މެންޗެސްޓާ (ސެޕްޓެމްބަރު 24) - މެންޗެސްޓާ ސިޓީގެ މެޗުތައް ރޭވިފައި އޮތް ގޮތުގެ ޝެޑިއުލް އެހެން ޓީމުުތަކާ އަޅާކިޔާއިރު އިންސާފުވެރިއެއް ނޫން ކަމަށް އެ ޓީމުގެ ކެޕްޓަން، ބެނާޑޯ ސިލްވާ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގައި ނަޕޯލީ އަތުން 2-0 އިން ސިޓީ މޮޅުވި މެޗު ނިމުނުތާ 66 ގަޑިއިރު ތެރޭ އެ ޓީމުން ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ރަށުންބޭރުގައި އާސެނަލާ ދެކޮޅަށް ކުޅެފަ އެވެ. އެ މެޗުގައި، ސިޓީން ލީޑުނެގި ނަމަވެސް، ފަހު ވަގުތު ލަނޑު ޖަހައި، އާސެނަލުން 1-1 އިން އެއްވަރުކުރި އެވެ.
ސިލްވާ ބުނީ، ސީޒަނުގެ ފޯމަށް އަސަރުކުރާފަދަ މުހިންމު މެޗުތައް ކުޅެން ޖެހޭނީ އެކަށިގެންވާ މުއްދަތެއް ރިކަވަރީ އަށް ލިބުމަށް ފަހު ކަމަށެވެ. އަދި، މި ވަގުތަށް ބަލާއިރު، މި ގޮތަށް ދިމާވަނީ ސިޓީ އަށް ކަމަށްވާތީވެ، މިއީ ރަނގަޅަށް ހިނގާ ކަމެއް ނޫން ކަމަށް ސިލްވާ ވަނީ ބުނެފަ އެވެ.
"ހަަމަ ގައިމު ވެސް އަހަރެން ހުރި މި ލެވަލްގެ މެޗަކަށް އެއްކޮށް ތައްޔާރަކަށެއް ނޫން، މި ލެވަލްގައި ކުޅެފައި ނެތް، މި ލެވަލްގައި ކަންކަން ތަޖުރިބާ ކޮށްފައި ނެތް މީހަކަށް، މި ކަންކަން ނުވިސްނިދާނެ، ޔަގީނުން ވެސް މި ގޮތަށް މި ކަން ދިއުމަކި އިންސާފުވެރި ގޮތެއް ނޫން،" ސިލްވާ ބުންޏެވެ.
މިދިޔަ ސީޒަނުގައި ޕޯޗުގަލް އާއި ސިޓީ އަށް ޖުމްލަ އެކު، ސިލްވާ ވަނީ ޖުމްލަ އެކު، 62 މެޗު ކުޅެފަ އެވެ. ސިލްވާ ބުނީ ޕްރޮފެޝަނަލް ކުުޅުންތެރިންނަކީ ޝަކުވާ ކުރާނެ ބަޔަކަށް ނުވާތީވެ، އެ ވާހަކަ ނުދައްކާ ކްލަބްގެ ނިންމުމަށް އިހުތިރާމްކުރާނެ ކަމަށެވެ. އެކަމަކު، ކަންކަން ރާވާ ފަރާތްތަކުން ހުރިހާ ބަޔަކަށް އިންސާވެރިވާނެ ގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށް ސިލްވާ ވަނީ ބުނެފަ އެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ އާސެނަލް މެޗަށް ފަހު، އެ ޓީމުގެ ކުޅުންތެރިން އެ މެޗު ކުރިއަށްދިޔައިރު، ދިމާވި ވަރުބަލި ކަމުގެ މައްސަލައިގެ ވާހަކަ ދައްކައިފަ އެވެ.












