ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ މޭޔާސް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް އާއި ޑެޕިއުޓީ މޭޔަރު، މުހައްމަދު އަރީޝް ޗައިނާއަށް ފުރާވަޑައިގެންފި އެވެ.
މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ޗައިނާގެ ވެރިރަށް ބެއިޖިންގައި އޮންނަ އެ ފޯރަމްގައި އޭޝިއާގެ އެކި ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ. ދެމެހެއްޓެނިވި ތަރައްގީ އާއި އާ އީޖާދުތަކާއި އެންމެންގެ ބައިވެރިވުން ހިމެނޭ ވެރިކަމެއް ހިންގުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އެ ފޯރަމްގައި މަޝްވަރާ ކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.
ޗައިނާއަށް ފުރާވަޑައިގަތުމުން ކުރިން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ އޭޝިއާގެ އެކި ގައުމުތަކުގެ ސިޓީތަކުގައި ދިމާވާ ގޮންޖެހުންތައް ހައްލުކޮށް އެ ކަންކަމާ ކުރިމަތިލުމަށް ކުރާ މަސައްކަތްތައް ދަސްކުރުމަށާއި މަސައްކަތްތައް ހިއްސާ ކުރުމަށް ލިބޭނެ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ.
ޔޫއެންޑީޕީގެ މޭޔާސް ފޯރަމްގައި މިދިޔަ އަހަރު ވެސް އާޒިމް ބައިވެރިވެވަޑައިގެންނެވި އެވެ.
މި އަހަރުގެ މޭޔާސް ފޯރަމްގެ ޝިއާރަކީ ވިލަރެސްކުރެވިފައިވާ އާ އީޖާދުތައް؛ ކާބަން މަދު އަދި ދެމެހެއްޓެނިވި މުސްތަޤުބަލުގެ ސިޓީތައް ބިނާކުރުމެވެ.














