ޅ. ގާއެރި ފަޅު ކައިރީ ފީނަން ނުކުމެ އުޅުނު ޑިންގީއެއްގައި ލޯންޗަކުން ޖެހި ޑިންގީގައި ތިބި މީހުންނަށް ބޮޑެތި އަނިޔާތަކެއްވެއްޖެ އެވެ.
ފުލުހުން ބުނީ ޑިންގީގައި ތިބި ފަސް ދިވެހިންނަށް ވެސް ބޮޑެތި އަނިޔާތަކެއްވެފައިވާއިރު، އޭގެ ތެރެއިން އެކަކަށް ވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގާފައި ވަނީ ދަންވަރު 12:33 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ. އަނިޔާވި އެންމެންނަށް ވެސް ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
އެކްސިޑެންޓުގެ ސަބަބުން ޑިންގީ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ފުލުހުން ބުނެ އެވެ.
މީގެ ހަތް ދުވަސް ކުރިން، ނ. އަތޮޅުގައި ލަނޑާ ނަގަން ފައިބައިގެން އުޅުނު މީހެއްގެ ގައިމަތިން ވަނީ ލޯންޗެއް ގޮސްފަ އެވެ. އެ ހާދިސާގައި އޭނާގެ އެއް އަތް ވަނީ އެއްކޮށް ބުރިވެފަ އެވެ. އަދި ދެ ފައި ވެސް އޮތީ ބިންދައިގެން ގޮސްފަ އެވެ. އެއީ 35 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

ފުލުހުން ކުރި މަސައްކަތުން ވެސް އޭނާގެ އަތެއް ނުފެނުނެވެ.
އޭގެ އިތުރުން ފެހުރިހި ބަލަން އައިސް އުޅުނު ސިންގަޕޫރު ސްކޫލެއްގެ އުމުރުން 15 އަހަރުގެ ދަރިވަރެއް ގައިގައި ދޯންޏަކުން ޖެހި އެ ކުއްޖާ ވަނީ މަރުވެފަ އެވެ. އެ ހާދިސާ ހިނގީ ނޮވެމްބަރު، 2024، ގަ އެވެ. އެ ކުއްޖާ ގައިގައި ޖެހުނީ އޭނާ ދަތުރު ކުރި ދޯނިންނެވެ.











