ސަރުކާރު ހަމަމަގަށް އެޅުވުމަށް އޮތް ފަރުވާއަކީ މުޒާހަރާ އެވެ.

ސަރުކާރު ހަމަމަގަށް އެޅުވުމަށް އޮތް ފަރުވާއަކީ މުޒާހަރާ އެވެ.

މުޒާހަރާ އާއި އިހުތިޖާޖާއި ހަޅުތާލަކީ އެއްބަނޑު އެއްބަފާ ތިންބެއިންނެވެ. އެއް ލަފުޒު އަނެއް ލަފުޒާ ގުޅިފައިވާ، ބާރުގަދަ ތިން ލަފުޒެވެ. އިހުތިޖާޖު ކުރުމަކީ ކަމަކާ ދެކޮޅުހެދުމެވެ. މުޒާހަރާކުރުމަކީ ކަމަކާމެދު ބަޔަކު ތިބިގޮތް ފާޅުކުރުމަށްޓަކައި އެއްތަނަކަށް އެއްވެގެން ހަރަކާތެއް ހިންގުމެވެ. މިއީ ދެކޮޅުހެދުމަކާ ނުލައި ވެސް، ނުވަތަ ތާއީދު ދެއްކުމުގެ ގޮތުން ވެސް ކުރެވިދާނޭ ކަމެކެވެ. ފަލަސްތީނު ރައްޔިތުންނާއެކު ތިބިކަން ދެއްކުމަށްޓަކައި އެއްތަނަކަށް އެއްވެ، އަޅުގަނޑުމެން މިކުރާ މުޒާހަރާއަކީ ތާއީދު ދެއްކުމުގެ މުޒާހަރާ އެވެ. ހަޅުތާލުކުރުމަކީ މަސައްކަތްކުރާ ބަޔަކު ޝަކުވާއެއް ކުރުމުގެ ގޮތުން ނުވަތަ ކަމަކާ ދެކޮޅުހެދުމުގެ ގޮތުން މަސައްކަތް ހުއްޓައިލައިގެން ތިބުމެވެ.

ޒިންމާދާރު ރައްޔިތަކުނަމަ، އެ ގައުމެއްގެ ސަރުކާރުން އިސްލާހުކުރަންޖެހޭ ކަންކަން ސަރުކާރަށް ބުނެދޭނެ އެވެ. ސަރުކާރާ ހަމައަށް އޭނާގެ އަޑު ފޯރުކޮށްދެވޭނޭ ގޮތަކީ ކޮބައިތޯ ބަލައި އެ ފުރުސަތުގެ ބޭނުން ހިފާނެ އެވެ. މި ސަރުކާރުން އެކަހަލަ ކިތަންމެ ފުރުސަތެއް ފަހިކޮށްދީގެން މަސައްކަތް ފެށި އެވެ. ފަހުން ކޮންމެވެސް ކަމެއް މެދުވެރިވެގެން އެކަމެއް ހުއްޓައިލަނީ އެވެ. ވީޑިއޯއިން ފޮނުވާ ސުވާލުތަކަށް ޖަވާބުދިނުމާއި، ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމާއި، ވަޒީރުންގެ އަހާ ފޯރަމާއި ނޫސްވެރިންގެ ފެންޑާއަކީ މި ސަރުކާރުން ޖަވާބުދާރީވާނަމޭ ހިތައި ކުރިހައި ކަންކަމެވެ. މިހާރު ފެންނަނީ އެއްވެސް ގޮތަކުން ޖަވާބުދާރީނުވާން މަސައްކަތްކުރާ ތަނެވެ. ސުވާލުކުރަން ތިބި ނޫސްވެރިންނަށް ވެސް އެކަން ނުކުރެވޭނޭ ގޮތަށް ގާނޫނުތަކަށް ވެސް ބަދަލު ގެންނަ މަންޒަރެވެ. ނޫސްވެރިންގެ ފެންޑާ ވެސް އުވާލައިފި އެވެ.

