އޮޑި ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ސްޕެއިނުގެ ކޯޗު އަންދްރޭ ގާސިއާ ހަމަޖައްސައިފި އެވެ.
އަންނަ މަހު ފަށަން ނިންމާފައިވާ ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވާން އޮޑިން ވަނީ ޕްރީ ސީޒަން ފަށައިފަ އެވެ. އަދި، އެ ޓީމުގެ ޕްރެކްޓިސްތަކުގައި އާ ކޯޗު ގާސިއާ ބައިވެރިވަމުން އަންނައިރު، އޮޑިން މިއަދު ރަސްމީކޮށް ގާސިއާ މީޑިއާ އަށް ތައާރަފްކުރަން އިވެންޓެއް ވަނީ ތާވަލުކޮށްފަ އެވެ.
ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުގެ ގައުމީ ލެވަލްގެ ކޯޗެއްގެ ގޮތުގައި، 2013 ގައި ކޯޗިން އަށް ނުކުތް ގާސިއާ، 41، ޗައިނާގެ ގުއަންޒޫ އެވަގްރާންޑޭގެ ރެއާލް މެޑްރިޑް ފައުންޑޭޝަންގެ ޔޫތު ޓީމުތަކަށް ކޯޗުކޮށްދީފަ އެވެ. ސްޕޯޓްސް ޓްރެއިނިންގެ ސްޕެޝަލިސްޓް ޓްރެއިނިން ހަދައި، މާސްޓާސް އިން ހައި ޕާފޯމަންސް އިން ސްޕޯޓްސް ހާސިލްކޮށްފައިވާ ގާސިއާ ވަނީ، ގެޓަފޭގެ 19 އަހަރުން ދަށުގެ ޓީމާއި ދުބާއީގައި ހުންނަ ލަލީގާ އެކަޑަމީގެ 18 އަހަރުން ދަަށުގެ ޓީމުގެ ކޯޗުކަން ވެސް ކޮށްފަ އެވެ.

ބެލީޒް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ވެސް މަސައްކަތްކުރި ގާސިއާ ވަނީ، އިރާގު ލީގާއި، އެކުއެޑޯ، ނޯވޭ، މެކްސިކޯ، ސްވިޑެން އަދި ބްރިޓިޝް ވާޖީނިއާ އައިލެންޑްގެ ޓީމުތަކަށް ކޯޗުކޮށްދީފަ އެވެ. އަދި، ލިވަޕޫލާއި ރެއާލް މެޑްރިޑް އަދި ޗެލްސީގެ ކުރީގެ ކޯޗު ރަފައެލް ބެނިޓޭޒްއާ އެކު، ޗައިނާގެ ޑާލިއާން ޕްރޮފެޝަނަލް އެފްސީގައި ވެސް މަސައްކަތްކުރި އެވެ.
ގާސިއާ އަކީ މި އަހަރު އޮޑި އަށް ގެނައި ދެ ވަނަ ބިދޭސީ ކޯޗެވެ.
އެންމެ ފަހުން ބޭއްވި ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާާރާތުގެ ޗެމްޕިއަންކަން ހޯދައި، ފުރަތަަމަ ޑިވިޝަނަށް ޕްރޮމޯޓްވި އޮޑީގެ ކޯޗަކަށް މި އަހަރު އެންމެ ފުރަތަމަ ގެނައީ، އޮސްޓްރޭލިއާގެ އިއަން އެންޑްރޫ ގިލަން އެވެ. އެ ޓީމު ގޮވައިގެން އެންޑްރޫ ފަރިތަކުރުންތައް ކުރިއަށްގެންދިޔަ ނަމަވެސް، އަމިއްލަ ކަމެއްގައި ފުރަން ޖެހުމުން މިދިޔަ މެއި މަހު ޓީމާ ވަކިވި އެވެ. މެއި މަހު ބޭއްވި، އެފްއޭއެމް ލީގު ކަޕްގައި އޮޑި އަށް ކޯޗުކޮށްދިނީ، އެސިސްޓަންޓަކަށް ހުރި، ފަރުހާދު އިސްމާއިލް (ފަރޭ) އެވެ.











