ހަރާން ދިވެހިރާއްޖޭގައި ހަލާލު ރުކަކާއި ދިއްގާ ގަހެއް

އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

ބޭންކް އޮފް މޯލްޑިވްސް ނުވަތަ ދިވެހިންގެ ބޭންކްގައި އިސްލާމިކް ވިންޑޯއެއް ހުރެއެވެ. މިކަމާ އަޅުގަނޑު ވަރަށް ވިސްނާ ފިކުރު ކުރަމެވެ. ދިވެހިރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ހުރި އަދި އަމުދުން 'ދިވެހިންގެ ބޭންކް، އެންމެންގެ ބޭންކް' ގައި އިސްލާމިކް ވިންޑޯއެއް ހުންނަ މައްސަލައެވެ. މިދަންނަވާ އިސްލާމިކް ވިންޑޯގެ ތެރެއިން ނުވަދެވޭ އެހެން ދޮރުތަކުން އެ ބޭންކަށް ވަނީމާ ވަދެވެނީ އިސްލާމިކް ނޫން އުސޫލުތަކެއްގެ ތެރެއަށްތޯ ހިޔާލަށް ވެރިވެ ހިތަށް އުނދަގޫކުރާ ސުވާލެވެ.

މިކަމުގައި އޮތް އެއް އަޖައިބަކީ، މުޅި ބޭންކް އިސްލާމިކް ނުވަނީ ކީއްވެތޯ އުފެދޭ އަޖައިބެވެ. ދެވަނަ އަޖައިބަކީ، މާސިންގާ ބޮޑު ކޮމާޝަލް ބޭންކެއްގެ އެއްބައި އިސްލާންވެފައި، އަނެއްބައި އޮތީ އެހެން ނޫންކަމުގައި ހަމަ އެބޭންކްއިން އަމިއްލައަށް އިސްތިހާރުކޮށްކޮށްފައި ހިންގަމުން ގެންދާ ކަމެވެ. ތިންވަނަ އަޖައިބަކީ، އިސްލާމީ ދައުލަތެއްގައި ހިނގާ އެންމެ ގިނަ މީހުން ބޭނުންކުރާ އަދި 'ބޭންކް އޮފް މޯލްޑިވްސް' ގެ ނަމުން ނަންދީފައި މިއޮންނަ ބޭންކްގެ ބޮޑުބައި ގެ ބަދަލުގައި ކުޑަ ބައި އެއީ އިސްލާމިކް ބައިގެ ގޮތުގައި ހަދާފައި އޮންނަކަމެވެ.

ދަންނަވަންތޯއެވެ. ބޭންކަކުން ދޭ އާންމު ހިދުމަތްތަކަކީ އިސްލާމްދީންވެސް އޭގެ ޒާތުން ހުއްދަކުރާ ހިދުމަތްތަކެކެވެ. ލާރި ރައްކާތެރިކޮށްދިނުމާއި މީހުންގެ ލާރި އިންވެސްޓްކޮށްދީފައި، ފައިދާގެ ޕަސެންޓެއް ދިނުމާއި، މީހުންނަށް އެކި ބާވަތުން ލޯނުދިނުމަކީ އޭގެ ޒާތުން ހުއްދަ ކަމެކެވެ. އެކަން ކުރުމުގައި ރިބާ ހިމެނޭނަމަ ނުވަތަ ކޮމްޕައުންޑް އިންޓްރެސްޓް ނުވަތަ ކަލްކިއުލޭޓް ނުކުރެވޭ ރިސްކްތައް ފަދަ އިސްލާމްދީން އެކަންކަމާ ހަނގުރާމަކުރާ ބާވަތުގެ ހަރާން ކަންކަން ހިމެނޭނަމަ ހަރާންވާނީ އެކަންކަމެވެ. ބޭންކެއް ނޫނެވެ.

މުޅި ބޭންކްގެ މައި ވިޔަފާރި ބިނާކުރަނީ ހަރާން ކަންކަމުގެ ތެރޭގައި ކަމަށްވާނަމަ އެބޭންކަކާ އެކު މުއާމަލާތުކުރުން ހަރާންވާނެއެވެ. އެކަމަކު ހަމަ އެބޭންކްގައި އެހެން ނަމެއް ކިޔާ ދާދި އެއް އުސޫލުތަކުގެ މައްޗަށް ވަކި ވިންޑޯއެއް މިއީ އިސްލާމިކް ވިންޑޯއެކޭ ކިޔާފައި ހުޅުވުމަކުން އެ ވިންޑޯގެ އެބައި އެކަނި އިސްލާމިކް ވެގެންނެއް ނުދާނެއެވެ. މިހިރަ ފެންނަނީ މުސްލިމެކެވެ. އޭނާގެ ކަނާތް އެއީ ކާފަރު ކަނާތެކެވެ. ވާތް އެއީ އިސްލާމިކް ކަނާތެކެވެ. މި ހުންނަނީ ހެއްވާ ވާހަކައެވެ.

އަޅުގަނޑު އަދި ހައިރާންވާ އެހެން ކަމެއްގެ ވާހަކަ ވެސް މިފުރުސަތުގައި ދަންނަވާލާނަމެވެ. މިދޭތެރެއަކުން، ޓޭމޫއާއި ޝެއިންގެ މައްސަލައިގައި ބޭންކް އޮފް މޯލްޑިވްސްއިން މި ނެގި ޑިޒިޝަންތަކަކުން ދިވެހި އާންމުން ރަތަށް އަރައިފިއެވެ. ދަންނަވަންތޯއެވެ. ހަރާންވެގެންވާ ކޮމްޕައުންޑް އިންޓްރެސްޓް އޭގެ އެންމެ އަނިޔާވެރިކޮށް ނަގަމުން ގެންދާ ބޭންކް އޮފް މޯލްޑިވްސްއިން މާ އިންސާފުވެރި އުސޫލުތަކެއް ގެންގުޅޭނެކަމަށް ހީކުރުމަށްވުރެ މޮޔަކަމެއް ބަޔަކު ނުކުރާނެއެވެ.

ދެން މިހާރު މިއިވެނީ ހަލާލު ޓޫރިޒަމްގެ ވާހަކައެވެ. މިހާރު އޮތް ޓޫރިޒަމް ހަރާންވަނީ ކީއްވެކަމެއް ވިސްނާ ވިސްނާވެސް އަޅުގަނޑަކަށް ނުވިސްނުނެވެ. އެހެނީ ޓޫރިޒަމަކީ އޭގެ ޒާތުގައި ހުއްދަ އެއްޗެކެވެ. ރާވިއްކުމާއި އޫރުމަސްވިއްކުން ހަރާންވުމަކުން ޓޫރިޒަމް ހަރާމެއް ނުވާނެނޫންތޯއެވެ؟ ހުއްދަ ކަމެއްގެ ތެރޭގައި ހަރާން ކަންތައްތަކެއް ކުރާނަމަ ހަރާންވާނީ ހަމަ ހަރާން ކަންތައްތަކެވެ. ޓޫރިޒަމް ވިޔަފާރި ބޭންކްގެ ވިޔަފާރިއާ ވެސް ތަފާތެވެ.

އެހެނީ ބޮޑެތި ކޮމާރޝަލް ބޭންކްތަކުގެ މައި ވިޔަފާރިތަކުގެ ތަބީއަތްތަކަކީ ރިބަވީ މުއާމަލާތްތަކެއްކަމަށް ވަރަށް ގިނަ އިލްމުވެރިން ވިދާޅުވެއެވެ. ނަމަވެސް ދިވެހިރާއްޖޭގެ ޓޫރިޒަމް ވިޔަފާރި ހިންގާ ބައެއް ރަށްރަށުގައި ރާއާއި އޫރުމަސް ހުއްޓަކަސް، އެއެއްޗެހި ކޮންމެ ފަތުރުވެރިއަކު ގަތުން ލާޒިމެއް ނުވެއެވެ. މުޅި ވިޔަފާރި ބިނާވަނީ އެދޭތި ވިއްކުމުގެ މައްޗަކަށް ނޫނެވެ.

