މީގެ ދެ ދުވަސް ކުރިން ހެކުކޮށް އެހެން ބައެއްގެ ވީޑިއޯތަކެއް އަޕްލޯޑުކުރުމުން ރިމޫވްކުރި ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް އަދިވެސް ރިކަވާއެއް ނުކުރެވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސްޕީޗުތައް ހިމެނޭހެން އެތައް އަހަރެއްގެ ވީޑިއޯ ހިމެނޭ ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ރިމޫވްކުރި ސަބަބެއްގެ ގޮތުގައި ޔޫޓިއުބުން ފުރަތަމަ ޑިސްޕްލޭ ކުރީ ޔޫޓިއުބުގެ ކޮމިއުނިޓީ ގައިޑްލައިންސްއާ ހިލާފުވުމެވެ.
އިތުރަށް ބެލި ބެލުމުން، ރައީސް މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ވީޑިއޯތައް ގެންނަމުން ދަނިކޮށް، ޗެނަލް ހެކުކޮށް ކްރިޕްޓޯ ކަރަންސީ އާއި ޓްރޭޑް ކުރުމާ ގުޅޭ ވީޑިއޯތަކެއް އަޕްލޯޑުކުރިކަން އެނގުނެވެ.
މިހާތަނަށް އެ ޗެނަލް ރިކަވާ ކުރެވިފައި ނުވާއިރު، މިކަމާއި ގުޅޭ އަދާހަމަ ހޯދުމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އަދި އެ އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލަށް މިއަދު ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.
ޗެނަލް ރިމޫވް ކުރި ދުވަހު އަދަދު ނޫހުން ސުވާލުކުރުމުން ހަލީލު ވިދާޅުވީ، މިކަން ދިމާވި ސަބަބު ދެނެގަތުމަށް ސައިބާ ސެކިއުރިޓީ އާއި ބެހޭ ބޭފުޅުން ބަލަމުންދާ ކަމަށެވެ. މިކަން ދިމާވި ސަބަބެއް އެނގޭނީ އެބޭފުޅުންގެ މަސައްކަތް ނިމުމުން ކަމަށް ވެސް ހަލީލު ވިދާޅުވި އެވެ.

ސަރުކާރުގެ އެންމެ މަތީ އޮފީހުގެ ރަސްމީ ޗެނަލެއް ހެކުކޮށް، ވުޖޫދުން ދުއްވާލާފައިވާއިރު މިކަމާ ގުޅޭގޮތުން އެ އޮފީހުން އަދި ސަރުކާރުގެ ޑިޖިޓަލް ސެކިއުރިޓީ އާއި ގުޅޭ އެއްވެސް އިދާރާއަކުން މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.














