ފާޑުކިޔުން އަމާޒުވާން ފެށުމުން ވީއައިޕީ ޓާމިނަލް ޖެޓެކްސްއަށް ދޭން އުޅޭ ވާހަކަ ޝަރީފު ދޮގުކޮށްފި

ރައީސް މުއިއްޒު އެމްއޭސީއެލްގެ އެމްޑީ ޝަރީފު އާއެކު: ފާޑުކިޔުން އަމާޒުވާން ފެށުމުން ވީއައިޕީ ޓާމިނަލް ޖެޓެކްސް އަށް ދޭން އުޅޭ ވާހަކަ ޝަރީފު ވަނީ ދޮގުކޮށްފަ ---- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އެމްއޭސީއެލްގެ އެމްޑީ ޝަރީފު އާއެކު: ފާޑުކިޔުން އަމާޒުވާން ފެށުމުން ވީއައިޕީ ޓާމިނަލް ޖެޓެކްސް އަށް ދޭން އުޅޭ ވާހަކަ ޝަރީފު ވަނީ ދޮގުކޮށްފަ ---- ފޮޓޯ: ރައީސް އޮފީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ޓާމިނަލް ހިންގުމާއި ގްރަންޑު ހޭންޑްލިންގެ އެންމެހައި މަސައްކަތްތައް 25 އަހަރަށް ދުބާއީގެ ޖެޓެކްސް ކުންފުންޏަށް ދޭން އުޅޭ ކަމަށް ދެކެވޭ ވާހަކަ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ދޮގުކުރައްވައިފި އެވެ.

މިދިޔަ ހަފުތާއިން ފެށިގެން ދައުރުވަމުންދާ ޑޮކިއުމެންޓުތަކުން އެނގޭ ގޮތުން ޖެޓެކްސްގެ ހުށަހެޅުމުގައި ވަނީ އެއާޕޯޓުގައި މުޅީން އާ ވީއައިޕީ ޓާމިނަލަކާއި ފްލައިޓުތައް ޕާކު ކުރުމަށް ބޭނުންވާ ރޭމްޕު އެޅުމަށް ބޭނުންވާ ބިން އެމްއޭސީއެލް އިން ފޯރުކޮށްދިނުމަށެވެ. ވީއައިއޭގެ ވީއައިޕީ ޓާމިނަލް މިހާރު ހިންގަމުން ދަނީ އެމްއޭސީއެލް އިންނެވެ.

މިކަމާ ގުޅިގެން މިދިޔަ ހަފުތާއިން ފެށިގެން ޝަރީފުގެ ބަހެއް ހޯދުމަށް މި ނޫހުން ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް އޭނާ ޖަވާބެއް ދީފައެއް ނުވެ އެވެ.

މި ވާހަކަތައް އޭނާ ދޮގުކުރެއްވީ "މިހާރު" ނޫހާ ވާހަކަ ދައްކަވަމުންނެވެ. އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޝަރީފު ވިދާޅުވީ ވީއައިއޭގެ އެއްވެސް ޓާމިނަލެއް ބޭރުގެ ބަޔަކަށް ކުއްޔަށް ދޭން ނިންމާފައިވާ ނުވާނެ ކަމަށެވެ. އެފަދަ ކަމަކާ ނޫޅޭ ކަމަށް ވެސް ޝަރީފާ ހަވާލާދީ ބުނެފައިވެ އެވެ.

އަޑު ފެތުރިފައިވާ ގޮތުން ވީއައިޕީ ޓާމިނަލް ހިންގުން ޖެޓެކްސް ކުންފުންޏާ ހަވާލު ކުރުމުގެ ޕްރޮޕޯސަލް ގެނައީ މަޝްހޫރު ވިޔަފާރިވެރިޔާ، އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު މުހައްމަދު އަލީ ޖަނާ (ޖަނާ) މެދުވެރިކޮށެވެ. އެކަމާ ގުޅޭ ގޮތުން ޖަނާގެ ބަހެއް ހޯދަން މި ނޫހުން ގުޅުމުން ވެސް ޖަވާބެއް ނުދެއްވަ އެވެ.

އެއާޕޯޓުގެ ވީއައިޕީ ޓާމިނަލް ހިންގަން ޑުބާއީގެ ޖެޓެކްސް ކުންފުންޏާ ހަވާލު ކުރަން މަޝްވަރާ ކުރެވެމުންދާ ކަމަށް ދެކެވޭ ވާހަކަތައް އެމްއޭސީއެލް އިން ދޮގުކޮށްފައިވާއިރު، މި ސަރުކާރުގެ ކުރީކޮޅުގައި ވެސް އެފަދަ ހުށަހެޅުމެއް އެ ކުންފުނީގެ ބޯޑަށް ހުށަހެޅި އެވެ.

އެމްއޭސީއެލްގެ ބޯޑުގެ ބައެއް ބޭފުޅުން ނަން ނުޖެހުމަށް ޝަރުތުކޮށް "އަދަދު" އަށް ބުނީ އެ ހުށަހެޅުމާ ގުޅޭގޮތުން އޭރު ބޯޑުގައި މަޝްވަރާކުރުމަށްފަހު ބަލައިނުގަންނަން ނިންމީ ކަމަށެވެ.

"އަޅުގަނޑުމެން އޭރު މަޝްވަރާ ކުރިއިރު ވާހަކަ ދެކެވުނު، ވީއައިޕީ ޓާމިނަލް ބޭރުގެ ކުންފުންޏަކާ ހަވާލު ކުރުމުގެ ވާހަކަދެއްކުމުގެ ކުރިން، އެ ޓާމިނަލް އެމްއޭސީއެލްއިން ހިންގައިގެން ވާނެ ފައިދާ އާއި އެއީ ކުރެވޭނެ ކަމެއްތޯ ބަލަންޖެހެޔޭ،" ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހާ ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހުޅުލޭ އެއާޕޯޓު ހިންގުން ޖީއެމްއާރު އާއި ހަވާލުކުރުމާ އެކު އޭރު އިދިކޮޅުގައި ތިބި މި ސަރުކާރުގެ ވެރިން އެކަމާ ދެކޮޅަށް ދައްކާފައިވާ ވާހަތަކާއި ކުރި މުޒާހަރަތަކާ ގުޅުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox