ކްލަބް މޯލްޑިވްސް އިން އަމިއްލަ ކުންފުނިތަކަށް ހާއްސަ ކުރާ މުބާރާތް "ސެކްޓާ ލީގު 2025" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކްލަބް މޯލްޑިވްސް އިން ވަނީ މީގެ ކުރިން މި އަހަރު "ކިންގްސް ކަޕް" ގެ ނަމުގައި މުޅިން އާ މުބާރާތެއް ތައާރަފް ކޮށްފަ އެވެ. ސެކްޓާ ލީގަކީ، ކްލަބް މޯލްޑިވްސް އިން މި އަހަރު އަލަށް ތައާރަފްކުރާ ދެ ވަނަ މުބާރާތެވެ.
ކްލަބް މޯލްޑިވްސް އިން މައުލޫމާތު ދިން ގޮތުގައި މި ފަހަރުގެ ސެކްޓާ ކަޕް ކުރިއަށް ދާނީ ކްލަބް މޯލްޑިވްސް ކަޕްގެ ފަހުން އަންނަ އޮކްޓޯބަރު މަހުގެ 25 އިން ނޮވެމްބަރު މަހުގެ 7 އަށެވެ.
ކްލަބް މޯލްޑިވްސް އިން ބުނީ ސެކްޓާ ލީގުގެ ނަމުގައި މުޅިން އާ މުބާރާތެއް ބާއްވަން ނިންމީ، ޕްރައިވެޓް ސެކްޓާ ކުންފުނިތަކުން މި ކަމަށް ވަރަށް ބޮޑަށް އެދެމުން އަންނަތީ އެ ކުންފުނިތަކަށް އެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
އެ ގޮތުން، މި ފަހަރުގެ މުބާރާތުގައި 16 ޓީމަށް ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށާއި، މުބާރާތް ކުރިއަށްދާނީ 16 ޓީމު ހަތަރު ގްރޫޕަކަށް ބަހާލައިގެން ކަމަށް ވެސް ކްލަބް މޯލްޑިވްސް އިން މައުލޫމާތު ދީފައިވެ އެވެ. އަދި، ސެމީ ފައިނަލުން ފެށިގެން މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ގަޑި ހުއްޓައިގެން ކަމަށް ކްލަބް މޯލްޑިވްސް އިން މައުލޫމާތު ދެއެވެ.
"އަސްލު މިއީ ޕްރައިވެޓް ކުންފުނިތަކުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ރިކުއެސްޓް އެބަ ކުރޭ އެ ކުންފުނިތަކަށް ކުޅެވޭނެ ކަހަލަ މުބާރާތެއް ބާއްވަން. އެ ފުރުސަތު އަޅުގަނޑުމެން މި ދެނީ އެ ކުންފުނިތަކަށް. ދެން މި މުބާރާތުގެ ސަބަބުން ރާއްޖޭގެ ފުޓްސަލް އަށް އަނެއްކާވެސް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ." ކްލަބް މޯލްޑިވްސް އިން ބުނެފައިވެ އެެވެ.
ކްލަބް މޯލްޑިވްސް އިން ބުނީ، ކްލަބް މޯލްޑިވްސް ކަޕް އަދި ކްލަބް މޯލްޑިވްސް ކްލެސިކްގައި ކުޅޭ ކުޅުންތެރިންނަށް ސެކްޓާ ލީގުގައި ނުކުޅެވޭނެ ކަމަށެވެ. އެކަމަކު، ކްލަބް މޯލްޑިވްސް ކަޕް އަދި ކްލަބް މޯލްޑިވްސް ކްލެސިކްގައި ހަރަކާތްތެރިވާ ކޯޗުންނާއި އޮފިޝަލުންނަށް ސެކްޓާ ލީގުގައި ވެސް ހަރަކާތްތެރިވެވޭނެ ކަމަށް ކްލަބް މޯލްޑިވްސް އިން މައުލޫމާތު ދެ އެވެ.












