އޮޑި ސްޕޯޓްސް ކްލަބްގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ހައިޝަމް ރަޝީދު (ހައި) އާއި އަހުމަދު ނޫމާން (ހެލްމެޓް) އަށް ސީރިއަސް އަނިޔާއެއްވެ، ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.
އޮޑިން އެ ކްލަބްގެ ތާރީހުގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި، ފުރަތަމަ ފަހަރަށް ވާދަކުރާ އަހަރުގައި ފެންވަރު ރަނގަޅު ޓީމެއް ވަނީ އެކުލަވާލައިފަ އެވެ.
އަންނަ މަހު ފަށާ ދިވެހި ޕްރިމިއާ ލީގާއި ކުރިއަށް އޮތް ސީޒަނުގައި ވާދަކުރަން، ސްޕެއިނުގެ ކޯޗު އަންދްރެސް ގާސިއާއާ އެކު، އޮޑިން ވަނީ ޕްރީ ސީޒަން ފަށައިފަ އެވެ. ގާސިއާ ތައާރަފްކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އޮޑީގެ ޖެނެރަލް ސެކްރެޓަރީ، އަލީ ޝިފާޒު ވަނީ ހައިޝަމް އާއި ހެލްމެޓުގެ އަނިޔާގެ ވާހަކަ މީޑިއާގައި ހިއްސާކޮށްފަ އެވެ.
"ލިބުނު ދެރަ އަކީ މި ބްރޭކް ތެރޭގައި އަޅުގަނޑުމެންގެ އެންމެ ރަނގަޅު ޕްލޭޔަރުންގެ ތެރެއިން ދެ ޕްލޭޔަރުން ކަމަށްވާ ހެލްމެޓް އިންޖަރީވެއްޖެ، ދެން، ހައިޝަމް ވެސް އިންޖަރީގައި އެ ހުރީ. މި ފަހަރު މި ދެ ކުޅުންތެރިން ޓީމާ އެކު ފަރިތަނުކުރާނެ، ބޮޑަށް ލަފާ ކުރަނީ އޭސީއެލް ސާޖަރީއަކަށް ދާން ޖެހެނީ. މި ފަހަރު ލީގު ވެސް މި އޮތީ ހަ ވަރަކަށް މަސް. ހަ މަސް ދުވަސް ފަހުން ކަންނޭނގެ ރިކަވާ ވެގެން އާދެވޭނީ ވެސް،" ޝިފާޒް ފާހަގަކުރި އެވެ.
ގައުމީ ޓީމަށް ވެސް ކުޅެފައިވާ ހައިޝަމް އާއި ހެލްމެޓް ވަނީ، މެއި މަހު ކުޅުނު އެފްއޭއެމް ލީގު ކަޕްގައި އޮޑި އަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޮޑިން ލީގު ކަޕް ފައިނަލަށް ދިޔައިރު، ހައިޝަމް އާއި ހެލްމެޓް ވަނީ މުހިންމު ގޯލުތަކެއް ޖަހައިފަ އެވެ.
ހެލްމެޓު ވަނީ ފުރަތަމަ ޑިވިޝަނުގައި ކްލަބް އީގަލްސް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ތިނަދޫ ފުޓްބޯޅަ ޓީމަށް ވެސް ކުޅެފަ އެވެ. ހައިޝަމް ވަނީ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ.
ކުރިން އޮޑި ޓީމަށް ކުޅުނު މިސްރުގެ އިސްލާމް ފެކްރީގެ އިތުރުން ލިތުއޭނިއާގެ ފޯވާޑަކާއި ގެމްބިއާގެ މިޑްފީލްޑަރަަކާއި ނޭޕާލް ގައުމީ ޓީމުގެ ޑިފެންޑަރެއް އެ ޓީމަށް ގެންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.











