ބަކަމޫނުގެ ލަފަޔަށް ހިނިތައް މަގާމުން ވަކިކުރެވޭއިރު...

އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

އެއްޒަމާނެއްގައި ވަރަށް ހީވާގި މަސައްކަތްތެރި ހިނިތަކެއް ދިރިއުޅުނެވެ. މި ހިނިތަކުގެ ހީވާގިކަން ހުންނަ މިންވަރަކީ، ހަމަ ކޮންމެ ދުވަހެއްގެ ހެދުނު ހެދުނާ މަސައްކަތަށް ނުކުންނަނީއެވެ. ހީވާގިކަމާއި އުފާވެރިކަމާއި ބާއްޖަވެރިކަމާއެކުގައެވެ. އޭގެ ނަތީޖާއަކީ އުފެއްދުންތެރިކަން އިންތިހާއަށް މަތިވެ ބޮޑުތަނުން އުފެއްދުންތެރިކަން ކުރިއަރައި މުއްސަނދިވަމުން އައުމެވެ. މި މަންޒަރު ބަލަން އޮވެފައި ހިމާރު ހިތަށް އެރިއެވެ. އެއްވެސް ކަހަލަ ސުޕަރވިޝަނެއް ނެތި މިހާ ހީވާގިކޮށް މި ހިނިތައް އެބަ މަސައްކަތްކުރެއެވެ. އަދި އޭގެ ސަބަބުން މިހާވަރުގެ އުފެއްދުންތެރިކަން ނުކުންނައިރު، މިހިނިތަކުގެ މައްޗަށް ސުޕަވައިޒަރަކު އަހަރެން ކަނޑައަޅައިފިއްޔާ އުފެއްދުންތެރިކަން މާބޮޑުތަނުން ކުރިއެރުވިދާނެއެވެ.

މި ހިޔާލު ހަމަ އައިހިނދުން، ހިނިތަކުގެ ސުޕަވައިޒަރެއްކަމުގައި 'ކުރެފި' އައްޔަންކޮށްފިއެވެ. ސުޕަވައިޒަރަކަށް އައްޔަންކުރެވުނު ކުރަފީގެ އެންމެ ފުރަތަމަ ނިންމުމަކަށްވީ، ހިނިތައް މަސައްކަތަށް ނުކުންނާނެ ވަގުތުތަކާއި އެނބުރިދާނެ ވަގުތުތައް ކަނޑައެޅުމެވެ. އަދި ހިނިތަކުގެ މަސައްކަތް ހިނގާ ނުހިނގާ ގޮތުގެ ރިޕޯޓުތައް ތައްޔާރުކުރުމަށް ސެކެޓްރީއަކު އައްޔަންކުރުމެވެ. އެހެންވެގެން 'ފައިދިގު މަކުނު' ވަޒީފާއަށް ނެގުނެވެ. އެއީ ރިޕޯޓުތައް ތައްޔާރުކުރުމަށާއި ފޯނުކޯލުތަކުން ދައްކާ ވާހަކަތައް ވެސް ބަލައިއަޑުއަހައި އެކަމުގެ މައްޗަށް އިންތިޒާމުތައް ހަމަޖެއްސުމަށެވެ.

ސުޕަވައިޒަރު ކުރަފީގެ މި ބުއްދިވެރި ފިޔަވަޅުތަކާމެދު ހިމާރު އުފާކުރިއެވެ. އަދި އެޔަށްފަހު ކުރަތްޕަށް އިރުޝާދުދިނީ، އިތުރަށް އެމަސައްކަތް ތަރައްގީކުރުމަށެވެ. އަދި ރިޕޯޓުތަކުގެ އިތުރުން މަސައްކަތްތެރިކަމާ ގުޅޭ ޗާޓުތަކެއް ވެސް ތައްޔާރުކޮށް ރަނގަޅު ޕްރެޒެންޓޭޝަނެއް ވެސް އެކުލަވާލުމަށެވެ. އެއީ ވިދިގެން އަންނަ އިދާރީ ވެރިންގެ މަޖިލީހަށް ހުށަހަޅުމަށެވެ. މިއާއެކު ކުރަފި ވަގުތުން ކޮމްޕިއުޓަރަކާއި ޕްރިންޓަރެއް ގަނެ، އިންފޮރމޭޝަން ޑިޕާޓްމެންޓް އުފެއްދިއެވެ. އެތަނުގެ ވެރިއެއްގެ ގޮތުގައި 'މެހި' ޒިންމާދާރުކުރުވިއެވެ.

މި އައު ސިސްޓަމާމެދު ހިނިތައް ވަރަށް ނުރުހިންވިއެވެ. ކުރިން ފުރިހަމަކުރަން ނުޖެހޭ އިދާރީ އެތައްކަމަކާއި ކުރިން ހާޒިރުވާން ނުޖެހޭ އެތައް ބައްދަލުވުންތަކެއްގެ ސަބަބުން މަސައްކަތުގެ ވަގުތުން ބޭކާރުވާ ވަގުތުގެ ބޮޑުކަމުންނެވެ. ކޮންމެއަކަސް މަސައްކަތުގެ ވަގުތުން އެހާބޮޑު ބައެއް މިކަމުގެ ސަބަބުން ގެއްލެން ފެށުމުން ހިނިތަކުގެ އުފެއްދުންތެރިކަމަށް އުނިކަން އަންނަތަން ހިމާރަށް ފެނިއްޖެއެވެ. އެޔާއެކު އިދާރީ ގޮތުން ކަންކަން ރަނގަޅުކުރުމަށްޓަކައި އައު ވެރިއަކުކަމުގައި 'ބޮނޑު' އައްޔަންކުރުމަށް ހިމާރު ނިންމައި ވަގުތުން އެކަން ތަންފީޒުކުރިއެވެ. އަލަށް އިތުރުކުރެވުނު އިދާރީ މަގާމާ ހަވާލުވި ބޮނޑުގެ އެންމެ އިސް ވާޖިބަކަށް ހެދީ މަސައްކަތްކުރުމަށް ބޭނުންވާ އައު އާލަތްތައް ބޮޑު އަގުގައި ގަތުމެވެ. އެގޮތުން ހިނގާއުޅެންޖެހޭ ހުރިހާ މަގުތަކެއްގައި ކާޕެޓް އެޅުނެވެ. އަދި އެޔާއެކު ސްޓްރެޓެޖިކް ޕްލޭންތައް ތައްޔާރުކުރުމުގައި ބޮނޑަށް އެހީތެރިވާނެ ޕާރސަނަލް ޑެޕިއުޓީއެއް އައްޔަންކުރިއެވެ.

ކޮންމެއަކަސް ރިކަރަންޓް ހަރަދަށް ބަޖެޓުން ކުރަންޖެހޭ ހޭދަ ވަރަށް ބޮޑަށް މައްޗަށް ހިނގައްޖެކަން ހިމާރަށް އިހުސާސްވެއްޖެއެވެ. އަދި ކޮންމެހެންވެސް ރިކަރަންޓް ހަރަދު ކުޑަކުރުމަކީ ޒަރޫރަތަކަށް ވެއްޖެކަން ހިމާރަށް ވިސްނުނެވެ. އެޔާއެކު މިކަން ކުރާނެ ގޮތުގެ މަޝްވަރާއާއި ލަފާހޯދުމަށްޓަކައި، ފައިނޭންޝަލް އެޑްވައިޒަރެއްގެ މަގާމު ހަމަޖައްސާ އެމަގާމަށް 'ބަކަމޫނު' އައްޔަންކުރިއެވެ.

އެޔާއެކު ދިމާވެފައިވާ މައްސަލަ ދިރާސާކުރުމުގައި ބަކަމޫނު ތިން މަސްދުވަސް ހޭދަކުރުމަށްފަހު، އޭނާގެ ރިޕޯޓު ހިމާރަށް ހުށަހެޅިއެވެ. އެތައް ހާސް ސޮފުހާއެއްގެ މައްޗަށް ހިމެނޭ އެރިޕޯޓުގެ ނަތީޖާގައިވަނީ، މައިގަނޑު މައްސަލައަކީ މުވައްޒަފުން މާގިނަވުމުގެ މައްސަލަކަމުގައެވެ. އެޔާއެކު ހިމާރު ނިންމެވީ ހުރިހާ ހިނިތަކެއް ވަޒީފާއިން ވަކިކުރުމަށެވެ.

މި ވާހަކައިގެ މައްޗަށް އަޅުގަނޑު އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. އަޅުގަނޑު ތިބޭފުޅުންނަށް ހަނދާންކޮށް މިއަރުވަނީ، އަލްއަޢުރާފު ސޫރަތުގެ 176 ވަނަ އާޔަތުގެ ފަހަތު ބައިގައި މާތް ނަބިއްޔާއަށް މާތް ﷲ އަމުރުކުރައްވާފައިވާ ބަސްފުޅެވެ. "... ފަހެ، ކަލޭގެފާނު ވާހަކަތައް ކިޔައިދެއްވާށެވެ! (އެއީ) އެއުރެން ފިކުރުކުރުމަށްޓަކައެވެ."

ފަހަރުގައި ކިޔުންތެރިއަކު ހިތަށް އަރާފާނެއެވެ. އެއާޔަތުގައި އެވާފަދައިން ފިކުރު ކުރުމުގެ ބޭނުމަށް ހައިވާނުންނާއި ޖަނަވާރުން މިސާލު ޖަހައިގެން ހަމަ ތިޔަ ފަދަ ވާހަކައެއް ގެނެސްގަތަސްވެސް އެއީ ހަމަ އެ އާޔަތާ ގުޅުވިދާނެ ކަމެއްތޯއެވެ؟ ޖަވާބަކީ އާއެކޭއެވެ. އެކަން އެނގެނީ އެ އާޔަތުގެ ކުރިން އޮތް ބައި ބެލީމައެވެ. އާޔަތުގެ ފުރިހަމަ މާނަ ވިދާޅުވާށެވެ. "ތިމަންރަސްކަލާނގެ އިރާދަކުރެއްވިނަމަ، އެ އާޔަތްތަކުގެ ސަބަބުން އޭނާ މަތިވެރި ކުރެއްވީމުހެވެ. އެހެނެއްކަމަކު، އޭނާ ބިމަށް ލެނބިގަތެވެ. އަދި އޭނާގެ އަމިއްލަ އެދުމަށް ތަބާވިއެވެ. ފަހެ، އޭނާގެ މިސާލު، ކުއްތާގެ މިސާލު ފަދައެވެ. އެއަށް ހަމަލާދިނަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ. ނުވަތަ އޭތި ދޫކޮށްލިޔަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ. ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުޅަމީހުންގެ މިސާލަކީ އެއީއެވެ. ފަހެ، ކަލޭގެފާނު ވާހަކަތައް ކިޔައިދެއްވާށެވެ! (އެއީ) އެއުރެން ފިކުރުކުރުމަށްޓަކައެވެ."

ވެރިކަމަކީ އަމާނަތެކެވެ. އޭގެ އަމާނާތްތެރިކަން އަދާކޮށްފި މީހަކަށް ފިޔަވައި އެކަމަކީ ޤިޔާމަތް ދުވަހުގައި ހުރި ހަލާކާއި ގެއްލުމެވެ. މިގޮތަށް އެންގެވީ އަހަރެމެންގެ މާތް ނަބިއްޔާއެވެ. ވެރިކަމަކީ އަމާނަތެކެވެ. އެ ވެރިކަން ހިންގުމަށްޓަކައި އެންމެހާ ރައްޔިތުންގެ ހައްގު އެކުލެވިފައިވާ ބައިތުލްމާލަކީ ވެރިއަކަށް ހުންނަ މީހަކު ހިތުހުރިހާ ގޮތަކަށް ރަށްޓެހިންނަށް މަގާމުތައް ދީގެން ބަހަން އޮތް އަމިއްލަ މުދާގަނޑެއް ނޫނެވެ.

ސަތާރަ އަށާރަ ގަޑިއިރަށް ދިގުދެމިގެންދިޔަ ނޫސްވެރިންގެ ބައްދަލުވުން އަހަރެންވެސް ބެލީމެވެ. ސިޔާސީ މުވައްޒަފުންގެ އަދަދާ ގުޅިގެން ސުވާލުކުރީ އެންމެ ނޫސްވެރިއެއް ނޫނެވެ. އެ ސުވާލަށް ޖަވާބުނުދީ ދެއްކި ބަހަނާތަކަކީ އެއީ އަމާނާތްތެރިކަމާ ކަނޑައެޅިގެން ހިލާފު އަމަލެކެވެ. އެހެނީ އެ މުވައްޒަފުންނަށް މުސާރަދެނީ ރައްޔިތުންގެ ބައިތުލްމާލުންނެވެ. ދިވެހި ގައުމަކީ ދަރާވިކިފައި އޮތް ބައިތުލްމާލެއް އޮތް ޑިއުވެފައި އޮތް އެތައް ލޯނުތަކަކަށް ދަރާފައިވާ ރައްޔިތުންތަކެއްގެ ގައުމެކެވެ. އެ ކޮންމެ ލޯނަކަށް ހަރާން ރިބާ އިންޓްރަސްޓްގެ ގޮތުގައި އަރަމުންދާއިރު، މަސައްކަތެއް ނުކުރާ އެތައް މުވައްޒަފުންނަކަށް ބައިތުލްމާލުން ހަރަދަކުރަމުންދާއިރު އެ މުވައްޒަފުންގެ އަދަދު ސިއްރުކުރުމަކީ ކަނޑައެޅިގެން ކުރެވޭ ބޮޑު ހަރާން ކަމެކެވެ.

މި ލިޔުން ނިންމާލާނީ އަލްއަންފާލް ސޫރަތުގެ 27 ވަނަ އާޔަތުންނެވެ. އެއާޔަތުގެ މާނައަކީ؛ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ އަށާއި، ރަސޫލާއަށް ތިޔަބައިމީހުން ހިޔާނާތްތެރި ނުވާށެވެ! އަދި ތިޔަބައިމީހުންގެ އަމާނާތްތަކަށް، އެނގިއެނގިތިބެ ތިޔަބައިމީހުން ޚިޔާނާތްތެރި ނުވާށެވެ!". މިއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox