މަޖިލިސް ކައިރިއަށް އެއްވި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި

Sep 17, 2025, 10:56 AM
މަޖިލިސް ދޮށުގައި އަޑުއުފުލަމުން ދިޔަ މީހަކު ފުލުހުން ބާރުގެ ބޭނުންކޮށްގެން ގެންދަނީ. ގިނަ ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބުނު --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

މަޖިލިސް ދޮށުގައި އަޑުއުފުލަމުން ދިޔަ މީހަކު ފުލުހުން ބާރުގެ ބޭނުންކޮށްގެން ގެންދަނީ. ގިނަ ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބުނު --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ސަރުކާރު އަޑީގައި އޮވެ ނޫސްވެރިކަން ނެތިކޮށްލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓް ރެގިއުލޭޝަން ބިލް" ފާސްނުކުރުމަށް ގޮވާލައި މަޖިލިސް ދޮށުގައި އިއްޔެ ކުރި މުޒާހަރާގައި ބައިވެރިވި މީހުންނާއި ނޫސްވެރިންނަށް ފުލުހުން އަނިޔާކުރި މައްސަލަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅައިފި އެވެ.

އެ މުޒާހަރާގައި ފުލުހުން ވަނީ ބައެއް ނޫސްވެރިންނާއި އާންމުންގެ ބޮލަށް ކަކުލުން އަރައި، އަތް އަނބުރައި، އަންނައުނަށާއި ކެމެރާ ފަދަ ސާމާނަށް ގެއްލުންދީފަ އެވެ. ބައެއް ނޫސްވެރިންގެ ހަށިގަނޑުން ވަނީ ލޭ އޮހޮރުވާލައިފަ އެވެ.

"އަޅުގަނޑުމެން އެންއައިސީއަށް މި އައީ އެ ވާހަކަތައް ހިފައިގެން. އަޅުގަނޑުމެން ދެންނެވިން ކީއްވެގެންތޯ ތި ބޭފުޅުން އަމިއްލަ އިސްނެގުމަށް މި މައްސަލަތައް ނުބަލަނީ. މުޅި މީޑިއާގައި އޮތީ އަނިޔާގެ ފޮޓޯތަކާއި ވީޑިއޯތައް. އެ ބޭފުޅުން އަދިވެސް އިސްނަގައިގެން އެ މައްސަލަތައް ނުބަލާ،" އެންއައިސީ ކުރިމަތީގައި ހުންނަވާ އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ވިދާޅުވި އެވެ.

Advertisement

މުޒާހަރާގެ ތެރެއިން އަދަދުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު އަދި ޓެކްސީ ޑްރައިވަރު މުހައްމަދު ޝާމިން ހައްޔަރުކުރި އެވެ. ނަމަވެސް، ޕްރެޝަރު ބޮޑުވުމުން ފަހުން ދޫކޮށްލީ އެވެ.

އިއްޔެ މަޖިލީހުގެ ތަޅުމުން ބިލު ފާސްކުރީ އިހުތިޖާޖު ކުރަމުންދިޔަ އެމްޑީޕީގެ މެންބަރުން ތަޅުމުން ނެރުމަށް ފަހު އެވެ. މަޖިލިސް ދޮރުމަތިން ފަހަތަށް ޖެއްސި ނަމަވެސް ހެނދުނުން ފެށިގެން 12 ގަޑިއިރު ވަންދެން އިއްޔެގެ މުޒާހަރާ ކުރިއަށްގެންދިޔަ އެވެ.

ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމުގެ ބާރު އަދިވެސް އޮތީ ލިބޭ ގޮތަށެވެ. އަދި މީޑިއާތައް ޖޫރިމަނާ ކުރެވޭ މާއްދާ ވެސް އަދިވެސް އެބަ އޮތެވެ. އުނި ކުރީ ވަކި ވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް މާއްދާ އެވެ. އަދި ކޮމިޝަނުން ބޭނުންވާ މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލު ކުރެވޭނެ ގޮތަށް އޮތް މާއްދާތައް ވެސް އެބަހުއްޓެވެ.

ތެދު ހަބަރަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ލިބެނީ ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށެވެ. އަދި މީޑިއާ އެތިކްސް ހެދުމުގައި ކަނޑައަޅަންޖެހޭ އުސޫލުތައް ވެސް ބަޔާންކޮށްފައި ހުރީ އެ ބިލުގަ އެވެ. އޭގެ ތެރޭގައި، އާންމު މަސްލަހަތު ގެއްލޭ މައުލޫމާތަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox