މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ އަށް ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
އެމްއައިބީން ބުނީ އެ ޖަލްސާ އޮންނާނީ މެންދުރު 2:00 ޖަހާއިރު ފަހި ވޯޓު މެދުވެރިކޮށް ކަމަށެވެ.
އެމްއައިބީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް އެ ބޭންކުގެ ހިއްސާދާރުންނަށާއި، ޕްރޮކްސީންނަށް އަންނަ މަހުގެ ހަ ވަނަ ދުވަހުގެ މެންދުރު 2:00 ޖަހަންދެން ރަޖިސްޓްރީ ކުރެވޭނެ އެވެ.
އެމްއައިބީން މި އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާއަކަށް 4.58ރ. ބަހަން ހުށަހެޅުމަށް ވެސް ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން އެމްއައިބީގެ ޑިރެކްޓަރުންގެ ރިޕޯޓާއި މާލީ ރިޕޯޓް ފާސްކުރަން ހުށަހަޅައި، އަންނަ އަހަރުގެ އޮޑިޓަރުން ހޮވުމާއި އެގްޒެކެޓިވް ޑިރެކްޓަރު ހޮވުން ވެސް އަހަރީ އާންމު ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.
އެމްއައިބީއަށް މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 278 މިލިއަން ރުފިޔާ ލިބުނެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 101 ޕަސެންޓު އިތުރު އަދަދެކެވެ.
އެމްއައިބީ އަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖް އިސްލާމިކް ބޭންކެވެ. އަދި ރާއްޖޭގައި ޑިޖިޓަލްކޮށް ހުރިހާ ހިދުމަތެއް ދޭން ފެށި ފުރަތަމަ ބޭންކެވެ.









