މެންޗެސްޓާ (ސެޕްޓެމްބަރު 3) - މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ރަޔާން ޗާކީ އަށް އަނިޔާވެ ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.
ފްރާންސްގެ 21 އަހަރުން ދަށުގެ ގައުމީ ޓީމާއި ސީނިއާ ޓީމަށް ވެސް ކުޅޭ ޗާކީ ވަނީ މި ފަަހަރުގެ ޓްރާންސްފާ މާކެޓްގައި ލިޔޯން ދޫކޮށް، 35 މިލިއަން ޑޮލަރުގެ ޑީލެއްގައި ސިޓީ އަށް ބަދަލުވެފަ އެވެ.
މި ސީޒަނުގައި ސިޓީން ކުޅުނު ފުރަތަމަ ދެ މެޗުގައި ޗާކީ ވަނީ ކުޅެފަ އެވެ. އެއީ، ވުލްވްސް އާއި ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށެވެ. އެކަމަކު، ސިޓީން އެންމެ ފަހުން ބްރައިޓަންއާ ކުޅެ، ބަލިވި މެޗުގައި ޗާކީ ނުފެނެ އެވެ.
ސިޓީން ދަށް ނަތީޖާތަަކަކާ އެކު، ސީޒަން ފަށަން ޖެހުނުއިރު، ޗާކީ އަށް މި ދިމާވި އަނިޔާގެ މައްސަލައާ ހެދި އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ އަށް އޮތް ބޮލުގެ ރިހުން ބޮޑުވާނެ އެވެ. ގާޑިއޯލާ ބުނީ ޔަގީނުން ވެސް ހަތެއް ނޫނީ އަށް ހަފްތާ އަށް ޗާކީ އަށް މެޗެއް ކުޅެވޭނެ ގޮތެއް އަދި ނުފެންނަ ކަމަށެވެ.
ޗާކީގެ ފަލަމަސްގަނޑަށް އަނިޔާވެގެން ކުޅުމާ ދުރުގައި ހުންނަން ޖެހި، މުހިންމު މެޗުތަކެއް ގެއްލޭއިރު، ސިޓީން ވަނީ ޓްރާންސްފާ ފަހު ދުވަހު، ހިލޭ ޓްރާންސްފާއެއްގައި އިލްކާއި ގުންޑޮގާން، ގަލަތަސަރާއި އަށް ދޫކޮށްލައިފަ އެވެ.
ޗާކީ އަށް ގެއްލޭނެ މެޗުތަކުގެ ތެރޭގައި، އޭނާ އެންމެ ބޮޑަށް ކުޅެން ބޭނުންވެގެން ހުރި މެންޗެސްޓާ ޔުނައިޓެޑް މެޗު ވެސް ހިމެނެ އެވެ. ޕްރިމިއާ ލީގުގައި އެންމެ އަވަހަށް ސިޓީން ކުޅޭނީ ޔުނައިޓެޑާ އެވެ. އެއީ، މި މަހުގެ 14 ވަނަ ދުވަހުގެ ރޭގަ އެވެ. މީގެ އިތުރުން ވެސް ޕްރިމިއާ ލީގުގެ މުހިންމު މެޗުތަކަކާއި ޗެމްޕިއަންސް ލީގުގެ ލީގު ބުރުގެ ފުރަތަމަ މެޗުތައް ޗާކީ އަށް ގެއްލޭނެ އެވެ.












