މިދިޔަ ހަފުތާ ނ. އަތޮޅު ރިސޯޓެއް ކައިރިއަށް ލަނޑާ ނަގަން ފައިބާ އުޅެނިކޮށް ލޯންޗަކު ޖެހި ބޮޑެތި އަނިޔާތަކެއް ލިބުނު މީހާގެ ބުރިވި އަތް، ފީނައިގެން ވެސް ނުފެނުނު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މި ހާދިސާ ހިނގީ ނ. ދިގުރަށުގައި ހިންގާ ސިޔާމް ވޯލްޑު ކައިރީގައި މި މަހުގެ 13 ގެ ރޭ 10:00 ހާއިރު އެވެ. އަނިޔާވީ ރ. މަޑުއްވަރީ ދޯންޏެއްގައި ލަނޑާ ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ 35 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ.
ފުލުހުން ބުނި ގޮތުގައި ދެ ފަހަރެއްގެ މަތިން ހާދިސާ ހިނގި ސަރަހައްދު ބެލި ނަމަވެސް ބުރިވި އަތް ނުފެނެ އެވެ.
އަދަދު ނޫހަށް މައުލޫމާތު ދިން ފަރާތަކުން ބުނި ގޮތުގައި ބުރިވީ ބިދޭސީ މީހާގެ ވައަތުގެ އުޅަނބޮށްޓައްވުރެ މަތިންނެވެ. އެ މީހާއަށް ފުރަތަމަ ފަރުވާ ދިނީ މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުންނެވެ. އިތުރު ފަރުވާއަށް އެ މީހާ މާލެ ގެނެސް މިހާރު ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.
ވައަތް ބުރިވުމުގެ އިތުރުން ވެސް އޭނާއަށް އަނިޔާތަކެއް ލިބިފައިވެ އެވެ. އެގޮތުން ކަނާތަށާއި ދެ ފަޔަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން މި ނޫހަށް ލިބިފައިވާ ފޮޓޯ އަދި ވީޑިއޯތަކުން އެނގެ އެވެ.

އެ މީހާ މަސައްކަތްކުރާ ދޯނީގެ ކައްޕި އަދަދު އާ ވާހަކަދައްކަމުން ބުނީ ހާދިސާ ހިނގީ ސިޔާމް ވޯލްޑުގެ ނެރު މަތިން ކަމަށެވެ. އެ ތަނުގައި ފީނަން ފައިބާ މީހުން ތިބުމުން އަލި ބޭނުންކޮށްގެން ލޯންޗަށް އިޝާރާތް ކުރި ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް ލޯންޗު މަޑެއް ނުކުރާ ކަމަށް އޭނާ ބުންޏެވެ.
"ލޯންޗާ ދިމާލަށް އަހަރުމެން ޑިންގީގެ ނެވިގޭޝަން ދިއްލައިގެން ނެރު މެދަށް ޖެހުނީ. އޭތި ވަންނަން އަންނާތީ މީހަކު މޫދުގަ އޮތީމަ. ބައްތިތައް ވެސް ލޯންޗަށް އަލިކުރީ. މޫދުގަ އޮތް މީހާ ވެސް ލޯންޗަށް ބައްތި އަލިކޮށްގެން އޮއްވާ ޑިންގީ ނައްޓުވާލާފަ ގޮސް އޭނަ ގައިމަތިން ދިޔަ ގޮތަށް ދިޔައީ،" އޭނާ ބުންޏެވެ.
މި މައްސަލާގައި ލޯންޗު ދުއްވަން އިން ކައްޕި ހިމެނޭހެން ގިނަ ބަޔަކާ ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި، މިހާތަނަށް ފިޔަވަޅެއް ނޭޅި ނަމަވެސް ތަހުގީގުގެ ކަންކަން ފުރިހަމަ ކުރުމަށްފަހު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.













