ޔާމީންގެ ނަން ޖަހާފައި އިން ހުސް ގޮނޑި ކޮންމެ ޖަލްސާއެއްގައި ބެހެއްޓީ އަބްދުއްރަހީމަށް ކަމަށް ލަތީފް ވިދާޅުވެއްޖެ

Apr 22, 2025, 4:44 PM
ޕީޕީއެމްގެ ޖަލްސާއެއްގައި ހުސް ގޮނޑި ބަހައްޓާފައި: ރައީސް ޔާމީން މިނިވަން ކުރުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދު -- ފޮޓޯ: އަދަދު ފައިލް

ޕީޕީއެމްގެ ޖަލްސާއެއްގައި ހުސް ގޮނޑި ބަހައްޓާފައި: ރައީސް ޔާމީން މިނިވަން ކުރުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދު -- ފޮޓޯ: އަދަދު ފައިލް

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ބޭއްވި ޖަލްސާތަކުގައި، އެއިރު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަން ޖަހާފައި ހުސް ގޮނޑިއެއް ބެހެއްޓީ އެމަނިކުފާނަށް ނޫން ކަމަށާއި ގޮނޑި ބެހެއްޓީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ކަމަށް މެންބަރު އަބްދުއްލަތީފް މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.

ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން ކުރިއަށްގެންދާ ހަރުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ، ސަރުކާރާމެދު އެންމެ ގިނަ މީހުން ޝަކުވާ ކުރަމުން ދައްކަނީ ހުސް ގޮނޑި ބެހެއްޓި ވާހަކަ ކަމަށެވެ. އެކަމަކު، ކޮންމެ ޖަލްސާއެއްގައި ހުސް ގޮނޑި ބެހެއްޓީ ޔާމީންއަށް ހާއްސަކޮށްފައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ގިނަ ބަޔަކު ޝަކުވާ ކުރަނީ، ހުސް ގޮނޑި ދައްކައިގެންނެއް މި ސަރުކާރު ވެރިކަމަށް އައީ. ހިނގާ ހުސް ގޮނޑިއަށް ޖެހިލަން... ހުސް ގޮނޑިއަކީ އެގޮތަށް ބެހެއްޓި ގޮނޑިއެއް ނޫން. އެއީ [ޕާޓީގެ] ރައީސް އަބްދުއްރަހީމް ވަރަށް ގިނަ ފަހަރު، ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އާދެވެނީ ތަންކޮޅެއް ފަހުން އެމަނިކުފާނުގެ މަސައްކަތް ހުންނަ ގޮތުން. އެމަނިކުފާނުގެ އަމިއްލަ މަސައްކަތްތަކެއް ޕާޓީގެ މަސައްކަތްތަކެއް ހުރީމަ. އެހެންވީމަ އެމަނިކުފާނަށް ބެހެއްޓި ގޮނޑިއެއް އެއީ. ރަން ބުއްދި ވެގެން އުޅެނީ ބަޔަކު،" ލަތީފް ވިދާޅުވި އެވެ.

ލަތީފް އެހެން ވިދާޅުވި ނަމަވެސް އެއިރު ބޭއްވި ޖަލްސާތަކުގައި ހުސް ގޮނޑި ބެހެއްޓީ ރައީސް ޔާމީންއަށް ހާއްސަކޮށްފަ އެވެ. އެ ގޮނޑީގައި އެއްވެސް އެހެން މީހަކު ނުއިށީންދެ އެވެ. އަބްދުއްރަހީމް ވަޑައިގެން ވެސް އިންނަވަނީ އެހެން ގޮނޑިއެއްގަ އެވެ.

މި ސަރުކާރު ވެރިކަމަށް އައިތާ މަހެއް ނުވަނީސް ރައީސް މުހައްމަދު މުއިއްޒު އާއި ރައީސް ޔާމީންއާ ދެމެދު މައްސަލަ ޖެހުނެވެ. ޔާމީން ވިދާޅުވީ މިހާރު އުވާލާފައިވާ ޕީޕީއެމް ހިންގުމަށް ރައީސް މުއިއްޒު ހުރަސް އަޅުއްވަމުންގެންދަވާ ކަމަށެވެ. އޭގެ ފަހުން މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމަނިކުފާނު ޕާޓީއިން ވަކިވެވަޑައިގެން އެހެން ޕާޓީއެއް އުފެއްދެވި އެވެ.

ރައީސް ޔާމީން މިނިވަން ކުރުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދެވެ. އެކަމަކު ދައުލަތް މެދުވެރިކޮށް އަދިވެސް ޔާމީންގެ މައްޗަށް އެބަ ޖިނާއީ ދައުވާތަކެއް އުފުލަ އެވެ. ރައީސް މުއިއްޒު ދެއްކެވި އެ ވާހަކަތައް ފަހުން ސަރުކާރުން ވަނީ އަނބުރާލައިފަ އެވެ. ސަރުކާރުން ފަހުން ބުނަމުންދިޔައީ ރައީސް މުއިއްޒު އެއިރު ވިދާޅުވި ވާހަކައަކީ، ޖުޑިޝަރީއަށް ސަރުކާރުގެ ނުފޫޒު ނުފޯރުވުމުން ޔާމީން މިނިވަންވާނެ ވާހަކަ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖީއެމްއާރް ގެނައުމާ ގުޅޭގޮތުން ވޯޓަށް ނެހުނީ ގޯހުން: ނަޝީދު

