މަސްތުވާތަކެތި ވިއްކާ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މާލޭގެ ގެއެއް ބަލައި ފާސްކޮށް ތިން މީހުން ފުލުހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ޝަރުތު ކުރުމަށްފަހު އޭގެ ތެރެއިން އެކަކު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި ހައްޔަރު ކުރި އަބްދުލްގަނީ އަބްދުލްމަޖީދު، 56، ނަރުގިސްމާގެ، ސ. ހިތަދޫ އާއި ހަމަ އެ ގޭ، އަހްނަފް އަޝްރަފް، 27، 15 ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.
އެ މީހުން ހައްޔަރު ކުރީ މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމެންޓް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެެއްގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް މާފަންނު ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 304.73 ގްރާމްގެ ތަކެއްޗާއި މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ 41500ރ. ފެނިފައިވާ ކަމަށެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.














