ފުލުހުންގެ ބަންދުގައި ހުއްޓާ މިއަދު މަރުވި މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމައިފި އެވެ.
ފުލުހުން ބުނީ އެ މުއައްސަސާގެ ބަންދުގައި ހުއްޓާ މަރުވި ގ. ޒާމިއާ، އަހްމަދު އަފްރާހު، 48، ގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
ނަމަވެސް އަހްމަދު އަފްރާހުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވަން ހަމަޖެހިފައިވަނީ ކޮން ދުވަހަކު ކަމެއް ފުލުހުން ނުބުނެ އެވެ.
ޖަލުތަކުގައި މަރުވާ މީހުންގެ ޕޯސްޓްމޯޓަމް ހެދުން މަޖުބޫރުވާ ގޮތަށް އުސޫލެއް ވަނީ ހަދާފަ އެވެ. އެ އުސޫލުގެ ދަށުން ޖަލުގައި ކޮންމެ ގޮތަކަށް މަރުވިޔަސް ޕޯސްޓްމޯޓަމް ހަދާނެ އެވެ. ރާއްޖޭގައި ޕޯސްޓްމޯޓަމް ނެހެދޭތީ ޕޯސްޓްމޯޓަމް ހެދުމަށް އާންމުކޮށް ފޮނުވަނީ އިންޑިއާއަށެވެ.
އަތޮޅުވެހީގެ ހަތް ނަންބަރު ގޮޅީގައި މަރުވެފައި އޮއްވައި ފެނުނު އަހްމަދު އަފްރާހަކީ އޮގަސްޓް 15، ގައި މަސްތުވާތަކެތީގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެކެވެ. ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ 30 ދުވަހަށް ބަންދު ކުރަން އޮތީ އަމުރުކޮށްފަ އެވެ.

އޭނާ ބަންދު ކުރަން ޖެހޭ ސަބަބެއްގެ ގޮތުގައި އޮތީ މަސްތުވާތަކެއްޗަށް ދެވިހިފައިވާތީ ފަރުވާ ދޭން ޖެހޭ މީހަކަށް ވާތީ އެވެ.
'އަދަދު' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ބަންދުކޮށްފައި ހުރި ގޮޅި ތެރޭގައި މަރުވެފައި އޮތްކަން ފާހަގަކުރެވުނީ ފުލުހުންނަށެވެ. ފުލުހުންނަށް އެކަން އެނގުނީ އޭނާ ބަންދުކޮށްފައި ހުރި ގޮޅީގައި އިތުރު މީހަކު ބަންދުކުރުމަށް ގޮޅި ހުޅުވި ވަގުތު އޭނާ ހަރަކާތް ނުކުރާކަން ފާހަގަކުރެވިގެން ގޮސް ބެލުމުންނެވެ.
އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުންޏެވެ.
އޭނާގެ މަރުގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަނާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެތެރޭގެ ތަހުގީގެއް ވެސް ފަށާފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
ފުލުހުންގެ ބަންދުގައި ތިބޭ މީހުން މަރުވުމުގެ މައްސަލަތައް މި ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ.












