އެމްޑީޕީ ގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަންގެ މައްޗަށް ޖިނާއީ 14 ކުށެއްގެ ތުހުމަތުކޮށް އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައި ދިނުމަށް ފުލުހުންގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދުނުކަން ހާމަވެއްޖެ އެވެ.
ހުސައިންގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ފުލުހުންގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމުގައި ބުނެފައިވާ ގޮތުން އޭނާ ބަންދު ކުރެވުނީ 14 ކުށެއް ކުރިކަމަށް ތުހުމަތު ކުރެވޭތީ އެވެ. އޭގެ ތެރޭގައި ހިމެނެނީ ގައިގައި އަތްލުމާއި، ޖެހުމާއި، ކުށެއް ކުރަން އެދުމާއި، ކުށެއް ކުރަން އުޅުން ފަދަ ތުހުމަތުތަކެވެ.
ފުލުހުން ކުރާ ތުހުމަތުތައް
- މީހެއްގެ ރުހުމާ ނުލައި އޭނާ ގައިގައި އަތްލުމުގެ ކުށުގެ ތިން ތުހުމަތު
- މީހެއްގެ ރުހުމާ ނުލައި އޭނާ ގައިގައި އަތްލުން ނުވަތަ އޭނާއަށް އަނިޔާކުރުމުގެ ކުށުގެ އެއް ތުހުމަތު
- ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ޒިންމާއަށް ހުރަސް އެޅުމުގެ ކުށުގެ އެއް ތުހުމަތު
- ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށުގެ ދެ ތުހުމަތު
- އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލުކުރުމުގެ ކުށުގެ ދެ ތުހުމަތު
- ކުށެއް ކުރަން އުޅުމުގެ ކުށުގެ ހަތަރު ތުހުމަތު
- ކުށެއް ކުރާ އާލާތެއް ހުރެދާނެ ކަމުގެ ކުށުގެ އެއް ތުހުމަތު
މި ހުރިހައި ތުހުމަތުތަކެއް ކުރިނަމަވެސް، ކޯޓުގައި ފުލުހުން ބުނީ ހުސައިން ހައްޔަރު ކުރީ ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކުރި ވަގުތު އެތަނުގައި ހުރެފައި ހުސެއިން ފޮޓޯއެއް ނަގާފައިވާތީއާއި، އެ ފޮޓޯ ޑިލީޓު ކުރަން ތަކުރާރުކޮށް އެންގުމުން ވެސް ފޮޓޯ ޑިލީޓު ނުކޮށް އިތުރު ފޮޓޯ ނަގަން އުޅުމުން ކަމަށެވެ. އެހެންނަމަވެސް ހުސައިން ބަންދުގައި ބެހެއްޓުމަށް އެދި ހުށަހެޅި ފޯމުގައި ފޮޓޯ ނެގުން ކުށެއްގެ ގޮތުގައި ފާހަގަކޮށް، އޭނާގެ މައްޗަށް ތުހުމަތެއްކޮށްފައެއް ނުވެ އެވެ.
ހުސެއިންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިޔުމުން ހުސެއިން ދޫކޮށްލީ އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލައިގައި ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށެވެ.
މަންޒަރު ދުށް މީހުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި ފުލުހުން އޮޕަރޭޝަން ހިންގަމުން ދިޔައީ ސަރަހައްދު ވަކިކުރަން ޓޭޕު ދަމައިގެންނެއް ނޫނެވެ. ހާމަކޮށް މަގުމަތީގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ފޮޓޯ ނެގުމަކީ ޖިނާއީ ކުށެއް ކަމަށް ބަލައި މީހަކު ހައްޔަރު ނުކުރެވޭނޭ ކަމަށް ހުސައިންގެ ވަކީލުން ކޯޓުގައ ބުނެފައި ވެ އެވެ.

ހުސެއިން ހައްޔަރު ކުރި ވަގުތު އޭނާގެ އަތަށް އަނިޔާވެފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ހުސެއިންގެ ލޯޔަރު، އިބްރާހިމް ޝިޔާމް ރޭ ވިދާޅުވި އެވެ.