ހިނގަމުން މިދާ ސަރުކާރުގެ ސާފުކަން ގެއްލި މުޑުދާރުވާން ފެށީ މި ސަރުކާރު އުފެދުނުތާ ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ކިލައިން ތަތްތެޅެމުން ގޮސް މިހާރު މިއޮތީ މުޅި ސަރުކާރު އެކީއެކަށް ސާފުކުރަން ޖެހޭ ވަރަށް މުޑުދާރުވެފަ އެވެ. މިހެން ބުނީމާ ތިޔައީ ސިޔާސީ އެވެނިމިވެނި ޕާޓީގެ މީހާ ނޫންހޭ ބުނެ ވާހަކައިގެ ކުރި މަރާ ނުލައި، މިހެން މި ބުނީ ކީއްވެގެންތޯ އަހާށެވެ. ތިޔައީ ވެރިކަން ކުރާ ޕާޓީގެ މެންބަރަކަށް ވިޔަސް، ނުވަތަ ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ވިޔަސް ވިސްނާލީމާ ސާފުކޮށް ފެންނާން ހުރި ކަންކަމަށް ބަލައި ނިކަން ބުނެބަލާށެވެ. ރައީސް ދޮގު ހަދަނީ ތަންކޮޅެއް ގިނަޔަކުން ނޫންހެއްޔެވެ؟ ސިޔާސީ މީހަކު ދޭތެރެއަކުން ދޮގެއް ހަދައިލުމަކުން އަޅުގަނޑުމެންގެ އެކަކު ވެސް ހައިރާނެއް ނުވާނެ އެވެ. ދޮގު ހެދުމަކީ އެވެރިންގެ މަސައްކަތުގެ ބައެއްކަމަށް ގަބޫލުކުރެވޭ މިންވަރަށް އެކަން މިހާރު އާންމު ވެއްޖެ އެވެ. އެހަގީގަތް އެހެން އޮތަސް، ރޯމަރު ދޮގު ހަދަނީ އޭގެ ތެރެއިން ވެސް ބައެއް ބޭފުޅުންނެވެ. އެ ބޭފުޅުންގެ ތެރެއިން ވެސް ރައީސް މުއިއްޒު އެހުރީ ތަންކޮޅެއް ކުރީގަ އެވެ. ފާޅުކޮށް އެނގެން ހުންނަ ކަންކަމުގައި ވެސް އެހެރަ ހަދާލާ ދޮގު ފެނި، މީހަކު ސިހި ހަލާކުވާ ވަރު ވެ އެވެ.

ރިޔާސީ އިންތިހާބުގައި ވީ ވައުދުތައް ނުފުއްދާތަނުގައި އަލަށް ވެސް މި ސަރުކާރަށް ކޮށްދެވުނު ހާއްސަ ކަމެއް ނެތެއް ނޫންހެއްޔެވެ؟ މި ގައުމަކީ ވެސް ގައުމެއްގެ ގޮތުގައި ދެމި އޮންނަތާ ސާސްކަފެއް ވެއަތުވެފައިވާ ގައުމަކަށްވީތީ ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް ކޮންމެވެސް ގޮތަކަށް ގައުމު ހިނގާނެ އެވެ. އަޅުގަނޑުމެންގެ އެންމެން މިހެން ހަމަ އުޅެމުން ގެންދާނެ އެވެ. އެ އުސޫލުން މިހާރު ވެސް އެބަ ހިނގާ ތޯއްޗެކެވެ. އެކަމަކު ރައްޔިތުން މި ބަދަލު ގެނައީ ވީވަރަކުން ވީކަމެއް ކޮށްލާނޭ މީހަކަށް ވެރިކަން ދޭކަށެއް ނޫނެއް ނޫންހެއްޔެވެ.

