ޝަރީއަތެއްގައި ޕީއެސްއެމްއަށް ފާޑުވިދާޅުވުމުން ފަނޑިޔާރު ސަލީމްގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅައިފި

May 26, 2025, 4:37 AM
ފަނޑިޔާރު ސަލީމް: ވިދާޅުވީ ޕީއެސްއެމް އިން މަސައްކަތް ހަވާލު ކުރަނީ އަމިއްލަ މީހަކު ގޭތެރެ ސާފު ކުރަން މަގުމަތިން ބިދޭސީން ނަގާ އުސޫލުން ކަމަށް -- ފޮޓޯ: ހައި ކޯޓު

ފަނޑިޔާރު ސަލީމް: ވިދާޅުވީ ޕީއެސްއެމް އިން މަސައްކަތް ހަވާލު ކުރަނީ އަމިއްލަ މީހަކު ގޭތެރެ ސާފު ކުރަން މަގުމަތިން ބިދޭސީން ނަގާ އުސޫލުން ކަމަށް -- ފޮޓޯ: ހައި ކޯޓު

ޕަބްލިކް ސާވިސް މީޑިއާއިން ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައެއްގެ އަޑުއެހުމުގައި އެ ކުންފުނީގެ ވަކީލަށް ފާޑުވިދާޅުވުމުން ފަނޑިޔާރު މުހައްމަދު ސަލީމުގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އެ މައްސަލައަކީ އޭޕްރީލް، 2018، އަދި ޖޫން، 2018، ގައި އާޓިސަން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ޕީއެސްއެމްއަށްކޮށްދިން މަސައްކަތްތަކުގެ އަގުގެ ގޮތުގައި ދޭންޖެހޭ 4.5 މިލިއަން ރުފިޔާ ދެއްކުމަށް ކުރި ހުކުމެއްގެ އިސްތިއުނާފެވެ.

އެއީ އެއިރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް ހުންނަވާ ކޮޓަރި ހެދުމަށް ކޮށްފައިވާ މަސައްކަތެކެވެ. ހަލީލަކީ މިހާރު ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރެވެ. އިކްރާމްއަކީ އަންޑާ ސެކްރެޓަރީ ފޯ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންސް އެވެ.

ފަނޑިޔާރު ސަލީމުގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައި މި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އޭނާ ކުރިމަތިލާފައި އޮއްވަ އެވެ.

އެ މައްސަލަ ދަށު ކޯޓަށް ވެއްދުމުން ޕީއެސްއެމް އިން ފުރަތަމަ ބުނީ އާޓިސަން އިން ފައިސާ ހޯދަން އުޅެނީ ކޮށްފައިވާ މަސައްކަތަކަށް ނޫން ކަމަށެވެ. އެކަމަކު، އެ މަސައްކަތް ކޮށްފައިވާކަން ފަހުން އެއްބަސްވި އެވެ. މައްސަލަ އިސްތިއުނާފު ކުރީ މަސައްކަތުގެ އަގާމެދު ދެބަސްވާ ކަމަށް ބުނެ އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މާލިއްޔަތު ގަވާއިދާ ހިލާފަށެވެ.

ފަނޑިޔާރު ސަލީމުގެ އިތުރުން އެ މައްސަލަ ބެއްލެވި ހައި ކޯޓުގެ ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ވެސް ޕީއެސްއެމްއަށް ފާޑުވިދާޅުވި އެވެ. އެގޮތުން، މައްސަލައިގެ ލިޔެކިޔުން ހަމަނުކޮށް ކޯޓަށް އައުމުން ފަނޑިޔާރު މުހައްމަދު ނިޔާޒް ޕީއެސްއެމްގެ ވަކީލަށް ފާޑުވިދާޅުވެފައިވެ އެވެ.

"ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް، ލިޔެކިޔުން މަދު ވާހަކަ ކުރިން އޮތީ ވިދާޅުވެފަ. މިހާރު ތިޔަ ވިދާޅުވަނީ އެ ލިޔުންތައް ވެސް ހުށަހަޅާކަށް ބޭނުމެއް ނޫނޭ މިހާރު އޮތް ގޮތަކަށް ނިންމައިދޭށޭ. މިތަނަށް ސްޓޭމްޕް ޖަހަންތޯ ތިޔަ ވަޑައިގަންނަވަނީ؟ އަޅުގަނޑުމެން ތަސްދީގު ކުރަންވީތޯ މީތި؟،" މެއި 15، ގައި ބޭއްވި އެ އަޑުއެހުމުގައި ނިޔާޒް ވިދާޅުވި އެވެ.

ލިޔެކިޔުން ހަމަނުކޮށް މައްސަލަ ނިންމަން ޕީއެސްއެމް އިން ބޭނުންވާތީ، ޝަރީއަތުން ބޭރުން އެފަދަ މައްސަލަތައް ނިންމަން ވެސް ފަނޑިޔާރު ނިޔާޒް ނަސޭހަތްތެރިވި އެވެ.

"ސީރިއަސްކޮށް، ޝަރީއަތަށް އައިސްގެން ކަމެއް ސާބިތުކޮށްދޭން ބޭނުންވަނިއްޔާ، އެގޮތަށް މަސައްކަތްކޮށްގެން ވާނީ. ތަކުރާރުކޮށް އަޅުގަނޑުމެން ބުނާކަށް ނުޖެހޭނެ. ޝަރީއަތަކީ ކުޅޭކުޅޭ ގޮތަކަށް ކުރާ ކަމެއް ނޫން. ދެން ތިބޭފުޅުން ޝަރީއަތަށް ކަމެއް ސާބިތުކޮށްދޭން ބޭނުން ނުވާ ކަމަށްވަންޏާ ކޯޓަށް ނައިސް އެކަން ނިންމާލާ،" ނިޔާޒް ވިދާޅުވި އެވެ.

އޭގެ ފަހުން ފާޑުވިދާޅުވީ ފަނޑިޔާރު ސަލީމް އެވެ. ސަލީމް ވިދާޅުވީ، ޕީއެސްއެމް އިން މަސައްކަތް ކޮށްފައި ވަނީ އަމިއްލަ މީހަކު ގޭތެރެ ސާފު ކުރަން މަގުމަތިން ބިދޭސީ މީހުން ނަގާ އުސޫލުން ކަމަށެވެ.

"އާންމު ރައްޔިތަކު ގޭތެރެ ސާފު ކުރަން މިތާ ޒިކުރާ މިސްކިތް ކައިރިން ބޭރު މީހުން ނަގައިގެން ގޮސް މަސައްކަތް ކުރާ އުސޫލުން މި ހުރި މިލިއަން ރުފިޔާގެ މަސައްކަތް ކޮށްފަ. ކޮން ވާހަކައެއްތޯ އަޅުގަނޑުމެން މި ދައްކަނީ؟ މި ކޯޓުގައި މީގެ ކުރިން ކިތައް މައްސަލަތޯ ޕީއެސްއެމްއާ ގުޅޭ ގޮތުން މިކަހަލަ ޝަކުވާތަކާ ގުޅޭ ގޮތުން ލިބިފައި ހުރީ؟،" ފަނޑިޔާރު ސަލީމް ވިދާޅުވި އެވެ.

ޕީއެސްއެމްގެ އެފަދަ ބައިވަރު މައްސަލަ ކޯޓަށް ހުށަހެޅޭކަން ފާހަގަ ކުރައްވައި ފަނޑިޔާރު ސަލީމް ވިދާޅުވީ، ދއުލަތުގެ ފައިސާއިން ހިންގި ނަމަވެސް ޕީއެސްއެމް ސިފަ ކުރެވެނީ އަމިއްލަ ކުންފުންޏެއްގެ ގޮތުގައި ކަމަށެވެ.

"މިފަހުން ދެއްތޯ އަޅުގަނޑުމެންނަށް މީޑިއާއިން ފެނިގެންދިޔައީ ކުންފުނީގެ ފައިސާގެ ކަންތައްތައް ހުރި ނެތް ގޮތުގެ ވާހަކަ. ރަނގަޅުވާ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ ދެއްތޯ؟ އަޅުގަނޑުމެންނަށް މި ފެންނަނީ ހަމަ ފަސް އަހަރުން ފަސް އަހަރުން އޯނާޝިޕް ބަދަލުވެގެންދާ ވިޔަފާރިއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މި ފެންނަނީ. ނިމިގެންދާއިރު ކުންފުނިން ކުރީ ކޮން ކަމެއް ކަން، ލިޔެކިޔުމެއް އެކައްޗެއް ވެސް ފެންނާކަށް ނުހުރޭ އަޅުގަނޑުމެންނަކަށް،" ސަލީމް ވިދާޅުވި އެވެ.

އެ މައްސަލައިގެ ބެންޗުގައި ދެން އިންނެވި ފަނޑިޔާރު ހުސެއިން މަޒީދު ވެސް ޕީއެސްއެމްއަށް ފާޑުވިދާޅުވެ އަދި ނަސޭހަތް ވެސް ދެއްވި އެވެ.

"ރައްޔިތުންނަށް ހިދުމަތްތަކެއް ދިނުމަށްޓަކައި، އަސާސީ ހިދުމަތްތަކެއް ދިނުމަށްޓަކައި އުފައްދާފައި ހުންނަ ކުންފުނިތަކަކީ އެއީ ސަބްސިޑީ ދެވިގެން ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ ކުންފުނިތަކެއް، އަސާސީ ހިދުމަތްތައް ދޭ ކުންފުނިތަކަކީ. އެހެންވީމާ މިފަދައިން ހިންގާ ކުންފުނިތަކުން ވާ ދަރަނިތަކަށް ވެސް އޭގެ އާހިރު ނަތީޖާއަކަށްވަނީ ސަރުކާރުން އެ ދަރަނިތަކާ ހަވާލުވެ ދައްކަންޖެހުން. މާނައަކީ ރައްޔިތުންގެ ޓެކްސް ފައިސާއިންނޭ ދަރަނި ދައްކަންޖެހެނީ،" ފަނޑިޔާރު މަޒީދު ވިދާޅުވި އެވެ.

އެއީ އެ މައްސަލައިގައި ބޭއްވި އެންމެ ފަހުގެ އަޑުއެހުމެވެ. އެ އަޑުއެހުން ނިންމައިލަމުން ފަނޑިޔާރުން ސަލީމް ވިދާޅުވީ ދެން އަޑުއެހުމެއް ބާއްވާނީ މައްސަލައިގައި ހުކުމް ކުރަން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox