ލަންޑަން (ޖުލައި 27) - މެންޗެސްޓާ ސިޓީން މީގެ ދެ އަހަރު ކުރިން ޗެލްސީ އަށް ވިއްކާލި ކޯލް ޕާމާ އަލުން ގެނެވޭނެ ގޮތެއް އޮތްތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީގެ އެއް އަހަރު ކުރިން، މެންޗެސްޓާ ސިޓީ ދޫކޮށް، 50 މިލިއަން ޑޮލަރުގެ ފީ އަކަށް ޗެލްސީން ޕާމާގެ ސޮއި ހޯދިއިރު، ފުރަތަމަ ސީޒަނުގައި އޭނާ ވަނީ، ޕްރިމިއާ ލީގުގައި 22 ގޯލު ޖަހައި، 11 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އަދި، މިހާތަނަށް ޗެލްސީ އަށް ކުޅެދިން، 97 މެޗުން 43 ގޯލު ޖަހައި، 29 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ޗެލްސީއާ އެކު، ޕާމާގެ ކޮންޓްރެކްޓް އޮތީ 2033 ވަަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
ރިޕޯޓްތައް ބުނާގޮތުން، ސިޓީން ބަލަމުން އަންނަނީ ޕާމާ ޗެލްސީ އަށް ވިއްކާލި ކޮންޓްރެކްޓްގައި އެއްބަސްވެވިފައި ހުރި ކަންތައްތަކަށް ބަލާއިރު، އެކަށީގެންވާ ޓްރާންސްފާ ފީއެއް ދީގެން އަލުން ޕާމާ ގެނެވޭތޯ އެވެ. އެ ގޮތުން، ޕާމާ އަލުން ގެންނަން 200 މިލިއަން ޑޮލަރު ދޭން ވެސް ސިޓީން ތައްޔާރު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ދާދި ފަހުން، ޔޫރަޕްގެ ޗެމްޕިއަން، ޕީއެސްޖީން ވަނީ ޕާމާ ގަންނަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން، ޕީއެސްޖީން ޕާމާގެ ސޮއި ހޯދަން ހުށަހަޅަން ތައްޔާރުވަނީ، ދުނިޔޭގެ ޓްރާންސްފާ ރެކޯޑެކެވެ. އެއީ، 300 މިލިއަން ޑޮލަރުގެ ޕެކޭޖެއް ކަމަށް ރިޕޯޓްތައް ބުނާއިރު، މިހާތަނަށް ރެކޯޑް ޓްރާންސްފާ އަކަށް އޮތީ ޕީއެސްޖީން، 2017 ވަނަ އަހަރު ބާސެލޯނާ އަށް 277 މިލިއަން ޑޮލަރު ދީފައި ގަތް ނޭމާ އެވެ.
ޗެލްސީގެ މެނޭޖްމަންޓުން ނިންމާފައިވަނީ ޕާމާ އަކީ އެއްވެސް އަގެއްގައި ވިއްކާނެ ކުޅުންތެރިއެއް ނޫން ކަމަށެވެ.












