މި އަހަރުގެ މިހާތަނަށް ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 38 އިންސައްތަ މައްސަލަ ބަލައިގަތުމާމެދު ކޯޓުން ގޮތެއް ނިންމާފައި ނުވާކަން އެނގިއްޖެ އެވެ.
ހައި ކޯޓުގެ ވެބްސައިޓުގައި އާންމުކުރާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މި އަހަރު އެ ކޯޓަށް ހުށަހަޅާފައިވަނީ ޖުމްލަ 223 މައްސަލަ އެވެ.
އޭގެތެރެއިން ބަލައިގަތުމާމެދު މިހާތަނަށް ގޮތެއް ނުނިންމާ 84 މައްސަލަ އެބައޮތެވެ.
ހައިކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ބަލައިނުގުތުމަށް ނިންމާފައިވަނީ 51 މައްސަލަ އެވެ. ރަޖިސްޓްރީ ކުރެވި މިހާރު ކުރިއަށްދަނީ 84 މައްސަލަ އެވެ. އަނބުރާ ގެންގޮސްފައިވަނީ ތިން މައްސަލަ އެވެ.
މި މަހަށް އެކަނި ބެލި ނަމަވެސް ގިނަ އަދަދެއްގެ މައްސަލަތަކާމެދު ގޮތެއް ނުނިންމަ އެވެ. މި މަހު ހުށަހެޅި 41 މައްސަލައިގެ ތެރެއިން ރަޖިސްޓްރީ ކުރުމާމެދު ގޮތެއް ނިންމާފައިވަނީ އެންމެ ހަތަރު މައްސަލަ އެވެ. ދެން ހުރި ހުރިހާ މައްސަލައެއް އޮތީ ހުށަހެޅުނު ގޮތަށެވެ.

ކޯޓަށް ހުށަހަޅާ ގިނަ މައްސަލަތަކަކާމެދު ގޮތެއް ނިންމާފައިނުވާއިރު، ޝަރީއަތް ދިގުލައިގެން ދިއުމުގެ ޝަކުވާއަކީ އަބަދުމެ އިވެމުންދާ އަޑުތަކެކެވެ. ޝަރީއަތްތައް ދިގުލައިގެން ގޮސް އެތައް އަހަރެއް ވަންދެން ގިނަ އަދަދެއްގެ ބަޔަކު 'ވާނުވާ' ބަންދުގައި މިހާރު ވެސް އެބަތިއްބެވެ.
މި މައްސަލައިގައި ކޯޓުތަކުން އަދި ފަނޑިޔާރުން އަބަދު ވެސް ދައްކަނީ ކޯޓުތަކުގެ ޖާގައިގެ ދަތިތަކާއި އިންސާނީ ވަސީލަތުގެ މައްސަލަތަކެވެ. ދަށު ކޯޓުތަކުން ފެށިގެން ސުޕްރީމް ކޯޓާ ހަމައަށް ވެސް މި ޝަކުވާތައް އަޑު އިވެ އެވެ.













