ލަންޑަން (ޖޫން 11) - ބްރެންޓްފޯޑްގެ ކޯޗު ޑެންމާކުގެ ތޯމަސް ފްރޭންކް، ހުސްވެފައިވާ ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމާ ހަވާލުވާން އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނޭ ބުނެފި އެވެ.
މެންޗެސްޓާ ޔުނައިޓެޑް އަތުން 1-0 އިން މޮޅުވެ، ޔޫރޮޕާ ލީގު ޓޮޓެންހަމް އަށް ހޯދައިދީ، 17 އަހަރު ވަންދެން އެ ޓީމުން ތަށްޓަކަށް ކުރި އިންތިޒާރަށް ނިމުން ގެނެސްދިން ކޯޗު، އަންޖް ޕޮސްޓެކޮގްލޫ، އެ ޓީމުން ވަކިކުރީ މީގެ ފަސް ދުވަސް ކުރިންނެވެ. ގިނަ ބަޔެއްގެ ނުރުހުން އަމާޒުވި މި ނިންމުމަށް ފަހު، ޓޮޓެންހަމް އިން ވަނީ އާ ކޯޗެއް ގެންނަން މަސައްކަތް ފަށައިފަ އެވެ. އެ ގޮތުން، އެ ޓީމުން ގެންނަން ބެލި އެއް ކޯޗު، ކަމަށްވާ އިޓަލީގެ ސިމޯން އިންޒާގީ ވަނީ ސައުދީ އަަރަބިއްޔާގެ އަލް ހިލާލާ ހަވާލުވެފަ އެވެ.
ބްރެންޓްފޯޑަށް ފާއިތުވި ހަތް އަހަރު ކޯޗުކޮށްދިން ފްރޭންކް، 51، ޓޮޓެންހަމާ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ހަވާލުވާން ނިންމާފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި، ފްރޭންކްގެ ކޯޗިން ޓީމާއި އޭނާއާ އެކުގައި، ޓޮޓެންހަމް އަށް ގެންނަން ދައްކަންޖެހޭ، 13 މިލިއަން ޑޮލަރުގެ ފީ ދައްކަން އެ ކްލަބުން އަންނަނީ ތައްޔާރުވަމުންނެވެ.
ޑެންމާކުގެ ތިން އުމުރުފުރާއެއްގެ ގައުމީ ޓީމަށް 2008 އިން 2013 އަށް ކޯޗުކޮށްދިން، ފްރޭންކް، އޭނާގެ ކްލަބް ކޯޗިން ކެރިއަރު ފެށީ ޑެންމާކުގެ ކްލަބް، ބްރޮންޑްބައި އިންނެވެ. އެ ޓީމަށް، 2013 އިން 2016 އަށް ކޯޗުކޮށްދިން ފްރޭންކް ވަނީ 2018 ވަނަ އަހަރު ބްރެންޓްފޯޑާ ހަވާލުވެ އެ ޓީމު، ތިން އަހަރު ތެރޭ، އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓްކޮށްދީފަ އެވެ.











