މިނިވަން ނޫސްވެރިކަމާއި ހިޔާލުގައި ތަޅު އެޅުވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށް މިހާރު ތަސްދީގުކޮށްފައިވާ ގާނޫނާއި، އެކަމާ ދެކޮޅަށް ސެޕްޓެމްބަރު 16، ގައި ކުރި މުޒާހަރާގައި ފުލުހުން ކުރި އަނިޔާ ދުނިޔޭގެ ސަމާލުކަމަށް އައިސް ބައިނަލްއަގުވާމީ މީޑިއާތަކުން އެ ވާހަކަތައް ގެނެސްދީފި އެވެ.
ސަރުކާރު ފަހަތުގައި އޮވެގެން އަމިއްލަ މެންބަރެއް ލައްވާ މަޖިލީހަށް ހުށަހަޅައި އޮގަސްޓު 27، ގައި ބިލު ބަލައިގަތުމާއެކު ވެސް ސަރަހައްދީ ބައެއް ގައުމުތަކުގެ ސަމާލުކަން މިކަމަށް ލިބުނެވެ. އިންޑިއާ އަދި ސްރީލަންކާގެ ބައެއް ނޫސްތަކުން ދެތިން ހަބަރެއް ގެނެސްދިނެވެ.
ބިލު ބަލައިގަންނަން ނިންމުމާއެކު ނޫސްވެރިން ރައީސް އޮފީސް ދޮށަށް އެއްވުމުން ފުލުހުން ބާރުގެ ބޭނުންކޮށް ބައެއް ނޫސްވެރިން ހައްޔަރުކުރި އެވެ. އެއާއެކު ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.
ބޭރު ދުނިޔެއަށް މިކަމުގެ ހުޅުގަނޑު ފަޅައިގެން ދިޔައީ އަންގާރަ ދުވަހު ކުރި މުޒާހަރާތަކުގެ ތެރެއިން ނޫސްވެރިންނާއި އެތަނަށް އެއްވި ސިޔާސީންނާއި އާންމުންނަށް ފުލުހުން ކުރި އަނިޔާތަކުގެ ސަބަބުންނެވެ. އެ މަންޒަރުތައް ފެންނަ އެތައް ވީޑިއޯ އަކާއި ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ.
މިއާއެކު މި ވީ ދެތިން ދުވަހުގެ ތެރޭގައި ސޯޝަލް މީޑިއާ ހުރަސްކޮށް، ބައިނަލްއަގުވާމީ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުހީ އަށާއި ސަރަހައްދީ ޕްރިންޓު ނޫސްތަކުގެ ފްރަންޓް ޕޭޖުތަކަށް ވަނީ އަރާފަ އެވެ. ދިވެހިންގެ އިތުރުން ދެކުނު އޭޝިއާގެ ގިނަ ބަޔަކު މުޒާހަރާގެ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކުރަން ފަށައިފި އެވެ.


މުޒާހަރާގެ ތެރެއިން ފުލުހުން ނޫސްވެރިން ދުރަށް ޖައްސަން މަސައްކަތް ކުރާ މަންޒަރު ފެންނަ ފޮޓޯއަކާއެކު ބަންގްލަދޭޝްގެ މީހަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއް ---
ނޫސްވެރިންގެ މުޒާހަރާ އާއި ކޮންޓްރޯލު ބިލުގެ ވާހަކަތައް ގެނެސްދިން ބޭރުގެ މީޑިއާތައް
- އަލް ޖަޒީރާ: ‘War on free speech’: Outcry after Maldives passes controversial media bill
- ރޮއިޓާސް: Maldives journalists to seek repeal of new media law
- އޭބީސީ ނިއުސް: Maldives leader ratifies controversial law targeting journalists and media outlets
- ދަ ހިންދޫ: Maldives media law sparks concern over press freedom
- ސިލޯން ޓުޑޭ: Maldivian Police remove protesters, journalists Journalist Leevan arrested
- ފަސްޓް ޕޯސްޓު: Why is there an outcry in Maldives after new media law?
- އެންޑީ ޓީވީ: Maldives Media Crackdown: Maldives Passes Controversial Media Bill Amid Widespread Protests
- ދަ ވަޔާ: Maldivian Parliament Passes Contentious Media Regulation Bill Amid Protests
- ވިރަކެސަރި އޮންލައިން: Protest outside parliament in Maldives against media bill
މީގެ އިތުރުން ވެސް އޭޝިއާ، އެމެރިކާ، އަދި ޔޫރަޕުގެ ބައެއް ނޫސްތަކުން އެ ދުވަހުގެ މުޒާހަރާގެ ހަބަރުތައް ގެނެސްދީފައިވެ އެވެ. ނޫސްތަކުގެ ސުރުހީތަކުގެ އިތުރުން އެހެން ގައުމުތަކުގެ ނޫސްވެރިން ސޯޝަލް މީޑިއާގައި ވެސް އެ ދުވަހު ފުލުހުން އަމަލުކުރި ގޮތާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މަޖިލިސް ކުރާ ގޭ ކައިރީގައި ނޫސްވެރިން ކުރަމުންދާ މުޒާހަރާ ރޫޅާލަން ފުލުހުން ބާރުގެ ބޭނުންކޮށް، އަނިޔާކުރި މަންޒަރުތައް ދުނިޔޭގެ ސަމާލުކަމަށް އައުމަށް މެދުވެރިވީ ވެސް މިފަދަ ސޯޝަލް މީޑިއާ ޕޯސްޓުތަކެވެ.
