ވިލިމާލެ ބޭރުގައި އަޅާފައި އޮތް އިންޑިއާގެ ކާގޯ ބޯޓަކުން އެ ގައުމަށް ނިސްބަތްވާ މީހަކު ކަނޑަށް ވެއްޓިގެން، އޭނާ ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ.
ރޭ ދަންވަރު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެމްއެންޑީއެފް އިން ބުނީ އެ މީހާ ކަނޑަށް ވެއްޓުނީ އިންޑިއާގެ ކާގޯ ބޯޓު "އެމްއެސްވީ ޑައުލާ" އިން ކަމަށެވެ. ކަނޑު އުޅަނދުތައް ޓްރެކް ކުރާ ސައިޓުތަކުން ދައްކާ ގޮތުގައި އެ ބޯޓު އަދި ވެސް އޮތީ ވިލިމާލޭގެ އުތުރުގަ އެވެ.
ސިފައިން ބުނާ ގޮތުގައި އިންޑިއާ މީހާ ވެއްޓިގެން ރިޕޯޓު ކުރީ ރޭ 11:30 ހާއިރު އެވެ. އެ ވަގުތުން ފެށިގެން ސިފައިން ގެންދަނީ އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އިންޑިއާ މީހާ ކަނޑަށް ވެއްޓުނު އެމްއެސްވީ ޑައުލާ ބޯޓު މިވަގުތު އޮތް ތަން ---- ފޮޓޯ: މެރިން ޓްރެފިކް
ނަމަވެސް، މިކަމާއި ގުޅިގެން މިއަދު ހެދުނު ފޮނުވި އިތުރު މެސެޖެއްގައި ސިފައިން ބުނީ މިހާތަނަށް އޭނާ ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށެވެ.

އެ މީހާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ކުރަމުންދާ ކަމަށް ވެސް ސިފައިން ބުންޏެވެ. ގެއްލުނު މީހާ ކަނޑަށް ވެއްޓުނު އިރު ލައިގެން ހުރި ހެދުމުގެ ތަފުސީލެއް އަދި އެ މީހާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.













