އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލީ ޣަނީ، ޝުޖާއު އުސްމާން އަދި އަބްދުالله ގާޒީ

ޝުޖާއު އުސްމާން (ކ)، ޣަނީ (މ) އަދި އަބްދުالله ގާޒީ (ވ)

ޝުޖާއު އުސްމާން (ކ)، ޣަނީ (މ) އަދި އަބްދުالله ގާޒީ (ވ)

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މަގާމުން ރިޓަޔާ ކުރެއްވުމުން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ތިން ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަގާމަށް ކުރިމަތިލެއްވީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އާއި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އަދި ފެމިލީ ކޯޓުގެ ގާޒީ އަބްދުالله މުހައްމަދު (އަބްދުالله ގާޒީ) އެވެ.

މީގެ ތެރެއިން ޝުޖާއު އުސްމާން އާއި ޣަނީ ވަނީ ސުޕްރީމް ކޯޓުގެ ބެންޗުން ދާދި ފަހުން ހުސްވި ދެ މަގާމަށް ވެސް ކުރިމަތިލައްވާފަ އެވެ. ނަމަވެސް އެ ދެ މަގާމަށް އައްޔަނުކުރީ ހައިކޯޓުގެ ފަނޑިޔާރު، މުހައްމަދު ސަލީމް، އާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު، އަބްދުالله ހަމީދު އެވެ.

ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަން ކުރުމުގެ ކުރިން ޣަނީ ވަނީ ސިވިލް ކޯޓާއި ހައި ކޯޓުގައި ވެސް ފަނޑިޔާރުކަން ކުރައްވާފަ އެވެ. ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އޭނާއަށް ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަން ދީފަ އެވެ.

އޭނާއާ ދެކޮޅަށް ޖޭއެސްސީން ބެލި މައްސަލަތަކުގެ ތެރޭގައި 12 މެންބަރުން ގޮނޑި ގެއްލުވާލުމަށް ސުޕްރީމް ކޯޓުގެ ނެރުނު އަމުރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އަބްދުالله ދީދީ ހުންނެވިއިރު ރިޝްވަތު ނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އޭނާ ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމުމުން ސުޕްރީމް ކޯޓުން އެކަން ހުއްޓުވުމާއި ޖުޑީޝަލް ކައުންސިލެއް އުފެއްދުން ހިމެނެ އެވެ.

ޣަނީގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ޖޭއެސްސީން މައްސަލަތައް ބަލައި ފޮނުވި ރިޕޯޓަކަށް ބިނާކޮށް އޭނާ މަގާމުން ވަކިކުރީ ޑިސެމްބަރު 4، 2019 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމުން އޭނާ ވަކިކުރަން 64 މެންބަރުން ވޯޓު ދެއްވި އެވެ. މަގާމުން ވަކިކުރިއިރު ވެސް އޭނާ ހުންނެވީ ސަސްޕެންޝަނުގަ އެވެ.

މެޖިސްޓްރޭޓްކަން ކުރެއްވުމަށް ފަހު ޝުޖާއު އުސްމާން މަސައްކަތް ކުރެއްވީ ކްރިމިނަލް ކޯޓުގަ އެވެ. އެ ދުވަސްވަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި 2013 ވަނަ އަހަރު އެކުލަވާލި ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ނާޒިމްގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ބެލި ފަނޑިޔާރުންގެ ބެންޗުގައި ޝުޖާއު އުސްމާން ހިމެނެ އެވެ. އެ ދެ ބޭފުޅުންގެ މައްޗަށް ވެސް ދައުވާ ސާބިތުވެ ޖަލަށްލުމަށް ހުކުމް ކުރި އެވެ.

މި ޝަރީއަތްތަކަކީ އަވަސް އަރުވާލައިގެން ހިންގި ޣައިރު ގާނޫނީ ޝަރީއަތްތަކެއް ކަމަށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ ގިނަ ބަޔަކު އޭރު ބުނަމުންދިޔަ އެވެ. މާޗު 2015 ގައި އެ ޝަރީއަތްތައް ނިންމުމަށް ފަހު ހަމަ އެ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޝުޖާއު އުސްމާން ހައި ކޯޓަށް "ޕްރޮމޯޓް" ވި އެވެ. އެއީ ދެ ބޭފުޅުންގެ މައްޗަށް ހުކުމް ކުރުމުން އޭރު އޮތް ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުން ދިން ހަދިޔާއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރި އެވެ.

އެއަށްފަހު އައްޑޫ ސިޓީގައި ގާއިމުކުރި ހައި ކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރެއްވުމަށް ފަހު ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް އޭނާ އައްޔަނުކުރީ އޮގަސްޓު 2018، ގަ އެވެ. އޭނާގެ އެތައް މައްސަލައެއް ޖޭއެސްސީން ބެލި އެވެ.