މިފަހަކަށް އައިސް އިސްލާމީ ގައުމުތަކުގެ ވަރަށް ގިނަ ރައްޔިތުންނަށް އޮޅުވާލައިގެން ހިންގޭ ވިޔަފާރިތަކުގައި، އިސްލާމްދީނުގެ ނަން ބޭނުންކޮށްގެން އެ ވިޔަފާރިތައް ޕްރޮމޯޓްކުރެއެވެ. ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ވިންޑޯއަކީ މިފަދަ ރީތި އޮޅުވާލުމެއްގެ މިސާލެކެވެ. އެތަނުގައި ޝަރީޢާ އެޑްވައިޒަރީ ބޯޑެއް އޮވެފައި އެބޯޑުގެ މެންބަރުންގެ ގޮތުގައި އިސްލާމީ ތައުލީމު ލިބިވަޑައިގެން ތިއްބެވި އިލްމުވެރިން ތިއްބެވިޔަސް ކަން އޮތީ މިދަންނަވާހެންނެވެ. އެހެނީ އިންސާނެއްގެ މުޅި ހަށިގަނޑު ކުފުރުގެ ހަށިގަނޑަކަށްވެފައި އޭނާގެ ތަނބިކަށިން ބަޔެއް އެކަނި އިސްލާމިކްވޭތޯއެވެ؟

ދީނަށް ލޯބިކުރާ އާންމު ރައްޔިތުންގެ އިހުސާސްތަކަށް މިބާވަތުން އޮޅުވާލައި، "ހަލާލު ޕްރޮޑަކްޓްތަކާއި" "ސުންނަތުން ސާބިތުވާ އިސްލާމިކް ޕްރޮޑަކްތަކުން" ބަޔަކު މުއްސަނދިވަމުންދާދިއުމަކީ އައު ވައްތަރެއްގެ ސްކޭމަކަށްވުރެ މިހާރު ދުވަސްވެފައިވާ ކަމެއްކަމުގައިވެސް އަޅުގަނޑަށް ދަންނަވަން ކެރެއެވެ.

އަތުޖެހޭ ފަށުން އިތުރު މިސާލެއް ދަންނަވާލާނަމެވެ. ދިވެހިރާއްޖޭގެ އެންމެ އަގުބޮޑު ރައުސް މާލަކީ، ދިވެހިރާއްޖޭގެ ރީތި ރަށްތަކެވެ. ސާފު މޫދާއި ދޮންވެލި ތުނޑިތަކާއި ގޮނޑުދޮށްތަކެވެ. ޝައްކެތް ނެތެވެ. އެތަންތަން ޓޫރިޒަމަށް ބޭނުންކުރުމުގައި ހަރާންވެގެންވާ ރާއާއި އޫރުމަސްފަދަ ހަޑިމުޑުދާރު ތަކެތިން ތާހިރުވެފައިވާ ޓޫރިޒަމަކަށް ހެދިއްޖެނަމަ ކިތަންމެހާ ވެސް ރަނގަޅެވެ. ނަމަވެސް 'ހަލާލު ޓޫރިޒަމް' ޓެގް އަޅުވައިގެން، ނުއަގުގައި ދިވެހިރާއްޖޭގެ ރަށްތައް ވަކި ބަޔަކަށް ބަހާލުމަށް ހިންގާ ކަންކަމަކީ، އެހެން ކަމެކެވެ.

ވިސްނާވަޑައިގަންނަވާށެވެ! އެފްރިކާ ބައްރުގައި މިހާރު އުޅުއްވަމުން ގެންދަވާ ރާއްޖޭގެ ކުރީގެ އިއްޒަތްތެރި ރައީސް މުޙައްމަދު ނަޝީދު މިފަހަކުން ރާއްޖެ ވަޑައިގެން ދެއްވި ހުތުބާއެއްގައި ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު މައްސަލައަކީ ދަރަނި ކަމަށެވެ. އެގޮތުން އެމަނިކުފާނު ފާހަގަކުރެއްވީ އާންމު ރައްޔިތުން އެކި ގޮތްގޮތުން ދަރާފައި ތިބުމުގެ އިތުރުން، ދިވެހި ދައުލަތްވެސް ބޮޑު ތަނުން ދަރާފައި އޮތް ވާހަކައެވެ.

ބައްލަވާށެވެ! އާންމު ގިނަ ރައްޔިތުން ތާށިވެފައިތިބީ ބޭންކް އޮފް މޯލްޑިވްސްގެ ތަފާތު އެކި ސްކީމްތަކުން ދޫކޮށްފައިހުރި ރިބާގެ މައްޗަށް ރިބާ އަރަމުންދާ ކޮމްޕައުންޑް އިންޓްރަސްޓް ހިމެނޭ ދަރަނިތަކުގައެވެ. އެކަމަކު ވެސް އެތަނުގެ އިސްލާމިކް ވިންޑޯ އަކީ ހަމަ ސައްހަ މުސްލިމެކެވެ.

މިފަހަކުން ދިވެހިރާއްޖޭގެ ނާއިބު ރައީސް ޙުސައިން މުޙައްމަދު ވެސް އެ ވިދާޅުވީ ހަމަ އެވާހަކަފުޅެވެ. ސަސްޓެއިނަބަލް ޑިވެލޮޕްމަންޓަށް އޮތް ހުރަހަކީ ރާއްޖޭގެ ދަރަންޏެވެ. ކައިރި އަވަށްޓެރި ގައުމުތަކުންނާއި ބޮޑެތި މުއްސަނދި ގައުމުތަކުން އިންޓްރަސްޓް މައްޗަށް އިންޓްރަސްޓް އަރާހެން ނަގާފައިވާ ދަރަނިތަކެވެ. އެ ދަރަނިތައް ނުދައްކައިގެން ޓެކްނިކަލީ ބަނގުރޫވެފައި އޮތް ދިވެހި ދައުލަތުގެ މާލިއްޔާ އިސްލާން ކުރާ ވާހަކަ ޝޭޚުންނާއި އަދުގެ އިސްލާމިކް ރައީސް ނުދައްކަވަނީ ކީއްވެތޯއެވެ؟

ހެޔޮ ނިޔަތެއް އޮތްނަމަ އެންމެ ފުރަތަމައަށް ދިވެހި ދައުލަތުގެ މާލިއްޔާއަށް ބައްލަވާށެވެ! ދައުލަތުން ދައްކަންޖެހިފައިވާ ނުދެއްކިވާ ދަރަނީގައި ހިމެނިގެންވާ ރިބާގެ މިންވަރަށް އަހަންމިއްޔަތުކަން ދެއްވާށެވެ! ރިބާގެ ދަރަނިތަކެއް ދައުލަތުގެ މާލިއްޔަތުގެ ބޮލުގައި އެޅިފައިވަނިކޮށް، އުފައްދަންނުޖެހޭ އެތައް ސިޔާސީ މަގާމެއް އުފައްދައި، އެބައިމީހުންނަށް ބޮޑެތި މުސާރަތައް ދެމުންދާދިއުން ހުއްޓުވާށެވެ! ދައުލަތުގެ ބަޖެޓުން އިސްރާފު ނުކުރައްވާށެވެ!

ހެޔޮ ނިޔަތެއް އޮތްނަމަ ދިވެހިރާއްޖޭގެ ޓޫރިޒަމް ވިޔަފާރީގައި ހުރި ދީނާ ފުށުއަރާ ކަންކަން އިސްލާހްކުރަންވީއެވެ. ރާވިއްކުމާއި އޫރުމަސް ވިއްކުން މަނާކުރަންވީއެވެ. ހަލާލު ޓޫރިޒަމެއް ހަދަނީކަމަށް ބުނެ، ސިޔާސީ ގުޅުމެއް އޮތް ކޮންމެވެސް ފަރާތްތަކަކަށް ދިވެހިރާއްޖޭގެ އަގުބޮޑު ރަށްތަކާއި ބީޗްތައް ނުއަގުގައި ދިނުމަކީ ހަރާންވެގެންވާ ވައްކަމާއި ހިޔާނާތެވެ.

ހެޔޮ ނިޔަތެއް އޮތްނަމަ، ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ކޮންޓްރޯލް އޮތް ބޭންކް އޮފް މޯލްޑިވްސް އެކީއެކަށް އިސްލާންކުރައްވާށެވެ! ކޮމްޕައުންޑް އިންޓްރެސްޓް ހުއްޓުވާލައްވާށެވެ. ނިކަމެތި ރައްޔިތުންނަށް އަގުހެޔޮކޮށް ހޯދޭ ވިޔަފާރީގެ ހިދުމަތްތަކަށް ދަތިނުކުރައްވާށެވެ!

އަލްބަޤަރާ ސޫރަތުގެ 85 ވަނަ އާޔަތުން ބައެއްގައި އަންގަވަނީ މިފަދައިންނެވެ. "...ފޮތުން ބަޔަކަށް ތިޔަބައިމީހުން އީމާންވެ، އަނެއްބަޔަށް ކާފަރުވަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެކަންތައްކުރާ މީހުންގެ ޖަޒާއަކީ، ދުނިޔޭގެ ހަޔާތުގައި ދެރަކަމާއި ނިކަމެތިކަން ލިބުންކަމުގައި މެނުވީ ނުވެއެވެ. އަދި ޤިޔާމަތް ދުވަހުން ގަދަފަދަ އަޒާބުގެ ތެރެޔަށް އެމީހުން ފޮނުއްވާނެއެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުންކުރާ އަމަލުތަކާމެދު ޣާފިލުވެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ނުވެއެވެ."

ދިވެހިން ބޭނުންވަނީ ހަރާން ރާއްޖެއެއްގައި ހަލާލު އެންމެ ދެ ރުކާއި ހަތަރު ދިއްގާގަސް ބަހައްޓާކަށް ނޫނެވެ. ދިވެހިން ބޭނުންވަނީ ހަލާލު ވެރިކަމެއް ކުރާ ހަލާލު ދިވެހި ދައުލަތެއް ގާއިމުވެފައިވާ ހަލާލު ދިވެހިރާއްޖެއެކެވެ. ރިބާތަކުން ތާހިރުވެފައިވާ މާލިއްޔާއެއް އޮތް ފުދުންތެރި މުއްސަނދި ދައުލަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒުވާނުންނާއި ޒަމާނީ މަސައްކަތުގެ މާހައުލު

ދިވެހި ޒުވާނުން މަސައްކަތްތަކާ ދުރުވަނީ ކަންނެތްކަމުން ކަމަށް ބުނާ ބުނުމަކީ ހަގީގީ ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ނުކުތުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލު ދަށް އުޖޫރައާއި، މަސައްކަތުގެ މާހައުލުގައި ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ނެތުމެވެ. އެހެންކަމުން، ވަޒީފާގެ ބާޒާރުން ދިވެހިން އެކަހެރިވާ ސަބަބުތައް ދެނެގަތުމަށް އިލްމީ ދިރާސާތަކެއް ކުރުން މުހިންމެވެ.

އެގާރަސަތޭކަ ނަވާރަ މީހުންގެ އެއްބަސްވުމާ ދެކޮޅު، 1120 ވަނަ މީހާ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުމަށް، އެ ޕާޓީގެ ކޮންގްރެސްގެ 1،119 މަންދޫބުން އިއްތިފާގުން ވަނީ ނިންމާފައެވެ. އެއްވެސް މީހެއްގެ އިއުތިރާޒެއް ނެތި މި ނިންމުން ނިންމި ނަމަވެސް، މިއީ ސިޔާސީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ ފަދަ ތަފާތު ނަތީޖާއެކެވެ.

އަހަރެމެން ދިވެހިންނާ ހެދި ކިހާ ބަޔަކު އިސްލާމްވެދާނެބާ؟

މުސްލިމުން އިސްލާމްދީން އުގެނި ދަސްކުރީ މާތް ނަބިއްޔާ މުހައްމަދުގެފާނުގެ އަރިހުންނެވެ. މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުން ދަސްކުރި އަމަލީ އިސްލާމްދީން އިސްލާމީ އުންމަތް އޭގެ ކުރިބޯއްޓަށް އަރާފައި ދުޝްމަނުންގެ އަތުން ބަލިވެ ބަގުދާދު ފުނޑި ސުންނާފަތިވީއިރުވެސް މުސްލިމުންގެ މެދުގައި ދިރިދިރި އޮތެވެ. މީގެ އެތައް މިސާލެއް ތާރީހުން ފެނެ އެވެ.

ގައުމީ އިގުތިސާދު ނާޒުކު ފައްތަރެއްގައި!

ރާއްޖޭގެ އިގުތިސާދީ ހާލަތު ނާޒުކުވެ، ޑޮލަރު ލިބުމުގެ ދަތިކަމާއި ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ކުދި ވިޔަފާރިތައް ހުއްޓުމުގެ ބިރު ހީވެ، ބާޒާރުގައި ތަކެތީގެ އަގު އުފުލި އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.

އާގުބޯޓު ފަހަރު ބަނދަރުކުރާ ސަރަހައްދު ގައުމީ ސަލާމަތަށް ނުރައްކާ

މާލޭގެ 'ސޭފް އެންކަރޭޖް' ސަރަހައްދުގައި ބޮޑެތި އުޅަނދުފަހަރު އެޅުމަކީ ބްރިޖާއި އެއާޕޯޓް ފަދަ މުހިންމު އުމްރާނީ ވަސީލަތްތަކަށާއި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން އުޅަނދުތައް ކަހައިގެން ގޮސް ހިނގާ ހާދިސާތައް އިތުރުވަމުންދާތީ، މި ސަރަހައްދު ބޭނުންކުރުމުގެ އުސޫލުތައް އަލުން މުރާޖައާކޮށް ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ.

ޕީއެންސީގެ "އެލީޓުން" ރައީސަށް މިދެއްވާ މެސެޖަކީ ކޮބާ؟

ޕީއެންސީގެ އެތެރޭގެ އިންތިޚާބުތަކަކީ އެމްޑީޕީއާ ޚިލާފަށް ކޮންގްރެސްގެ ތެރެއިން ސިއްރު ވޯޓަކުން މަގާމުތައް ކަނޑައަޅާ އިންތިޚާބުތަކެކެވެ. ނަމަވެސް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޕާޓީގެ ރައީސްކަން އެމަނިކުފާނަށް ލިބިވަޑައިގަތުމާއެކު، ޕާޓީގެ އެތެރޭގެ މަސްލަހަތަށާއި އިންތިޚާބީ ނިޒާމަށް ބަދަލުތަކެއް އަންނަމުންދާކަން މި ލިޔުމުން ފާހަގަކުރެއެވެ.

ދަރިވަރުންނަށް ރާއްޖެ އިސްލާމް ވީދުވަސް ބުނެދިނުން

ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ ތާރީޚާއި އެކަމާ ގުޅޭ މުހިންމު ހާދިސާތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިގޮތުން އިސްލާމްދީނުގެ މާތްކަމާއި، އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ މަސައްކަތްޕުޅުން ރަންނަމާރީގެ ބިރުވެރިކަމުން ދިވެހިން ސަލާމަތްވި ގޮތުގެ މައުލޫމާތު ކުދިންގެ އުމުރާ ގުޅޭގޮތަށް ބުނެދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox