ރައީސުލްޖުމްހޫރިއްޔާ ހދ. ހިރިމަރަދޫގައި ދެއްކެވި ވާހަކަފުޅެއްގައި 'ވައްކަން ކުރަންވާނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް' ކަމަށް ވިދާޅުވާހެން ހީވާތީ އެމަނިކުފާނުގެ ތަގުރީރުން އެބައި އުނިކޮށްފި އެވެ.
ކުދި ރަށްރަށުގެ އާބާދީ އެހެން ރަށަކަށް ބަދަލު ކުރުމުގެ މައުލޫގައި ހދ. ހިރިމަރަދޫގައި މުއިއްޒު ދެއްކެވި ވާހަކަ އަޑުއެހުމުން ހީވަނީ އެމަނިކުފާނަށް ވިދާޅުވެވުނީ "ރައްޔިތުންނަށްޓަކައިކަން މިކަހަލަ ވައްކަމެއް ކުރިއަށް ގެންދަންވާނީ" މިހެންނެވެ.
ބެލެވޭ ގޮތުގައި އެމަނިކުފާނު ވިދާޅުވާން އުޅުއްވީ "ރައްޔިތުންނަށްޓަކައިކަން މިކަހަލަ ވަކި ކަމެއް ކުރިއަށް ގެންދަންވާނީ"، އެހެންނެވެ. އެހެންނަމަވެސް އެ ވާހަކަ ފުޅު ވިދާޅުވި އަވަސް މިނުގެ ސަބަބުން 'ވަކި ކަމެއް' ކަމަށް ވިދާޅުވި އިބާރާތް އިވެނީ 'ވައްކަމެއް' މި ގޮތަށެވެ.
މުއިއްޒުގެ ތަގުރީރުގެ އެބައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ޔޫޓިއުބް ޗެނަލުން ވަނީ އުނިކޮށްފަ އެވެ. ޕަބްލިކް ސާވިސް މީޑިއާގެ މަންސަތަކުން ވެސް އެ އެމަނިކުފާނުގެ ތަގުރީރުގެ އެބައި ވަނީ ނަގައިފަ އެވެ. އަދި މިއަދު ހެނދުނު، ރައީސް އޮފީހުގެ ވެބްސައިޓަށް އަޕްލޯޑު ކުރި ތަގުރީރުގެ ޓްރާންސްކްރިޕްޓުން ވެސް އެބައި ވަނީ އުނިކޮށްފަ އެވެ.
އެކަމާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދުއާ ސުވާލު ކުރުމުން ކޮމެންޓެއް ދެއްވާފައެއް ނުވެ އެވެ.

ވިދާޅުވެވުނީ ވައްކަމެކޭ ހެން ހީވާފަދަ އެއްޗެއް މުއިއްޒަށް ވިދާޅުވެވުނުއިރު، ރައީސް މުއިއްޒު ހިމެނޭހެން ދައުލަތުގެ އެކި ފަންތީގެ ވެރިން ދައުލަތުގެ މުދަލުން ވައްކަން ކުރަމުން ގެންދާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަމުން ގެންދެ އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފް ގެ ފަރާތުން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޔާމީން ވަނީ މި ސަރުކާރުން ދައުލަތުގެ މުދަލަށް ހިޔާނާތްތެރިވަމުން ގެންދާ ކަމަށް ފާޅުގައި ތުހުމަތުކުރައްވާފަ އެވެ.












