އެޗްޑީސީން ފްލެޓުތައް އިމާރާތްކުރަން ނެގި ލޯނުތަކަކީ ވިިޔަފާރީގެ ސިއްރަަކަށް ހަދައިފި

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ޓަވަރެއް: އެޗްޑީސީން މިތަންތަން ތަރައްގީކުރީ ބޮޑެތި ލޯނުތަކެއް ނަގައިގެން --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ޓަވަރެއް: އެޗްޑީސީން މިތަންތަން ތަރައްގީކުރީ ބޮޑެތި ލޯނުތަކެއް ނަގައިގެން --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ހުޅުމާލޭގައި ސޯޝަލް ހައުސިން ޔުނިޓުތައް އިމާރާތްކުރަން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނުން ލޯނެއް ނެގި ނަމަ އެ ލޯނުތަކުގެ މައުލޫމާތު ހިއްސާކޮށްދޭން އެދުމުން، އެއީ ވިޔަފާރީގެ ސިއްރެއް ކަމަށް ބުނެ އެ މައުލޫމާތު ދޭން އެ ކޯޕަރޭޝަނުން ދެކޮޅު ހަދައިފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ (އާރުޓީއައި) ގާނޫނުގެ ދަށުން އެޗްޑީސީއަށް ހުށަހެޅި އާރުޓީއައިއެއްގެ ޖަވާބުގައި އެޗްޑީސީން މިހެން ބުނީ، އެ ކުންފުނީގެ ބެލުމުގެ ދަށުގައި ހުރި ސޯޝަލް ހައުސިން ޔުނިޓުތަކުގެ އަދަދާއި އެ ތަންތަނުން ނަގާ ކުއްޔާއި ނުލިބިވާ ކުއްޔާއި އެ ފްލެޓުތައް އަޅަން ނެގި ލޯނުތަކުގެ މައުލޫމާތު ހިއްސާކޮށްދޭން އެދުމުންނެވެ.

އެޗްޑީސީއާ ކުރި ހަތަރު ސުވާލުގެ ތެރެއިން އެ ކުންފުނިން ޖަވާބު ދިނީ ދެ ސުވާލަށެވެ. އެއީ އެ ކުންފުންޏަށް ކުލި ދައްކަން ހުރި ޔުނިޓުތަކުގެ އަދަދާއި ނުލިބިވާ ކުލީގެ އަދަދެވެ. ދެން ހުރި ސުވާލުތަކަށް ޖަވާބު ނުދޭން ނެގީ އާރުޓިއައި ގާނޫނުގައި މައުލޫމާތު ހިފެހެއްޓޭނެ ކަމަށް ބުނާ މާއްދާތަކެވެ.

އެޗްޑީސީން ބުނި ގޮތުގައި ހުޅުމާލޭ އެއް ވަނަ ފިޔަވަައްސާއި ދެ ވަނަ ފިޔަވަހީގައި އެ ކުންފުންޏަށް ކުލި ލިބެން ޖެހޭ ޔުނިޓުތަކުގެ އަދަދަކީ 8،417 އެވެ. އެކަމަކު މި ޔުނިޓުތަކުގެ އިތުރު ތަފުސީލުތައް ދޭން އެދުމުން އެއީ ތިން ވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ކަމަަށް ބުނެ އެ ޔުނިޓުތަކުގެ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

ފްލެޓުތަކުގެ އިތުރު ތަފުސީލުތަކަކީ ޒާތީ މައުލޫމާތު ކަމުގައި އެޗްޑީސީން ކަނޑައެޅީ، ބެލެވޭ ގޮތުގައި، ސުވާލުގައި އޮތް ގޮތުން ވަކިވަކި ޔުނިޓުތަކުގެ މައުލޫމާތު ހޯދަން އެދުނު ކަމަށް ބަލައިގެންނެވެ. މިކަން އިތުރަށް ސާފުކޮށްދޭން އެ ކޯޕަރޭޝަނުގެ ރިވިއު ކޮމިޓީގައި ވާނީ އިލްތިމާސްކޮށްފަ އެވެ.

އެޗްޑީސީން ބަލަހައްޓަމުން އަންނަ ޔުނިޓުތަކުން ކުލި ނުދެއްކުމުގެ ސަބަބުން ނުދައްކައިވާ ކުލީގެ އަދަދު 841 މިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ މީގެ ދެ މަސް ދުވަސް ކުރިން މީޑީއާތަކުން ރިޕޯޓުކުރި 700 މިލިއަން ރުފިޔާއަށް ވުރެ އެތައް މިލިއަނެއް އިތުރު އަދަދެކެވެ.

ކުލި ނުދެއްކުމުގެ ސަބަބުން މި ފްލެޓުތައް އަޅަން ނަގާފައިވާ ލޯނުތަކަށް ފައިސާ ދެއްކުމުގެ ބުރަ އުފުލަމުން ދަނީ އެޗްޑީސީންނެވެ. މިކަމުގައި އެޗްޑީސީއަށް ބޭނުންވާ ފައިސާ ފޯރުކޮށްދެމުން ދަނީ ސީދާ ސަރުކާރުގެ ބަޖެޓުން ސަބްސިޑަރީ ލޯނު ދޫކޮށްގެންނާއި އެ ކުންފުނިން ޒިންމާވާ ގޮތަށް ބޭންކުތަކުން ނަގާ ލޯނުތައް ބޭނުންކޮށްގެން ކަމަށް ކުރިން އެ ކުންފުނިން ބުނެފައި ވެ އެވެ.

އެކަމަކު، ވިޔަފާރީގެ ސިއްރެއް ކަމަށް ބުނެ، އެ ލޯނުތަކުގެ މައުލޫމާތު ދޭން އެޗްޑީސީން ދެކޮޅު ހެދުމުން މިހެން ނަގާފައި ހުރި ލޯނުތަކަށް އެ ކުންފުނިން ދައްކަން ޖެހޭ ފައިސާގެ އަދަދެއް ސާފެއް ނުވި އެވެ. އެ މައުލޫމާތު ދޭން އެޗްޑީސީން ދެކޮޅު ހެދިއިރު، މިހެން ނަގާފައި ހުރި ލޯނުތަކުގެ މައުލޫމާތު މީގެ ކުރިން އާންމު މަންސަތަކުގައި އެ ކޯޕަރޭޝަނުން ހިއްސާކޮށްފައި ވެ އެވެ.

އެޗްޑީސީން ބަލަހައްޓަމުން އަންނަ ހައުސިން ޔުނިޓުތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއްގެ ލޯނު ނަގާފައި ހުރީ ދެ ވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުތަކުގެ 16 ޓަވަރު އިމާރާތްކުރުމަށެވެ.

މި ފްލެޓުތައް އަޅަން ފައިނޭންސް ކުރަން ނެގި އެއް ލޯނަކީ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާއިން ނެގި 368.9 މިލިއަން ޑޮލަރުގެ ލޯނެކެވެ. އަނެއް ލޯނަކީ މިހާރު ދައްކާ ނިމިފައިވާ ސިންގަޕޫރުގެ ކްރެޑިޓް ސުއިޒްއިން ނަގާފައިވާ 65.1 މިލިއަން ޑޮލަރުގެ ލޯނެކެވެ. މި ލޯނުތަކުގެ ޕްރިންސިޕަލް އަދި އިންޓްރެސްޓު އަނބުރާ ދައްކަން ޖުމްލަ 9.4 ބިލިއަން ރުފިޔާ ހޭދަ ވާނެ އެވެ.

ހިޔާ ފްލެޓު ޕްރޮޖެކްޓަކީ ހުރިހާ ޔުނިޓުތަކުން ގަވާއިދުން ކުލި ދެއްކިޔަސް، ދެކޮޅު ނުޖެހޭ ޕްރޮޖެކްޓެއް ކަމަށް މީގެ ކުރިން އެޗްޑީސީން ބުނެފައި ވެ އެވެ. އޭރު އެ ކުންފުނިން ބުނީ މި ޕްރޮޖެކްޓުގެ ހުރިހާ ކަމަކަށް 15.7 ބިލިއަން ރުފިޔާ އަރާނެ ކަމަށާއި ނަމަވެސް ކުލި ހިނގާ މުއްދަތުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބޭނީ 15.5 ބިލިއަން ރުފިޔާ ކަމަށެވެ.

އެކަމަކު މި ގެއްލުން ހިސާބުކުރީ އޭރު އެ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ނަގަމުން އައި 6000ރ. (ޑައުންޕޭމަންޓާ ނުލައި) ކަމުން މިހާރު އެ އަށް ވުރެ ކުލި ކުޑަކޮށްފައި ވާތީ، އެ ކުންފުންޏަށް ލިބޭ ގެއްލުން މިހާރު މާ ބޮޑު ވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox