ދައުލަތުގެ ބަޖެޓުން މި އަހަރުގެ މިހާތަނަށް މުސާރައާއި އިނާޔަތްތަކަށް އަދި ޕެންޝަނަށް ކުރި ހަރަދު އެތައް ސަތޭކަ މިލިއަނުން އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސުން މިއަދު އާންމުކޮށްފައިވަނީ މި މަހުގެ ހަތަރަކާއި ހަމައަށް ދައުލަތުން ކުރި ހަރަދުތަކާއި ލިބުނު އާމްދަނީގެ ހިސާބުތަކެވެ.
އެ ހިސާބުތަކުން ދައްކާ ގޮތުގައި ސެޕްޓެމްބަރު 4، އާއި ހަމައަށް މުސާރައާއި އިނާޔަތްތަކަށް އަދި ޕެންޝަނަށް ކުރި ހަރަދު ކުރީ ޖުމްލަ 9.5 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 575.4 މިލިއަން ރުފިޔާއިން އިތުރުވެފަ އެވެ.
މީގެ ތެރެއިން ވަކި ވަކި ހަރަދުތަކަށް ބަލާއިރު؛
- މި އަހަރު މުސާރައަށް ހަރަދުކުރީ 4.3 ބިލިއަން ރުފިޔާ. މިއީ މިދިޔަ އަހަރަށް ވުރެ 300 މިލިއަން ރުފިޔާ އިތުރު އަދަދެއް.
- އިނާޔަތްތަކަށް މި އަހަރު ހަރަދުކުރީ 3.8 ބިލިއަން ރުފިޔާ. މިއީ މިދިޔަ އަހަރަށް ވުރެ 200 މިލިއަން ރުފިޔާ އިތުރު އަދަދެއް.
- 65 އަހަރު ފުރުމުން ދޭ އިނާޔަތް ހިމެނޭހެން ޕެންޝަނަށް މި އަހަރަ ހަރަދުކުރީ 1.4 ބިލިއަން ރުފިޔާ.
މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު އިތުރުވެފައި މިވަނީ، މި ސަރުކާރުން ސިޔާސީ މުވައްޒަފުންގެ އަދަދު ދަމަހައްޓާނެ ކަމަށް ބުނި އަދަދު ކަމަށްވާ 700 އަށްވުރެ ގިނައިން މުވައްޒަފުން ނަގާފައި ވަނިކޮށެވެ. ސިޔާސީ މުވައްޒަފުންގެ ރަސްމީ އަދަދުގެ ގޮތުގައި ސަރުކާރުން ބުނަނީ 922 އެވެ.
ނަމަވެސް، އިދިކޮޅު ފަރާތްތަކުން ބުނަނީ ސިޔާސީ މުވައްޒަފުންގެ އަސްލު އަދަދު ހުރީ 2،000 އިން މަތީގަ ކަމަށެވެ. ސަރުކާރުން ސިޔާސީ މުވައްޒަފުންގެ އަދަދު ގުނީ ރައީސް އޮފީހާއި މުލީއާގެ އަދި ހިލާލީ ގޭގެ މުވައްޒަފުން ނުހިމަނަ އެވެ.

މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު އިތުރުވި ނަމަވެސް، އިދާރީ އަދި އޮޕަރޭޝަނަލް ކަންކަމަށް ކުރި ހަރަދުތައް ވަނީ ދަށަށް ގޮސްފަ އެވެ. ދަތުރުތަކަށް ކުރި ހަރަދު ވެސް ވަނީ 10 މިލިއަން ރުފިޔާ ދަށަށް ގޮސްފަ އެވެ.
އިދާރީ އަދި އޮޕަރޭޝަނަލް ކަންކަމުގެ ތެރެއިން ހަރަދު އިތުރުވެފައި ވަނީ އާސަންދައަށް ކުރި ހަރަދެވެ. މިދިޔަ އަހަރަށް ވުރެ މި އަހަރު އާސަންދައަށް ކުރި ހަރަދު 167.1 މިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ.