އެ ދުވަހުގެ މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ ބައެއް ނޫސްވެރިންގެ ބޮލަށް ކަކުލުން އަރައި، އަތް އަނބުރައި، އަންނައުނަށް ގެއްލުންދީފަ އެވެ. ބައެއް ނޫސްވެރިންގެ ހަށިގަނޑުން ވަނީ ލޭ އޮހޮރުވާލައިފަ އެވެ. އަނިޔާތަކަށް ބެލުމެއްނެތި އެ ރޭ 9:00 އާއި ހަމައަށް ނޫސްވެރިން މާލޭގެ މަގުތައް މަތީ މުޒާހަރާ ކުރި އެވެ.
މުޒާހަރާގެ ތެރެއިން "އަދަދު" ނޫހުގެ ލީވާން އަލީ ނާސިރު އަނިޔާވެރިކޮށް ހައްޔަރު ވެސް ކުރި އެވެ. އޭނާ ހައްޔަރުކުރިކަން ފުލުހުން ހާމަނުކުރިއިރު، މުޒާހަރާގެ ބައިވެރިން ލީވާން ގެއްލިގެން ހޯދަން އިއުލާނު ވެސް ކުރި އެވެ.
ލީވާން ދޫކޮށްލީ އޭނާ ހައްޔަރުކޮށްފައި ބަހައްޓާފައި ހުރި ތަނެއް ނުބުނެ ގިނަ ވަގުތުތަކެއް ފާއިތުވި ފަހުންނެވެ. ލީވާން ދޫކޮށްލަން އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް އޮތީ ގޮވާލައިފަ އެވެ. އަދި ލީވާން ހައްޔަރު ކުރިކަމުގެ މައުލޫމާތު މި ނޫހުން ވާނީ ބޭރުގެ ގައުމުތަކާއި ޖަމިއްޔާތަކަށް އަންގައިފަ އެވެ.
ލީވާން ދޫކޮށްލުމުގެ ކުރިން، އޭނާ ހުރި ތަނެއް ހޯދުމަށް މި ނޫހުގެ ވަކީލުން މެދުވެރިކޮށް މަސައްކަތް ކުރުމުން ވެސް ލީވާން ހުރި ތަނެއް ބުނަން ފުލުހުން ވަނީ ދެކޮޅު ހަދައިފަ އެވެ. އެއީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން މަނާ ކަމެކެވެ.
ނޫސްވެރިންގެ މުޒާހަރާގައި ފުލުހުން އަމަލުކުރި ގޮތަށް ކުރިމަތިވި ފާޑުކިޔުންތަކާއެކު، ގޯސްތަކަށް އެއްބަސްވުމުގެ ބަދަލުގައި، މުޒާހަރާގައި ބައިވެރިވި މީހުންނާއި ނޫސްވެރިންނަށް ފުލުހުން އަނިޔާ ކުރި ކަމަށް ފެންނަނީ ފޮޓޯ ނަގާފައިވާ އޭންގަލުން ކަމަށް ބުނެ ހާލަތާ ނުބައްދަލު ބާރުގޭ ބޭނުން ކުރުން ފުލުހުން ވަނީ ދިފާއުކޮށްފަ އެވެ.
ބޭރުގެ ޕްރެޝަރު ބޮޑުވެ އިނގިރޭސިންނާއި ދިވެހިން އިއްޔެ ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ އެ އިދާރާގެ ހުއްދައެއް ލިޔުމުން ލިބިގެން މެނުވީ، އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ނުބޭއްވޭނެ ކަމަށެވެ.
ގާނޫނުއަސާސީން ލިބިދޭ އެއްވެ އުޅުމުގެ މިނިވަކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުލުހުންނަކަށް ވެސް ހުރަހެއް ނޭޅޭނެ އެވެ. މަޖިލިސް ކައިރީގައި ކުރި މުޒާހަރާއަކީ ގާނޫނާ ހިލާފު އެއްވުމެއް ކަމަށް ފުލުހުން ވަނީ ކަނޑައަޅާފަ އެވެ.













