ބާސެލޯނާ (ސެޕްޓެމްބަރު 24) - ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު، ގަވީ، ކަކުލުގެ އޮޕަރޭޝަނެއް ކުރުމަށް ފަހު ފަސް މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.
އުމުރުން 21 އަހަރުގެ ގަވީ ވަނީ މި ސީޒަނުގައި ބާސެލޯނާ އިން ކުޅުނު ފުރަތަމަ ދެ މެޗުގައި ކުޅެފަ އެވެ. އޭގެ ފަހުން، އޭނާގެ ކަކުލަށް އަނިޔާވީ ބާސެލޯނާގެ ޓްރެއިނިން ސެޝަނެއްގެ ތެރެއިންނެވެ. ކުރިން ބެލެވުނީ، 2023 ވަނަ އަހަރު ގަވީގެ ކަކުލުގެ ލިގަމެންޓް އިރައިގެން ގޮސް، ދިމާވި އަނިޔާ އަނެއްކާ ވެސް ކުރިމަތިވި ކަމަށެވެ. އެކަމަކު، ޓެސްޓްތަކުން އެނގިގެންދިޔައީ އެ ފަދަ ކަމެއް ނެތް ކަމަށެވެ.
ބާސެލޯނާ އިން ބުނީ، ގަވީ އަށް މި ފަހަރު ކުރިމަތިވީ މެނިސްކަސްގެ އަނިޔާއެއްގެ މައްސަލަ ކަމަށާއި ރިކަވަރީގެ މުއްދަތެއްގެ ގޮތުގައި ބެލެވިފައި އޮތީ ހަތަރެއް ނޫނީ ފަސް މަސް ކަމަށެވެ.
ބާސެލޯނާގެ ތާރީހުގައި އެ ޓީމަށް ކުޅުނު ހަތަރު ވަނައަށް އެންމެ ހަގު ކުޅުންތެރިއާގެ ގޮތުގައި، ގަވީ، ބާސެލޯނާގެ ސީނިއާ ޓީމަށް ކުޅެން ފެށީ، 2021 ވަނަ އަހަރު އެވެ. އޭގެ ފަހުން، ބާސެލޯނާ އަށް 155 މެޗުން ގަވީ ވަނީ 10 ގޯލު ޖަހައި، އެ ކްލަބާ އެކު ފަސް ތަށި ހޯދައިފަ އެވެ.
ގަވީގެ ކަކުލަށް ސީރިއަސް އަނިޔާއެއް އެންމެ ފުރަތަމަ ދިމާވީ، 2023 ވަަނަ އަހަރުގެ ނޮވެމްބަރު މަހު ސްޕެއިނަށް ކުޅެނިކޮށެވެ. އެ އަނިޔާއާ ހެދި ގަވީ އަށް އެނބުރި ކުޅުމަށް އާދެވުނީ 11 މަސް ފަހުންނެވެ.












