މީޑިއާ ނެތިކޮށްލާ ބިލު އޮތީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވާނެ ގޮތަށް: އެޗްއާރްސީއެމް

އެޗްއާރްސީއެމްގެ މެންބަރުން

އެޗްއާރްސީއެމްގެ މެންބަރުން

މިނިވަން މީޑިއާ ނެތިކޮށްލުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އޮތީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވެދާނެ ގޮތަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން މިއަދު ބުނެފި އެވެ.

އެޗްއާރްސީއެމް އިން ބިލަށް ހުށަހެޅި ކޮމެންޓުތަކުގައި ބުނީ އެކި ޕްލެޓްފޯމުތަކުގައި އަމިއްލަ ހިޔާލާއި ވާހަކަތައް ހިއްސާކުރާ ފަރުދުން ދައުލަތުގެ ކޮމިޝަނެއްގެ ބެލުމުގެ ދަށުގައި ރަޖިސްޓްރީ ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ބްލޮގަރުން، ނުވަތަ އޮންލައިންކޮށް އަމިއްލަ ހިޔާލު ފާޅުކުރާ، ނުވަތަ ވާހަކަ ހިއްސާކުރާ، ނުވަތަ އައު ހިޔާލުތައް ހުށަހަޅާ ކޮންމެ ފަރުދަކު ރަޖިސްޓްރީވެ، ލައިސަންސް ހޯދައި، ދައުލަތުގެ ކޮމިޝަނެއްގެ ބެލުމުގެ ދަށުން ރެގިއުލޭޓްކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމަކީ މި ކޮމިޝަނުގެ ކަންބޮޑުވުން އޮތް ކަމެއް،" އެޗްއާރްސީއެމް އިން ބުންޏެވެ.

Advertisement

ބައިނަލްއަގުވާމީ އުސޫލުތަކާ ހިލާފަށް ބިލުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަރަށް ބޮޑަށް ހަނިވާ ގޮތަށް ކަންކަން ހިމެނިފައިވާ ކަމަށާއި މިނިވަން އަޑުތަކަކީ ދައުލަތުގެ ބާރުގެ ދަށަށް ގެންނަން ޖެހޭ ކަމެއް ގޮތުގައި ޑިމޮކްރެޓިކް ގައުމުތަކުން ނުދެކޭ ކަމަށެވެ.

"މިފަދަ އުސޫލެއް ގެންގުޅުމަކީ ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކާ ހިލާފު، އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވެދާނެ ކަމެއް. ޑިމޮކްރެޓިކް ގައުމުތަކުގައި، މިނިވަން އަޑުތަކާއި ރައްޔިތުންގެ ނޫސްވެރިކަން ރައްކާތެރިކޮށްދޭ. އަދި އެއީ، ދައުލަތުގެ ބާރުގެ ދަށަށް ގެންނަންޖެހޭ ކަމެއްގެ ގޮތުގައި އެ ގައުމުތަކުން ނުދެކޭ." އެ ކޮމިޝަނުން ބުންޏެވެ.

އެޗްއާރްސީއެމް އިން ބުނީ ޑިމޮކްރެޓިކް ގައުމުތަކުގައި ބްރޯޑްކާސްޓް މީޑިއާ އާއި ޕްރިންޓް މީޑިއާ ހިންގަމުން އަންނަނީ އަސާސީ ގޮތުން ތަފާތު އޮނިގަނޑުތަކެއްގެ ދަށުން ކަމަށާއި އެއް ސުލޫކީ މިންގަނޑެއް ބޭނުންކޮށްގެން އެ ދެ ނިޒާމު ރެގިއުލޭޓް ކުރުމަކީ އެ ގައުމުތަކުން އަމަލުކުރާ އުސޫލެއް ނޫން ކަމަށެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ވެސް، ހާއްސަކޮށް ސިޔާސީ ވާހަކަތަކަށް، ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ފުޅާ ދާއިރާއެއްގައި މިނިވަންކަމެއް ދޭންވާނެ ކަމަށް ބައިނަލްއަގުވާމީ މިންގަނޑުތަކުގައި ބަޔާން ކޮށްފައިވާ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.

އިނގިރޭސިވިލާތުގެ ޕްރިންޓް މީޑިއާ ބަލަހައްޓަނީ އައިޕީއެސްއޯފަދަ މިނިވަން މުއައްސަސާތަކުންކަން ފާހަގަކޮށް އެޗްއާރްސީއެމްއިން ބުނީ ބްލޮގް ލިޔާ ނުވަތަ އޮންލައިންކޮށް ހިޔާލު ފާޅުކުރާ ފަރާތްތަކުން ލައިސަންސް ނުވަތަ ރަޖިސްޓްރޭޝަން ހޯދަން ނުޖެހޭ ކަމަށެވެ.

މީގެއިތުރުން ބްރޯޑްކާސްޓް މީޑިއާ ރެގިއުޅޭޓް ކުރުމަށް ކަނޑައަޅާ ކޮމިޝަންތަކާ ހިލާފަށް ޕްރިންޓް މީޑިއާއަށް އިނގިރޭސިވިލާތުގައި އޮންނަނީ ސެލްފް ރެގިއުލޭޓް ނިޒާމެއްކަން އެޗްއާރްސީއެމް އިން ފާހަގަކުރެ އެވެ.

މިނިވަން މީޑިއާ ނެތިކޮށްލާ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށް ބިލުގައި ބުނެ އެވެ. އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. އެފަދަ އިންތިހާބެއްގައި ބައިވެރިވެވޭނީ ވުޖޫދުވިތާ ފަސް އަހަރުވެފައިވާ މީޑިއާތަކަށެވެ.

މީޑިއާ ރެގިއުލޭޓު ކުރަން އެކުލަވާލާ ކޮމިޝަނެއްގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންތަކެއް ތިބެންޖެހޭ ސަބަބެއް އެ ބިލުގައި ބަޔާންކޮށްފައެއް ނުވެ އެވެ. އަދި ބިލުގައިވާ ގޮތުން ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ބިލުގައިވާ ގޮތުން ބޮޑެތި ބާރުތަކެއް އަލަށް އުފައްދާ ކޮމިޝަނަށް ލިބޭނެ އެވެ. އޭގެ ތެރޭގައި، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރުމާއި މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުން ހިމެނެ އެވެ. އަދި ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލަމުންދަނިކޮށް، ނޫސް ވެބްސައިޓެއް ބްލޮކް ކުރުން ނުވަތަ ޓީވީގެ ބްރޯޑްކާސްޓު ހުއްޓުވަން އެންގުމުގެ ބާރު ވެސް ކޮމިޝަނަށް ލިބޭނެ އެވެ.

މީޑިއާތައް ނެތިކޮށްލާ ބިލާ ގުޅިގެން މީޑިއާ ކައުންސިލާއި، ބްރޯޑްކާސްޓިން ކޮމިޝަން، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އެ ބިލު ބޭރުކޮށްލަން ގިނަ ބަޔަކު ހަރު އަޑުން ދަނީ ގޮވާލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox