މި އަހަރުގެ ކްލަބް މޯލްޑިވްސް އިން ބާއްވާ ޖުމްލަ ހަ މުބާރާތުގައި، 93 ޓީމު ބައިވެރިވެފައިވާ ކަމަށް ކްލަބް މޯލްޑިވްސް އިން ބުނެފި އެވެ.
ކްލަބް މޯލްޑިވްސް އިން މި އަހަރު ބާއްވާ މުބާރާތްތަކަށް ބަލާއިރު، ކްލަބް މޯލްޑިވްސް ކަޕް، ކްލަބް މޯލްޑިވްސް ކްލަސިކް، ކިންގްސް ކަޕް، ސެކްޓާ ލީގު، އެއިޓީން ތާޓީ ފިއެސްޓާ އަދި އެއިޓީން ތާޓީ ކްލަސިކް ހިމެނެ އެވެ.
މީގެ ތެރެއިން، މުޅިން އަލަށް ބާއްވާ ކިންްގްސް ކަޕްގައި، ފުޓްސަލްގެ ބޮޑެތި މުބާރާތްތަކުގެ ޗެމްޕިއަނުން ހިމެނޭ ގޮތަށް، އަށް ޓީމު ވާދަކުރާނެ އެވެ. އަދި، ޕްރައިވެޓް ކުންފުނިތަކަށް ހާއްސަކޮށް ބާއްވާ ސެކްޓާ ލީގު ކުރިއަށްދާނީ، 16 ޓީމުގެ މެދުގަ އެވެ.
ކްލަބް މޯލްޑިވްސް ކަޕްގައި، 24 ޓީމު ވާދަކުރާއިރު، ކްލަބް މޯލްޑިވްސް ކްލަސިކްގައި 32 ޓީމުގެ ވާދަވެރިކަން ފެނިގެންދާނެ އެވެ.
އަންހެން ކުޅުންތެރިންނަށް ހާއްސަކޮށް ބާއްވާ، އެއިޓީން ތާޓީ ފިއެސްޓާ މުބާރާތުގައި، ހަތަރު ޓީމެއް ކުޅޭއިރު، އެއިޓީން ތާޓީ ކްލަސިކް މުބާރާތުގައި 12 ޓީމެއް ކުރިމަތިލާނެ ކަމަށް ކްލަބް މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.
ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ފުޓްސަަލް މުބާރާތްތައް އިންތިޒާމްކުރާ ޖަމިއްޔާ، ކްލަބް މޯލްޑިވްސް އިން ބުނެފައިވަނީ، މި ފަހަރުގެ މުބާރާތްތަކުގައި ޖުމްލަ އެކު، ހުރިހާ ޓީމަކުން 1300 އަށް ވުރެ ގިނަ ކުޅުންތެރިން ފެނިގެންދާއިރު، 200 އެއްހާ މެޗު ކުުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ފަހަރުގެ ކްލަބް މޯލްޑިވްސް މުބާރާތްތަކަށް ޓީމުތަކުގެ ތައްޔާރީތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާއިރު، ގިނަ ޓީމުތަކަކުން ވަނީ ޕްރެކްޓިސް ފަށައިފަ އެވެ. އަދި، ޓީމުތަކުން ފެންނަ ބިދޭސީ ކުޅުންތެރިންގެ ނިސްބަތް އެންމެ އިތުރު އަހަރަކަށް ވެގެންދާނީ މި ފަހަރުގެ ކްލަބް މޯލްޑިވްސް މުބާރާތްތަކެވެ.
ކްލަބް މޯލްޑިވްސް ކަޕަކީ 2006 ވަނަ އަހަރުން ފެށިގެން ގަވާއިދުން ބާއްވަމުން އަންނަ މުބާރާތެވެ. ކޮވިޑް-19ގެ ސަބަބުން އެކި ކަންކަމަށް އައި މެދުކެނޑުމާ ހެދި 2020 ވަނަ އަހަރު ކްލަބް މޯލްޑިވްސް ކަޕް ނުބޭއްވުނެވެ. އެކަމަކު، އަލުން ފަށައި ފާއިތުވި އަހަރުތަކުގައި، ކްލަބް މޯލްޑިވްސްގެ މުބާރާތްތައް އަންނަނީ ފޯރިގަދަކޮށް ކުރިއަށްގެންދަމުންނެވެ.












