އެމެރިކާ އާއެކު އޮތް ގުޅުން ނުތަނަވަސް ކަމެއްގެ ތެރޭގައި އޮއްވައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޗައިނާއަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.
މި މަހުގެ 31 ވަނަ ދުވަހު މޯދީ ޗައިނާއަށް ވަޑައިގަންނަވާނީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ. އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކު މޯދީ ދަތުރު ކުރައްވާކަން ކަށަވަރު ކޮށްދިން ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައި ވެ އެވެ.
ރަޝިއާއިން ތެޔޮ ގަންނާނީ އިންޑިއާގެ މުދަލުން ނަގާ ޓެރިފް ބޮޑުކުރަން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނިންމެވުމާއެކު އެ ދެ ގައުމުގެ ގުޅުން ވަނީ ހީނަރުވެފަ އެވެ. މިއީ ޗައިނާ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ރަނގަޅު ކުރުމަށް ލިބޭނެ ފުރުސަތެކެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރަޝިއާގައި ބޭއްވި ބްރިކްސް ސަމިޓުގެ ހަވާސާގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި މޯދިއާ ބައްދަލުކޮށް މަޝްވަރާ ކުރެއްވި އެވެ. މި ދަތުރު ވެގެންދާނީ ޖޫން 2018 ގެ ފަހުން މޯދީ ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރަށެވެ.