އޭގެ ތެރޭގައި 2018 ވަނަ އަހަރު ބޭއްވި އިންތިހާބުގެ ކެމްޕޭނުގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއްކޮށް، ޔާމީނަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރެއްވުމާއި، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާއާ ބައްދަލުކޮށް، ވޯޓު ދީފިނަމަ އޭނާ މިނިވަން ކުރަން މަޝްވަރާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ހިމެނެ އެވެ.

އެ މައްސަލަތައް ބަލައި އޭނާ ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ވެސް ފޮނުވި އެވެ. އެ މައްސަލަ ފޮނުވާފައި އޮއްވައި އިންސާފު ގާއިމުކުރެވެން ނެތް ކަމަށް ވިދާޅުވެ އެ މަގާމުން ޝުޖާއު އުސްމާން އިސްތިއުފާ ދެއްވީ އޮގަސްޓު 17، 2020 ގަ އެވެ.

މަގާމުން އިސްތިއުފާ ދެއްވިތާ ދެ ހަފުތާ ނުވަނީސް އޭރު އިދިކޮޅުގައި އޮތް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަބްދުއްރަހީމް އަބްދުالله ފުލުހަށް ހާޒިރު ކުރި ދުވަހު ވަކީލެއްގެ ގޮތުގައި ޝުޖާއު އުސްމާން އަބްދުއްރަހީމް އާއެކު ވަޑައިގަތެވެ.

މަޝްހޫރު އަބްދުالله ގާޒީއަކީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އެވެ. ނަޝީދުގެ ވެރިކަމުގައި 2012 ވަނަ އަހަރު އިދިކޮޅު ފަރާތްތަކުން ފުލުހުންނާއި ސިފައިންނާ ގުޅިގެން މިއުޓިނީއެއް ހިންގީ އަބްދުالله ގާޒީ ހައްޔަރު ކުރުމުންނެވެ. އަބްދުالله ގާޒީ ހައްޔަރުކުރީ ކްރިމިނަލް ކޯޓު މެދުވެރިކޮށް އަމާންކަމާއި އިންސާފު ގާއިމުކުރަން އެތައް ގޮންޖެހުމެއް ކުރިމަތި ކުރުވުމުން ކަމަށް ބުނެ އެވެ.

ޕްރައިވެޓް ޓީވީ ޗެނަލެއް ކަމަށްވާ ދިޓީވީއަށް 2010 ވަނަ އަހަރު ދެއްވި އިންޓަވިއުއެއްގައި ސިޔާސީ ގޮތުން ވަކި ފަރާތަކަށް ޖެހިގެން އަބްދުالله ގާޒީ ވާހަކަ ދެއްކެވި ކަމަށް ބުނެ ހުށަހެޅުނު ސުލޫކީ މައްސަލައެއް ނޮވެމްބަރު 2011، ގައި ސާބިތުވާ ކަމަށް ޖޭއެސްސީން އޮތީ ނިންމާފަ އެވެ. އެއީ ޖޭއެސްސީން ބެލި ސުލޫކީ މައްސަލައެއް ސާބިތުވި ފުރަތަމަ ފަހަރެވެ. ނަމަވެސް، އެ މައްސަލާގައި އޭނާއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނޭޅެ އެވެ.

އޭގެ ކުރިން 2005 ވަނަ އަހަރު އޭރުގެ އެޓާނި ޖެނެރަލަކަށް ހުންނެވި ހަސަން ސައީދު ވެސް އަބްދުالله ގާޒީއާ ގުޅޭ ޝަކުވާއެއް ރައީސް އޮފީހާ ހިއްސާކުރެއްވި އެވެ. އެއީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އެކަން ހިނގައިދިޔަ ގޮތް ޝަރީއަތުގެ މަޖިލީހުގައި ކިޔައިދޭން އަނިޔާ ލިބުނު ކުއްޖާއަށް އެންގުމުންނެވެ.

ޖޭއެސްސީ 2009 ގައި އުފެދުމާއެކު އެކަމުގެ ލިޔެކިޔުން އެ ކޮމިޝަނަށް ފޮނުވި އެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ހިންގާފައި ހުރި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ފުލުހުން ހިންގަމުންދިޔަ ތަހުގީގުތަކުގެ ތެރެއިން ކޯޓު އަމުރުތައް ހޯދުމަށް ކުރި މަސައްކަތްތަކަށް ކްރިމިނަލް ކޯޓު ތެރެއިން އަބްދުالله ގާޒީ ހުރަސް އެޅި ކަމަށް ވެސް ތުހުމަތު ކުރެވެ އެވެ.