ރައީސް ނަޝީދުގެ ވެރިކަމުގައި ޖީއެމްއާރަށް އެއާޕޯޓު ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނެގުމަކީ ހެދުނު ގޯހެއް ކަމަށް އެމަނިކުފާނު ވިދާޅުވި. ނަޝީދު މިހެން ވިދާޅުވީ، ރަސްމާލެއިން ބޮޑު ބިމެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމުގެ ކުރިން ރައްޔިތުންގެ ބަސް ހޯދުމަށް ގޮވާލައި ބޭއްވި މުޒާހަރާއެއްގައި ވާހަކަދައްކަވަމުން.

އަޒޭ އާއި ވިޝާލްގެ މައްސަލަ ޑްރަގު ކޯޓަށް، ޖުމައިހުއަށް ނަސޭހަތް!

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ފިލްމީ ތަރިން ކަމަށްވާ އަޒޭ އާއި ވިޝާލް ކުށަށް އިއުތިރާފުވުމުން، އެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި މައްސަލަ ޑްރަގް ކޯޓަށް ފޮނުވުމަށް ޕީޖީން ވަނީ ނިންމާފައި. އަދި މި މައްސަލައިގައި ހިމެނޭ ޖުމައިހުގެ މިއީ ފުރަތަމަ ކުށް ކަމަށްވާތީ، އޭނާއާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ވަނީ ނިންމާފައި.

ނުބައި ގެއެއްގެ ނަން ޖެހުމުން ދެ މީހަކު ހުކުމަކުން ސަލާމަތްވެއްޖެ

ގއ. ނިލަންދޫގައި ކަތިވަޅި ހިފައިގެން ބިރުދެއްކި ކަމަށް ތުހުމަތުކުރެވުނު ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ މި މައްސަލައިގައި ދައުވާ ސާބިތުނުވީ ހާދިސާ ހިނގި ގޭގެ ނަން ދައުވާ ފޯމުގައި ނުބައިކޮށް ލިޔެފައިވުމާއި، ޝަރީއަތުގެ މަރުހަލާ ފެށުނު ފަހުން އެކަން އިސްލާހު ކުރުމުގެ ފުރުސަތު ގާނޫނީ ގޮތުން ދައުލަތަށް ނުލިބޭތީ.

"ކީއްވެ؟" ފިލްމުގެ ޕްރިމިއާ ޕީއެސްއެމްއިން ލައިވްނުކުރި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޕްރިމިއާ ލައިވްކޮށްދޭން އެއްބަސްވުމަށްފަހު، ޕީއެސްއެމްއިން އެކަން ނުކުރީ ބައެއް ސިޔާސީ ބޭފުޅުން އެ ހަފުލާގައި ބައިވެރިވާތީ ކަމަށް ފިލްމު އުފެއްދި ފަރާތުން ބުނޭ. މި ނިންމުމުގެ ސަބަބުން ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދަން ގާނޫނީ ފިޔަވަޅު އަޅަން ވަނީ ނިންމާފައި.

ހިޔާނާތުގެ ކުށުގައި މިދިޔަ މަހު ޖަލަށްލި ދީނާ ގޭބަންދަށް

އޭނާގެ މައްޗަށް އެއް އަހަރާއި ހަތް މަސްދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މަސައްކަތް ފުރިހަމަ ނުކުރަނީސް އަމިއްލަ ކުންފުންޏަކަށް ފައިސާ ދޫކޮށް، ފެނަކައަށް ބޮޑު ގެއްލުމެއް ދިން މައްސަލައިގައެވެ. މީގެ އިތުރުން ވެސް ޚިޔާނާތުގެ އިތުރު ދެ މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.

ރޯވީ ނުވަ އަހަރުގެ ކުއްޖާ ނިޔާވި އެކްސިޑެންޓުގައި ހިމެނޭ ކާރުގައި

ހުޅުމާލޭގައި ނުވަ އަހަރުގެ ކުއްޖަކު ނިޔާވި ނުރައްކާތެރި އެކްސިޑެންޓުގައި ހިމެނޭ ކާރުގައި، ފޭސް 2 ގައި ޕާކުކޮށްފައި އޮއްވާ ރޯވެ ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައި. މި ހާދިސާގައި އެ ސަރަހައްދުގައި އޮތް އިތުރު ދެ ކާރަކަށް ގެއްލުން ލިބިފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.

ބަޖެޓުން ޝަރުއީ ދާއިރާއަށް ދެ ޕަސަންޓު ދޭން ގާނޫނުން ލާޒިމުކުރަނީ

ދައުލަތުގެ އާމްދަނީގެ މަދުވެގެން ދެ ޕަސަންޓު ޝަރުއީ ދާއިރާއަށް ދިނުމަށް ލާޒިމުކޮށް، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ވަނީ ހުށަހަޅާފައި. މި ބިލުގައިވާ ގޮތުން ޝަރުއީ ދާއިރާއަށް ދޫކުރާ ފައިސާ ބަލަހައްޓާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން.

Newsletter

Get the latest news delivered straight to your inbox