ތިނަދޫ ސިޓީގައި ސިނާއީ އެކި މަސައްކަތް ކުރަން ދޫކޮށްފައިވާ ބިންތަކަށް މިދިޔަ މަހުގެ ނިޔަލަށް 29.95 މިލިއަން ރުފިޔާ ނުދައްކާ އެބަ ހުރި ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
ތިނަދޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބިންތަކަށް ކުލި ނުދައްކާ އެންމެންގެ ތަފްސީލާއި ކުލި ނުދައްކާ އަދަދު ވަނީ ހާމަކޮށްފަ އެވެ. ކުލި ނުދައްކާ އެންމެން ތަފުސީލު ކޮންމެ މަހަކު ވެސް ހާމަ ކުރަން އެ ކައުންސިލުން ވަނީ ނިންމައިފަ އެވެ.
އެ ކައުންސިލުން ބުނީ ކޮންމެ މަހެއްގެ އެއްވަނަ ދުވަހު ބިންތައް ކުއްޔަށް ހިފާފައިވާ އެންމެންނަށް އެ އިދާރާގެ އެސްއެމްއެސް ސިސްޓަމް މެދުވެރިކޮށް މެސެޖު ފޮނުވައި، ފައިސާ ނުދައްކާ މީހުންނަށް ސިޓީ ވެސް ފޮނުވާ ކަމަށެވެ.
ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއްގޮތަށް ހަތް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ދެ ފަހަރު މަތިން އެންގުމަށްފަހު، އެ ގަވާއިދުގައިވާ ގޮތުގެ މަތިން ފައިސާ ހޯދުމަށް ޝަރީއަތަށް މައްސަލަ ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ކައުންސިލުން ބުންޏެވެ.
މިލިއަނަކަށްވުރެ މަތިން ބިންތަކަށް ފައިސާ ނުދައްކާ ފަރާތްތައް:
- މުހައްމަދު ހަސަން ދީދީ، ހިންދޫސް، ގދ. ތިނަދޫ - 1.63 މިލިއަން ރުފިޔާ
- އަޒްރޯވް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް - 3.62 މިލިއަން ރުފިޔާ
- ޑީއެމްއެން ހާޑްވެއާ (މުހައްމަދު ނިޔާޒް، ބްލޫފިޝް، ގދ. ތިނަދޫ) - 4.18 މިލިއަން ރުފިޔާ
- މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑް - 3.77 މިލިއަން ރުފިޔާ
- އަކުއާ ލައިން ޕްރައިވެޓް ލިމިޓެޑް - 5.54 މިލިއަން ރުފިޔާ
ކަައުންސިލްތަކުން ކުއްޔަށް ދޭ ބިންތަކަށް ފައިސާ ނުދައްކާ މައްސަލައަކީ ބޮޑުވެފައި އޮތް މައްސަލައެކެވެ. ކުލި ނުދައްކާ ފަރާތްތައް އެންމެ ފުރަތަމަ ހާމަކުރަން ފެށި ކައުންސިލަކަށް ވެފައި މިވަނީ ތިނަދޫ ސިޓީ ކައުންސިލްކަން ފާހަގަކުރެވެ އެވެ.