އެގޮތުން، ގާސިމް އިބްރާހިމް އާއި ޔާމީން ހައްޔަރު ކުރުމަށް ނަޝީދުގެ ސަރުކާރުން ކޯޓުގައި އެދުމުން، އެ އަމުރަށް އެދި ހުށަހެޅި ހެއްކާއި ގަރީނާ ވެސް އެ ދެ ބޭފުޅުންގެ ދިފާއީ ވަކީލުންނާ ހިއްސާކުރެއްވި ކަމަށް ތުހުމަތު ކުރި އެވެ. އާންމު ގޮތެއްގައި ހެކި ހިއްސާކުރަނީ ދައުވާ ކުރަން ނިންމުމަށް ފަހު އެވެ. ކްރިމިނަލް ކޯޓުން ބަލައި ފާސްކުރުމުގެ އަމުރާއި ހައްޔަރު އަމުރު ނެރެވޭނީ ހަމައެކަނި އޭނާއަށް ކަމަށް ވެސް އަބްދުالله ގާޒީ ނިންމެވި އެވެ.

މީހަކު މަރާލި މީހަކު ވެސް އަބްދުالله ގާޒީ ބަންދުން ދޫކޮށްލީ، މިނިސްޓަރުން ޒިންމާދާރު ކުރުވުމުގެ ނަމުގަ އެވެ. ބަންދުން ދޫކޮށްލުމާ އެކު އެ މީހާ ގޮސް އަނެއްކާ އިތުރު މީހެއް މަރާލި އެވެ. ކުށްވެރިންނާއި ކުށްވެރިންގެ އާއިލާތަކާ ގާތް ގުޅުމެއް ބާއްވާ ކަމަށް ވެސް އަބްދުالله ގާޒީއަށް އޭރު އޮތް ސަރުކާރުން ތުހުމަތު ކުރި އެވެ. ޖިނާއި އަދުލުގު ނިޒާމު އަބްދުالله ގާޒީ އެއްކޮށް ހައިޖެކް ކުރި ކަމަށް އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އޭރުގެ ހޯމް މިނިސްޓަރު ވިދާޅުވެފައި ވެ އެވެ.

ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހު ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ހަތަރު ބޭފުޅަކު ކުރައްވާފަ އެވެ. އެއީ، އަބްދުالله ސައީދު، އަހްމަދު ފާއިޒު، އަހްމަދު އަބްދުالله ދީދީ އަދި މުއުތަސިމް އަދުނާން އެވެ.

މުއުތަސިމް އަދުނާން މަގާމުން ރިޓަޔާ ކުރެއްވުމުން، އުއްތަމަ ފަނޑިޔާރުގެ މަގާމުގެ މަސްއޫލިއްޔަތުތައް ހަވާލުކޮށްފައި ވަނީ ފަނޑިޔާރު އަބްދުﷲ ހަމީދުއާ އެވެ.

ސުޕްރީމް ކޯޓުގެ ބެންޗުގައި ހަތް ފަނޑިޔާރުން ތިއްބަވަ އެވެ. އޭގެ ތެރެއިން ތިން ފަނޑިޔާރުން އައްޔަނު ކުރެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ. އުއްތަމަ ފަނޑިޔާރުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރެއްވުމުން ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން މެޖޯރިޓީ ފަނޑިޔާރުންނަކީ ރައީސް މުއިއްޒުގެ ވެރިކަމުގައި އަލަށް އެންމެ މަތީ ކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގަންނަވާނެ ބޭފުޅުންނެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގަތްއިރު އޮތް ސުޕްރީމް ކޯޓު ބެންޗުން ފަނޑިޔާރު ހުސްނުއް ސުއޫދު އާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސަސްޕެންޑުކުރީ، މަޖިލީހުގެ މެންބަރުން ތަޅުއެޅުވަށްޓަކައި، ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ވަކިކޮށްފި ނަމަ، މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށް ގާނޫނު އަސާސީއަށް ގެނައި ބަދަލު ބާތިލުކުރަން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެންނެވެ.

ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުމުން، ސުއޫދު އިސްތިއުފާ ދެއްވީ، ސުޕްރީމް ކޯޓަށް ރައީސް މުއިއްޒު އައި އެޓާނީ ޖެނެރަލް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރެއްވުމަށް ފަހު އެވެ.

އަޒްމިރާލްދާ އާއި މަހާޒުގެ މައްސަލަ ޖޭއެސްސީން ބަލައި، އެ ދެ ބޭފުޅުން ވަކިކުރަން މަޖިލީހުން ފާސްކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox