ލިވަޕޫލް (ޖުލައި 16) - ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ ސްވިޑެން ގައުމީ ޓީމުގެ ފޯވާޑް، އަލެކްސަންޑަ އިސާކް ގަންނަން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލުން ރަސްމީކޮށް މަސައްކަތް ފަށައިފި އެވެ.
ނިއުކާސަލް އިން މީގެ ތިން އަހަރު ކުރިން، 80 މިލިއަން ޑޮލަރު ދީފައި، ރެއާލް ސޮސިއެޑާޑުން ގަތް އިސާކްގެ ސޮއި ހޯދަން ގިނަ ކްލަބްތަކަކުން ޝައުގުވެރިވެ އެވެ. އިސާކްގެ ކޮންޓްރެކްޓް، 2028 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އޮތް ނަމަވެސް، އޭނާ ވަނީ ރިޕޯޓްތައް ބުނާގޮތުން، ނިއުކާސަލް ދޫކޮށްލަން ބޭނުންވާކަން އެ ކްލަބަށް އަންގައިފަ އެވެ.
އިސާކް އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް ނިއުކާސަލް އިން ބުނަމުން އައި ނަމަވެސް، އޭނާ އެ ޓީމު ދޫކޮށްލާނެ ކަމަށް ބެލެވޭތީ، ނިއުކާސަލް އިން އަންނަނީ ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓަށް ކުޅެމުން އަންނަ ހޫގޯ އެކިޓީކޭ ގަންނަން މަސައްކަތް ކުރަމުންނެވެ. ނިއުކާސަލް އިން ކުރި 78 މިލިއަން ޑޮލަރުގެ ބިޑް ފްރޭންކްފާޓުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.
ބޮރޫޝިއާ ޑޯޓްމަންޑަށް ވެސް ކުރިން ކުޅުނު އިސާކް ވަނީ އެ ޓީމަށް މިހާތަނަށް ކުޅެދިން، 109 މެޗުން 62 ގޯލު ޖަހައި، 11 ގޯލު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ.
ލިވަޕޫލުން އިސާކް ގަތުމުގެ ގޮތުން، ވަނީ އޭނާ އަށް 140 މިިލިއަން ޑޮލަރު ހުށަހަޅަން ތައްޔާރަށް އޮތް ކަން އަންގައިފަ އެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ލިވަޕޫލްގެ މި ހުށަހެޅުމަށް ނިއުކާސަލްގެ އެއްބާރުލުމެއް ލިބިފައިނުވެ އެވެ. އަދި، ނިއުކާސަލް އިން އަންގާފައިވަނީ މި ފަހަރުގެ ޓްރާންސްފާގައި އިސާކް ވިއްކާލުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
ލިވަޕޫލުން ވެސް އަންނަނީ ޕީއެސްޖީ އަށް ކުރިން ކުޅުނު އެކިޓީކޭ އަށް ފާރަލަމުންނެވެ. ލިވަޕޫލްގެ ކޮލަމްބިއާ ފޯވާޑް، ލުއިސް ޑިއާޒަށް ބަޔާން މިއުނިކުން ފޮނުވި 80 މިލިއަން ޑޮލަރުގެ ބިޑް ލިވަޕޫލުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.