ރައްޔިތުންގެ އަސާސީ ޒަރޫރަތުތައް ފުރިހަމަ ކުރުމަށްޓަކައި އެއްވެސް ރަށެއްގައި ހަމަ އެއްވެސް ކަމެއް ނުކުރެވޭ ތަނުގައި ކުރިން ފެށިފައި ހުރި ޕްރޮޖެކްޓުތައް ވެސް ހުއްޓާލީ އެވެ. އެކަމަކު އެ ޕްރޮޖެކްޓުތައް ހުއްޓާލި ކަމަކަށް އެއްބަހެއް ވެސް ނުވެ އެވެ. އެއް ރަށުގައި ހުރެ، އަނެއް ރަށުގެ ޕްރޮޖެކްޓުތަކާ ބެހޭ ގޮތުން އެބަ ދޮގު ހަދަ އެވެ.

ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލީ ތިމާވެށްޓަށް މަސައްކަތްކުރާ ޖަމިއްޔާތަކުންނާއި، ރާއްޖޭގެ އެތައް ރައްޔިތުން އެކަމާ އިހުތިޖާޖު ކުރަން ފެށުމުންނެވެ. އެ ބޭފުޅުންގެ އިހުތިޖާޖުގެ އަސާސަކީ ތިމާވެށްޓަށް ކުރާނޭ ނޭދެވޭ އަސަރާއި، އޭގެ ސަބަބުން ޓޫރިޒަމް ދަށްވެދާނޭ ކަމުގެ ބިރެވެ. ސަރުކާރަށް ވެސް އެ ހިސާބުތައް ހަމަ ރަނގަޅަށް ގަބޫލުކުރެވުނެވެ. އެހެންވިޔަސް، އެ ޕްރޮޖެކްޓު އިއުލާނުކުރެވުނީ އޭގެ ގެއްލުމަށް ވިސްނައި ނުލައި ކަމަށް ބުނަން ސަރުކާރުން ބޭނުމެއް ނުވި އެވެ. އެހެންވެ، ޕްރޮޖެކްޓު ހުއްޓާލުމުގެ ބަދުނާމު އެޅުވީ ދޮންފަނު ރައްޔިތުންގެ ބޮލުގަ އެވެ. ދެން އަނެއް ރަށަކަށް ވަޑައިގެން އިއުލާނުކުރެއްވީ ރައްޔިތުން ކަމަކަށް އެދޭނަމަ، ލިޔެ ސޮއިކޮށް ހެކިންގެ ސޮއި ހޯދައި ނޯޓަރައިޒްކޮށް ކޯޓުގައި ރަޖިސްޓްރީކޮށްގެން ނޫން ގޮތަކަށް އެއްވެސް ކަމަކު އެދިގެން ނުވާނޭ ކަމަށެވެ. ނިފާގުކަމުގެ އިންތިހާ ނޫންތޯ އެވެ.

ދައުލަތުގެ ހުރިހައި މުއައްސަސާތަކެއް ރައީސްގެ ބާރުގެ ދަށަށް ގެންނަން މަސައްކަތްކޮށް، އެ މަސައްކަތުގެ ބޮޑުބައި ކާމިޔާބު ވެސް ކޮށްފި އެވެ. މިނިވަން ކޮމިޝަންތަކުގެ ރައީސުން ކަނޑައެޅުމުގެ ބާރު މިހާރު އޮތީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. ގާނޫނުއަސާސީއަށް ގެނައި ބަދަލަކުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ޕާޓީގެ އަޅުންނަށް ހައްދަވައި ތަޅު އަޅުވައިފި އެވެ. ސުޕްރީމް ކޯޓުން އެ ތަޅު ނައްޓުވަފާނޭހެން ހީވެގެން އެ ކޯޓުގެ ފަނޑިޔާރުން ނުހައްގުން މަގާމުން ވަކިކޮށް، ރައީސް ބޭނުންވާ ބަޔަކު އެތަނަށް ލައިފި އެވެ. އެ ބަދަލަށް ފަހި ކުރުމަށް ޖޭއެސްސީއަށް ވެސް ހާއްސަ ގޮތުން މެންބަރުން ގެންނަވައިފި އެވެ. އެ ވާހަކަ ދައްކާންތިބި ނޫސްވެރިންގެ އަނގަ ބަންދުކުރުމަށް ގާނޫނެއް ހައްދަވައިފި އެވެ. އެ ގާނޫނު އުފެއްދެވުމުގައި ވެސް ބޭނުންކުރެއްވީ މަކަރާ ހީލަތެވެ. ސަރުކާރު މުޑުދާރު ވެއްޖެއޭ މި ބުނަނީ މި ހުރިހައި ކަމެއް މިހެން ހުރީމަ އެވެ.

