މިއުނިކް (އޮގަސްޓް 31) - ޖެހިޖެހިގެން ދެ ވަނަ މެޗުގައި ލުއިސް ޑިއާޒް ޖެހި ގޯލާ އެކު، ބަޔާން މިއުނިކުން 3-2 އިން ޖަރުމަނު ލީގުގައި އޮއުސްބާގް އަތުން މޮޅުވެއްޖެ އެވެ.
މިދިިޔަ ހަފްތާގައި ބަޔާނުން އާރްބީ ލައިޕްޒިގު އަތުން މޮޅުވި މެޗުގައި ވެސް ގޯލު ޖެހި ޑިއާޒް ވަނީ ރޭ އޮއުސްބާގް ކޮޅަށް ވެސް މުހިންމު ގޯލެއް ޖަަހައިފަ އެވެ.
ބަޔާން ދަނޑުގައި ރޭ އެ ޓީމުން ކުޅުނު މެޗުގައި ލީޑުނެގީ 28 ވަނަ މިނިޓްގައި ހެރީ ކޭން ދިން ބޯޅައަކުން ސާޖް ގްނާބްރީ ޖެހި ގޯލުންނެވެ. އަދި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި، ކޮންރަޑް ލައިމާ ދިން ބޯޅައަކުން ޑިއާޒް ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައި، ބަޔާނަށް ދެ ގޯލުގެ ލީޑެއް ހޯދައިދީފަ އެވެ.
ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނިޓްގައި ކޭން ދިން ބޯޅައަކުން މައިކަލް އޮލީސޭ ވަނީ ބަޔާނުގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.
ޖުމްލަ ގޮތެއްގައި ފުރަތަމަ ހާފަށް ވުރެ ދެ ވަނަ ހާފުގައި ރަނގަޅަށް ކުޅުނު އޮއުސްބާގުން މި ހާފުގައި ދެ ގޯލު ޖަހައި، ބަޔާނާ ދެެމެދު ފަރަގުކުޑަކުރި އެވެ. އެ ގޮތުން، ކްރިސްޓްޔާން ޖަކިޗް އާއި މާޓް ކޯމޫރު ވަނީ އޮއުސްބާގުގެ ލަނޑުތައް ޖަހައިފަ އެވެ. އޭގެ ފަހުން، ބަޔާނުން ރަނގަޅަށް ޑިފެންސްކުރިއިރު، އިތުރު ގޯލެއް ޖަހައި، ލީޑު ބޮޑުކުރަން ލިބުނު ފުރުސަތުތައް ނަގާލި އެވެ.
ފުރަތަމަ ދެ މެޗުން ބަޔާން މޮޅުވިޔަސް އެ ޓީމުގެ ކޯޗު ވިންސެންޓް ކޮމްޕެނީ ބުނީ މެޗުތަކުން މޮޅުވުމުގެ ހިތްހަމަޖެހުން އޮތް ނަމަވެސް ކޯޗެއްގެ ގޮތުގައި ވިސްނާއިރު ރަނގަޅުކުރަން ޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށެވެ.












