ލަންޑަން (މެއި 8) - ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅެމުން އަންނަ އިނގިރޭސި ޕްލޭމޭކަރު، ޖޭމްސް މެޑިސަންގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ސީޒަން ނިމިފައިވާއިރު، ޓޮޓެންހަމް އަށް އޭގެ އަސަރު ކުރާނެ ކަމަށް އެ ޓީމުގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ ބުނެފި އެވެ.
ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި މިދިޔަ ހަފްތާގައި ޓޮޓެންހަމް ދަނޑުގައި ބޯޑޯ/ގިލްމް އަތުން މޮޅުވި މެޗުގައި މެޑިސަންގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅޭ ތަފްސީލީ ޓެސްޓްތަކެއް ފާއިތުވި ހަތަރު ދުވަހު ހެދިއިރު، އޭނާ އަށް ކުޅުމަށް އެނބުރި އަންނަން އެންމެ އަވަސް މުއްދަތަކަށް ބެލިޔަސް ދޮޅު މަހެއްހާ ދުވަސް ނަގާނެ އެވެ.
ޕޮސްޓެކޮގްލޫ ބުނީ، މެޑިސަން އަށް ޔަގީނުން ވެސް މި ސީޒަނުގެ ބާކީ ބައިގައި ނުކުޅެވޭނެ ކަމަށެވެ. އަދި، އަންނަ ސީޒަން ފަށާއިރު އޭނާ އަށް ނުކުޅެވޭނެ ކަމަށް ދެކެވޭ ވާހަކަ އަށް ޖަވާބެއް ދޭން ނޭނގޭ ކަމަށް ވެސް ޕޮސްޓެކޮގްލޫ ވަނީ ބުނެފަ އެވެ.
"މިއީ އަހަރެމެންނަށް ވެސް އަދި އޭނަ އަށް ވެސް ލިބުނު ގެއްލުމެއް. ވަރަށް ރަނގަޅަށް ކުޅެމުން އަންނަނިކޮށް މި އިންޖަރީ މި އައީ، ދެން، އޮތީ ކުރިން ހުރި ލެވަލަށް ފިޓްވެގެން އެނބުރި އައުމުގެ މަސައްކަތް ކުރުން،" ޕޮސްޓެކޮގްލޫ ބުންޏެވެ.
ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި، ބޯޑޯ/ގިލްމް އަތުން ޓޮޓެންހަމް މޮޅުވީ 3-1 އިންނެވެ. ދެ ވަނަ ލެގުގައި މިރޭ ބޯޑޯ/ގިލްމް ދަނޑުގައި ކުޅޭއިރު، އެއްވަރުކޮށްލައިގެން ވެސް ޓޮޓެންހަމް އަށް ފައިނަލަށް ދެވޭނެ އެވެ.