އެމެރިކާގެ ތިންވަނަ ރައީސް ތޯމަސް ޖެފަރސަން އަކީ ރައްޔިތުންގެ ބާރުވެރިކަމަށް ވަކާލާތުކުރެއްވި ބޭފުޅެކެވެ. ދައުލަތެއްގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސްއޫލުވެރިކަން އަބަދުވެސް ރައްޔިތުންނަށް އޮތުމަކީ ޖެފަރސަން ދެކެވަޑައިގެންނެވި ހަމަ އެވެ. އޭނާ ވިދާޅުވެފައި އޮވެ އެވެ. "ރައްޔިތުންގެ ފަރާތުން ދޭތެރެއަކުން ކުޑަ ދެކޮޅުވެރިކަމެއް ގެނެސްގަތުމަކީ ދުޅަހެޔޮ ސަރުކާރެއް ހިންގުމަށް ބޭނުންތެރި ބޭހެކެވެ."

ރައްޔިތުންގެ ފަރާތުން ސަރުކާރަށް މި ބޭސް ދޭނީ އިހުތިޖާޖުކުރުމުގެ ގޮތުން ކުރާ މުޒާހަރާއިންނާއި ހަޅުތާލުންނެވެ. މި ސަރުކާރުގެ ހާލަތަށް ބަލާއިރު، ކޮންމެ ދުވަހަކު، ތިންއިރު އިރަކު އެއްފަހަރު މި ބޭސް ދޭންޖެހޭ ވަރަށް ހަގީގަތުގައި މި ސަރުކާރުގެ ބަލި އެއޮތީ ބޮޑުވެފަ އެވެ. އަނިޔާވެރިކަމުގެ ބައްޔާއި ކިބުރުވެރިކަމުގެ ބައްޔާއި ނިފާގުކަމުގެ ބައްޔާއި ގޮތްދޫނުކުރުމުގެ ބައްޔެވެ.

ހަގީގަތަކީ މިއެވެ. ހަމައެކަނި ތައުރީފުކުރާ ރައްޔިތުންގެ ސަބަބުން ސަރުކާރަށް ވެސް އަދި ގައުމަށް ވެސް ލިބޭނޭ ކުރިއެރުމެއް ނެތެވެ. ހަގީގަތުގައި ވެސް ގައުމު ދެކެ ލޯބިވާ ރައްޔިތެއްނަމަ ނަމަ ސަރުކާރަށް ހެޔޮނުބައި ބުނެދީ މަގު ދައްކައިދޭންޖެހެ އެވެ. ރައްޔިތުން ތިބީ ކިހިނެއްކަން ސަރުކާރަށް ދައްކަން ޖެހެ އެވެ. ސަރުކާރާ ދެކޮޅަށް ބޭއްވޭ ހަރަކާތްތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ ސިޔާސީ މަންޒަރު ހަގީގަތުގައި އޮތީ ކިހިނެއްކަން ސަރުކާރަށް ސާފުވާނޭ ކަމެކެވެ. އަދި ބޭނުން ކޮންމެ ހިނދަކު، ބޭނުން ކޮންމެ ކޮށްލާން ސަރުކާރުން ޖެހިލުން ވެސް ވާނޭ ކަމެކެވެ. ސަރުކާރެއް ހަމަ މަގަށް އެޅުވުމަށް އޮތް އެންމެ މޮޅު ފަރުވާއަކީ މިއީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox