ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ހިފެހެއްޓި ފައިސާއިން 30،000 ޑޮލަރު ގެއްލުނު މައްސަލައެއް ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑް (ސީއައިސީ) އިން އިއްޔެ ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ސެޕްޓެމްބަރު 15، 2019 ގައި ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ހިފެހެއްޓި އެ ފައިސާގައި ފަރަގެއް އުޅޭކަން އެނގުނީ ކްރިމިނަލް ކޯޓުން އެ ފައިސާ ހަވާލުކުރަން އެންގުމުން ކަމަށެވެ.
"2019 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލައެއްގައި، ނަގާފައިހުރި ފައިސާ، މައްސަލަ ނިމި، ކޯޓުން ހަވާލުކުރަން އެންގުމުން، އެފައިސާ އަނބުރާ ހަވާލުކުރަން ބެލިއިރު، ފައިސާ ބަލަހައްޓާފައިވާ ގޮތުން، އަދަދު ދިމާނުވުމުގެ މައްސަލައެއް ފާހަގަ ކުރެވިގެން، އެކަން ޕީއެސްސީ އަށް އެންގުމުން، އެފަރާތުގެ އެދުމަކަށް ސީއައިސީ އިން އެކަން ދަނީ ބަލަމުން،" ފުލުހުން ބުންޏެވެ.
މައްސަލައިގެ ފައިސާ ބަހައްޓާފައި ހުރި ތަނުގައި ކޮތަޅެއްގެ ތެރެއިން ހަލާކުވެފައިވާ ފައިސާ ފެނިފައިވާތީ އެކަން ވެސް ފޮރެންސިކް މެދުވެރިކޮށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ހިފެހެއްޓި ފައިސާތަކެއް މަދުވެފައިވާ މި މައްސަލަ ފެންމަތިވެފައިވާއިރު، އެ މުއައްސަސާއަށް ހުށަހެޅޭ ކުދި އަދި ބޮޑެތި މައްސަލަތައް ވެސް ނުބެލި ދިގުލައިގެންދާތީ އެކަމަށް އާންމުންގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.

މީގެއިތުރުން ފުލުހުންގެ މުއައްސަސާއިން ބައެއް ތަހުގީގުތަކުގައި އަމަލުކުރާ ގޮތުން ރައްޔިތުންގެ އިތުބާރު ގެއްލެމުންދާކަން ފާހަގަކުރެވެ އެވެ.
އެގޮތުން ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާ، 50 ގެ މަރާ ގުޅިގެން ފުލުހުން ހިންގި ތަހުގީގުގައި އިހުމާލުވި ކަމަށް ބަލައި ހަ ފުލުހެއްގެ މައްޗަށް ދައުވާކުރަން އެންއައިސީން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފަ އެވެ.












