ ބަޔަކު އިސްލާމްވެދާނެބާ؟

މުސްލިމުން އިސްލާމްދީން އުގެނި ދަސްކުރީ މާތް ނަބިއްޔާ މުހައްމަދުގެފާނުގެ އަރިހުންނެވެ. މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުން ދަސްކުރި އަމަލީ އިސްލާމްދީން އިސްލާމީ އުންމަތް އޭގެ ކުރިބޯއްޓަށް އަރާފައި ދުޝްމަނުންގެ އަތުން ބަލިވެ ބަގުދާދު ފުނޑި ސުންނާފަތިވީއިރުވެސް މުސްލިމުންގެ މެދުގައި ދިރިދިރި އޮތެވެ. މީގެ އެތައް މިސާލެއް ތާރީހުން ފެނެ އެވެ.

ގައުމީ އިގުތިސާދު ނާޒުކު ފައްތަރެއްގައި!

ރާއްޖޭގެ އިގުތިސާދީ ހާލަތު ނާޒުކުވެ، ޑޮލަރު ލިބުމުގެ ދަތިކަމާއި ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ކުދި ވިޔަފާރިތައް ހުއްޓުމުގެ ބިރު ހީވެ، ބާޒާރުގައި ތަކެތީގެ އަގު އުފުލި އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.

އާގުބޯޓު ފަހަރު ބަނދަރުކުރާ ސަރަހައްދު ގައުމީ ސަލާމަތަށް ނުރައްކާ

މާލޭގެ 'ސޭފް އެންކަރޭޖް' ސަރަހައްދުގައި ބޮޑެތި އުޅަނދުފަހަރު އެޅުމަކީ ބްރިޖާއި އެއާޕޯޓް ފަދަ މުހިންމު އުމްރާނީ ވަސީލަތްތަކަށާއި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން އުޅަނދުތައް ކަހައިގެން ގޮސް ހިނގާ ހާދިސާތައް އިތުރުވަމުންދާތީ، މި ސަރަހައްދު ބޭނުންކުރުމުގެ އުސޫލުތައް އަލުން މުރާޖައާކޮށް ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ.

ޕީއެންސީގެ "އެލީޓުން" ރައީސަށް މިދެއްވާ މެސެޖަކީ ކޮބާ؟

ޕީއެންސީގެ އެތެރޭގެ އިންތިޚާބުތަކަކީ އެމްޑީޕީއާ ޚިލާފަށް ކޮންގްރެސްގެ ތެރެއިން ސިއްރު ވޯޓަކުން މަގާމުތައް ކަނޑައަޅާ އިންތިޚާބުތަކެކެވެ. ނަމަވެސް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޕާޓީގެ ރައީސްކަން އެމަނިކުފާނަށް ލިބިވަޑައިގަތުމާއެކު، ޕާޓީގެ އެތެރޭގެ މަސްލަހަތަށާއި އިންތިޚާބީ ނިޒާމަށް ބަދަލުތަކެއް އަންނަމުންދާކަން މި ލިޔުމުން ފާހަގަކުރެއެވެ.

ދަރިވަރުންނަށް ރާއްޖެ އިސްލާމް ވީދުވަސް ބުނެދިނުން

ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ ތާރީޚާއި އެކަމާ ގުޅޭ މުހިންމު ހާދިސާތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިގޮތުން އިސްލާމްދީނުގެ މާތްކަމާއި، އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ މަސައްކަތްޕުޅުން ރަންނަމާރީގެ ބިރުވެރިކަމުން ދިވެހިން ސަލާމަތްވި ގޮތުގެ މައުލޫމާތު ކުދިންގެ އުމުރާ ގުޅޭގޮތަށް ބުނެދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox