ހޯޕް އައިލެންޑުގައި ކުޑަކުދިންގެ ޖަލު އަޅަން އެމެރިކާ، ޗައިނާ އަދި މެލޭޝިއާ ކުންފުންޏެއްގެ ޝައުގުވެރިކަން

ހޯޕް އައިލެންޑާއި ސެންޓްރަލް ޖެއިލް ކޮމްޕްލެކްސް ތަރައްގީކުރާ އުތުރުތިލަފަޅުގެ ބިން ހިއްކަނީ: ސަރުކާރުން ބުނަނީ ހުރިހާ ޖަލުތައް އެއް ތަނަކަށް ބަދަލުކުރުމުން ހަރަދުތައް ކުޑަކުރެވި، ބަލަހައްޓަން ފަސޭހަވާނެ ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ހޯޕް އައިލެންޑާއި ސެންޓްރަލް ޖެއިލް ކޮމްޕްލެކްސް ތަރައްގީކުރާ އުތުރުތިލަފަޅުގެ ބިން ހިއްކަނީ: ސަރުކާރުން ބުނަނީ ހުރިހާ ޖަލުތައް އެއް ތަނަކަށް ބަދަލުކުރުމުން ހަރަދުތައް ކުޑަކުރެވި، ބަލަހައްޓަން ފަސޭހަވާނެ ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ކުށުގެ ވެށިގައި އުޅޭ ކުދިން ބަންދުކޮށްގެން ރިހެބިލިޓޭޓުކުރަން ތަރައްގީކުރާ "ހޯޕް އައިލެންޑް" މަޝްރޫއަށް ބޭނުންވާ ފައިސާ ދޭން ދިވެހި ކުންފުންޏަކާއި ބޭރުގެ ތިން ގައުމެއްގެ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ހޯޕް އައިލެންޑް ތަރައްގީކުރަން ލިބިފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން އަދަދު އިން ސުވާލުކުރުމުން އިހުސާން ވިދާޅުވީ ކުޑަކުދިންގެ ޖަލު އެޅުމަށް ޝައުގުވެރިކަން ފާޅުކުރި ކުންފުނިތަކަށް ޑީޓެއިލް ޕްރޮޕޯޒަލް ހުށަހަޅަން މި ހަފުތާގެ ނިޔަލަށް ފުރުސަތު ދީފައިވާ ކަމަށެވެ.

"ޖަލު އަޅައިދޭން ޝައުގުވެރިކަން ފާޅުކުރީ އެމެރިކާ، ޗައިނާ، މެލޭޝިއާ އަދި ރާއްޖޭގެ ކުންފުންޏަކުން. އިންފޮމޭޝަން ދީފައި އޮތީ. ދެން އޮތީ ޕްރޮޕޯޒަލް ސަބްމިޝަން ވިންޑޯ. އެ މުއްދަތު ދީފައި އޮތީ ޖޫން 25، ގެ ނިޔަލަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި އިހުސާން ވިދާޅުވީ ކުޑަކުދިންގެ ޖަލަށް ހުށަހަޅާ ޕްރޮޕޯޒަލްތައް އިވެލުއޭޓްކުރުމަށް ފަހު، އެ ޖަލު އެޅުމުގެ މަސައްކަތް ފަށައި، 2027 ގެ ނިޔަލަށް މަސައްކަތް ނިންމަން އަމާޒު ހިފާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ 2027 ވަނަ އަހަރު ނިމެންވާއިރަށް މި ރަށް ގާއިމުކޮށް، ކުޑަ ކުދިންނަށް ލިބެން ޖެހޭ ހާއްސަ ފަރުވާ ފެށުން،" މިނިސްޓަރު ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ކުޑަކުދިންނަށް ހާއްސަ ޖަލެއް ގާއިމުކުރަނީ ކުށުގެ ވެށީގައި އުޅޭ ކުދިންނާއި ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ކުދިން ދައުލުގެ ބެލުމުގެ ދަށަށް ގެނެސް، އެ ކުދިންނަށް އުންމީދެއް ހޯދައިދިނުމަށް ކަމަށެވެ.

މީގެ ކުރިން ދ. ވާނީގައި ތަރައްގީކުރަން ނިންމި ހޯޕް އައިލޭންޑް މިހާރު އެޅުމަށް ނިންމާފައި ވަނީ އުތުރުތިލަފަޅުގަ އެވެ. މި ބަދަލު ގެނައި، އިހުސާން ވިދާޅުވި ގޮތުގައި ހަރަދުތައް ކުޑަކުރުމުގެ ގޮތުންނެވެ.

ހޯޕް އައިލެންޑްގެ އިތުރުން މައި ޖަލުގެ ގޮތުގައި ތަރައްގީކުރާ ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް ވެސް ހުންނަނީ އުތުރުތިލަފަޅުގަ އެވެ.

ހޯޕް އައިލެންޑަށް ފައިނޭންސް ކުރަން ސަރުކާާރުން ހުޅުވާލީ ކްރޮސް ސަބްސިޑީގެ ދަށުން، ދައުލަތުގެ އާންމު މަންފާއަށް ޓަކައި ހިންގޭ މުހިންމު މަޝްރޫއުތަކުގެ ތެރޭގައި ހިމަނައިގެންނެވެ. މި މަޝްރޫއަށް ހަރަދުކުރަން ޖެހޭ އެންމެ ދަށް މިންވަރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 15 މިލިއަން ޑޮލަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox