މިއުނިކް (ސެޕްޓެމްބަރު 2) - ޗެލްސީ އަށް ކުޅެމުން އަންނަ ސެނެގާލްގެ ފޯވާޑް، ނިކޮލަސް ޖެކްސަން، އެންމެ ފަހުން ޖަރުމަނުގެ ޗެމްޕިއަން، ބަޔާން މިއުނިކަށް ސޮއިކޮށްފި އެވެ.
ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ މީގެ ކުރިން އޭނާގެ ޕްލޭނުގައި ޖެކްސަން ނެތްކަމަށް މީޑިއާގައި ހާމަކޮށްފަ އެވެ. އޭގެ ފަހުން، އިނގިރޭސި ގިނަ ކްލަބްތަކަކުން ޖެކްސަން ގެންނަން ކުރި އޮފާތަކަށް ނޫނެކޭ ބުނެ، ޗެލްސީން ނިންމީ ބަޔާނަށް ޖެކްސަން ދޫކޮށްލުމަށެވެ.
އެކަމަކު، އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން ފުލަމްއާ ކުޅުނު މެޗުގައި، އެ ޓީމުގެ އިނގިރޭސި ފޯވާޑް، ލިއަމް ޑެލަޕް އަށް އަނިޔާވުމުން ޗެލްސީން މި ވަނީ ޖެކްސަންގެ ޑީލް ހުއްޓުވައިފަ އެވެ. ޑެލަޕްގެ އަނިޔާ ސީރިއަސް ކަމަށް ބެލެވޭއިރު، ޗެލްސީން ވަގުތުން ނިންމީ، މިއުނިކަށް ގޮސް ހުރި ޖެކްސަންގެ ޑީލް ކުރިއަށް ނުގެންދަން ނިންމައި، އަނބުރާ ލަންޑަނަށް އައުމަށް ޖެކްސަން ގެނައުމަށެެވެ.
އެހެން ނަމަވެސް، އަނެއްކާ ވެސް ޓްރާންސްފާގެ ފަހު ދުވަހުގައި ބަޔާނާއި ޗެލްސީން ޖެކްސަންގެ ޓްރާންސްފާގެ މަޝްވަރާތައް އަލުން ފަށައި، އެ ޑީލް ނިންމީ އެވެ. ކުރިން ވެސް އެއްބަސްވެވުނު ގޮތަށް ބަޔާނުން 15 މިލިއަން ޑޮލަރުގެ ލޯން ފީއެއް ދައްކާނެ އެވެ. އަދި، ލޯން ނިމުމުން ޖެކްސަން، 80 މިިލިއަން ޑޮލަަރަށް ގަންނަން ވަނީ އެއްބަސްވެފަ އެވެ. އެއީ، ލޯންގައި ހުންނަ މުއްދަތުގެ ތެރޭގައި، ޖެކްސަން ވަކި އަދަދަަކަށް މެޗު ކުޅެ، ޓާގެޓްތަކެއް ހާސިލްކޮށްފިނަަަމަ އެވެ.
މީގެ އެއް އަހަރު ކުރިން، ވިޔަރެއާލަށް 40 މިލިއަން ޑޮލަރު ދީފައި، ޗެލްސީން ގަތް ޖެކްސަން، 24، އަށް އެކަށީގެންވާ ވަރުގެ ކުރިއެރުމެއް އެ ޓީމާ އެކު ހޯދިފައިނުވެ އެވެ. ޖެކްސަންއާ އެކު، ޗެލްސީން މިދިޔަ ސެޕްޓެމްބަރު މަހު ސޮއިިކުރި ނުވަ އަހަރުގެ ކޮންޓްރެކްޓް ހަމަވާނީ 2033 ވަނަ އަހަރު އެވެ. ޗެލްސީއާ އެކު، ޖެކްސަން ކުޅުނު ފުރަތަަމަ ސީޒަނުގައި، 35 މެޗުން 14 ގޯލު ޖަހައި، ފަސް ލަނޑު ޖަހަން ފުރުސަތު ހޯދައިދިންއިރު، ދެ ވަނަ ސީޒަނުގައި، 30 މެޗުން ޖެހުނީ 10 ގޯލެވެ. އަދި، ފަސް ލަނޑު ޖަހަން ފުރުސަތު ހޯދައިިދިނެވެ.












