ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 26) - އިންޓަ މިއާމީ އަށް ކުޅެމުން އަންނަ ލިއޮނަލް މެސީ އާއި ޖޯޑީ އަލްބާ އެއް މެޗަށް ސަސްޕެންޑް ކުރަން މޭޖަ ލީގު ސޮކާ (އެމްއެލްއެސް) އިން ނިންމައިފި އެވެ.
އެމްއެލްއެސް އިން މި ގޮތަށް ނިންމާފައިވަނީ، މަގުބޫލު އުޒުރެއް ބަޔާންކުރުމެއް ނެތި، ދާދި ފަހުން، އެމްއެލްއެސް އޯލް ސްޓާސް އާއި ލީގާ އެމްއެކްސް އޯލް ސްޓާ މެޗުގައި ނުކުޅުމުންނެވެ. މެސީ އާއި އަލްބާގެ ނަން އެމްއެލްއެސް އޯލްސްޓާސް ޓީމުގައި ހިމެނި ނަމަވެސް، އެ ދެ ކުޅުންތެރިން ބައިވެރިވެފައިނުވެ އެވެ.
އެމްއެލްއެސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އޯލް ސްޓާ މެޗަށް ނަގާފައިވާ ކުޅުންތެރިއަކު، އެމްއެލްއެސްގެ ހުއްދަ ނުހޯދައި، އެ މެޗު ނުކުޅެން ނިންމައިފިނަަމަ، އެ ކްލަބުން ދެން އެންމެ އަވަހަށް ކުޅޭ މެޗެއްގައި އެ ކުޅުންތެރިއަކަށް ނުކުޅެވޭނެ ކަމަށެވެ.
އެހެންކަމުން، މި ގަވާއިދުގެ ދަށުން، މެސީ އާއި އަލްބާ ސަސްޕެންޑްވެފައިވާއިރު، އެ ދެ ކުޅުންތެރިންނަށް ގެއްލޭނެ މެޗަކީ، ސިންސިނާޓީއާ ދެކޮޅަށް އިންޓަ މިއާމީން ކުޅޭ މެޗެވެ.
އެމްއެލްއެސްގެ ކޮމިޝަނަރު، ޑޯން ގާބާ ވިދާޅުވީ، މި ފަދަ ސަބަބަކާ ހުރެ މެސީ ސަސްޕެންޑްކުރަން ޖެހުންވެގެންދިޔައީ ވަރަށް އުނދަގޫ ނިންމުމަކަށް ކަމަށެވެ. އެކަމަކު، އެމްއެލްއެސްގެ ގަވާއިދުގައި ހިމަނާފައިވާ ގޮތަށް އަމަލުުކުރަން މަޖުބޫރު ކަމަށާއި، އެ އޯލްސްޓާ މެޗުގައި މެސީ ނުކުޅެވޭނެ ސަބަބެއް ހާމަނުކުރާތީ ކަންބޮޑުވާ ކަމަށެވެ.












