ހައި ކޯޓުގެ ޝަރީއަތެއް ލަސްވި ކަމަށް ބުނެ އެ ކޯޓުގެ ފަނޑިޔާރު، ދީބާނާޒް ފަހުމީގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީން ބަލަން ފަށައިފި އެވެ،
އިތުބާރު ހުރި މަސްދަރަކުން އަދަދު އަށް އެނގިފައިވާ ގޮތުގައި ދީބާނާޒްގެ މައްސަލައެއް ޖޭއެސްސީގެ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީން ބަލަން ފެށީ މީގެ މަހެއްހާ ދުވަސް ކުރީންނެވެ. އެ މައްސަލައިގައި އެ ކޮމިޓީއަށް މާދަމާ ހާޒިރު ވުމަށް އަންގައި މިއަދުގެ ވަގުތެއްގައި އޭނާއަށް ވަނީ މިއަދު ނޯޓިސް ފޮނުވައިފަ އެވެ.
ދީބާނާޒްގެ މައްސަލައެއް ބަލަން ފެށީ ކޮން މައްސަަލައެއްގެ ޝަރީއަތް ލަސްވެގެން ކަމެއް ނޭނގެ އެވެ.
އުސޫލު އޮންނަ ގޮތުން، ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަން ފަށާނީ އެ ކޮމިޝަނުގެ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީއަށް ފަނޑިޔާރު ހާޒިރުކޮށް ގޮތެއް ނިންމުމުންނެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމަށް ދީބާނާޒް އައްޔަނު ކުރީ އޯގަސްޓު 9، 2022 ގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގަ އެވެ. ދީބާނާޒް އަކީ ކްރިމިނަލް ކޯޓަށް އައްޔަނު ކުރި ފުރަތަމަ އަންހެން ފަނޑިޔާރެވެ.

ދީބާނާޒް އަކީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމާއި އެސިސްޓެންޓް ސްޓޭޓް އެޓާނީގެ މަގާމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޕާލިމެންޓްރީ އޮފިސަރުގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.













