ނިިމިގެން ދިޔަ އަހަރު ބޮޑު ކާމިޔާބެއް ލިބުނު އީސްޕޯޓްސް ވޯލްޑް ކަޕް މިއަހަރު ވެސް ބޭއްވުމަށް މިވަނީ ތައްޔާރު ވެފަ އެވެ. ޖުލައި، އޯގަސްޓު މަހު ސައޫދީ އަރަބިއްޔާގެ ރިޔާޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ އީސްޕޯޓްސް ވޯލްޑް ކަޕް 2025ގެ މުބާރާތުގައި ވެސް ތަފާތު ގޭމްތައް ހިމެނޭނެ އެވެ.
މިއަހަރުގެ ވޯލްޑް ކަޕްގެ ހުރިހާ އިވެންޓުތަކުގެ ތާރީހުތައް މިހާތަނަށް ކަށަވަރުކޮށްފައި ނުވި ނަމަވެސް، ބައެއް އިވެންޓުތަކުގެ ތާރީހުތައް އިއުލާނުކޮށްފައިވެ އެވެ. އީސްޕޯޓްސް މުބާރާތާ ގާތްވަމުން އަންނަވަރަކަށް އެހެން އިވެންޓުތައް ހާމަކުރެވޭނެކަމަށް ބެލެވެއެވެ.
އީޑަބްލިއުސީ 2025 ގައި ހިމެނޭ ގޭމްތައް
އީސްޕޯޓްސް ވޯލްޑް ކަޕް 2025 އަށް ޖުމްލަ 22 ގޭމް ވަނީ ކަށަވަރުކޮށްފަ އެވެ. އިތުރު ބައެއް ގޭމްތައް މުބާރާތާ ގާތްވަމުން އަންނަވަރަކަށް އިއުލާނުކުރެވޭނެ އެވެ. ތިރީގައި އެވަނީ އީޑަބްލިއުސީ 2025 އަށް ފައިނަލްކޮށްފައިވާ ހުރިހާ ގޭމްތަކުގެ ލިސްޓެކެވެ.
- އޮނަރ އޮފް ކިންގްސް
- ކޯޑް: ބްލެކް އޮޕްސް 6
- ކޯޑް: ވޯޒޯން
- ފްރީ ފަޔަރ
- ސްޓްރީޓް ފައިޓަރ 6
- ޑޯޓާ 2
- ރެއިންބޯ ސިކްސް ސީޖް
- ސީއެސް2
- ޕަބްޖީ މޮބައިލް
- އޭޕެކްސް ލެޖެންޑްސް
- އީއޭ އެފްސީ 25
- އޯވަރވޮޗް 2
- މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް
- ރޮކެޓް ލީގް
- ޗެސް
- ރެންސްޕޯޓް
- ޕަބްޖީ
- ކްރޮސްފަޔަރ
- ފޭޓަލް ފިއުރީ: ސިޓީ އޮފް ދަ ވުލްވްސް
- ލީގް އޮފް ލެޖެންޑްސް
- ޓީމްފައިޓް ޓެކްޓިކްސް
- ވެލޮރަންޓް
މިލިސްޓަށް ބަލާއިރު، ކުރީގެ އީޑަބްލިއުސީގައި ހިމެނުނު ފޯޓްނައިޓް އަދި ޓެކެން 8، މި ފަހަރުގެ މުބާރާތުގައި ނުހިމެނެ އެވެ.
މުބާރާތުގެ ޝެޑިއުލް
އީޑަބްލިއުސީ 2025 މިއަހަރުގެ ޖުލައި 7 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، އޯގަސްޓް 24 ވަނަ ދުވަހާ ހަމައަށް މި މުބާރާތުގެ މެޗްތައް ކުރިއަށްދާނެއެވެ. މަޝްހޫރު ގޭމްތަކުގެ އެންމެ ޓޮޕް ޕްރޮފެޝަނަލުންނާއި ޓީމުތައް މި މުބާރާތުގައި ބައިވެރިވެ ވާދަ ކުރާނެއެވެ.
ކުރިން ބުނެވުނު ފަދައިން، އީޑަބްލިއުސީ 2025 ގެ ހުރިހާ އިވެންޓުތަކުގެ ސީދާ ތާރީހުތައް އަދި ކަށަވަރުކޮށްފައެއް ނުވެއެވެ. ނަމަވެސް، ބައެއް އިވެންޓުތަކުގެ ތާރީހުތައް ވަނީ ހާމަކޮށްފައެވެ.
މިއީ އެ ގޭމްތަކުގެ ޗެމްޕިއަންޝިޕްތަކުގެ ޝެޑިއުލްއެވެ.
- ވެލޮރަންޓް: ޖުލައި 8 އިން 13 އަށް
- ލީގް އޮފް ލެޖެންޑްސް: ޖުލައި 16 އިން 20 އަށް
- ކޯޑް: ބްލެކް އޮޕްސް 6: ޖުލައި 24 އިން 27 އަށް
- ޗެސް: ޖުލައި 31 އިން އޯގަސްޓް 3 އަށް
- އޯވަރވޮޗް 2: ޖުލައި 31 އިން އޯގަސްޓް 3 އަށް
- އީއޭ އެފްސީ 25: އޯގަސްޓް 7 އިން 10 އަށް
- ސީއެސް2: އޯގަސްޓް 20 އިން 24 އަށް
އީޑަބްލިއުސީ 2025 ބެލޭނެ ގޮތް
މުބާރާތް ޖުލައި މަހު ފެށުމުން، ރަސްމީ އީޑަބްލިއުސީ ޓްވިޗް އަދި ޔޫޓިއުބް ޗެނަލްތަކުން ލައިވްކޮށް ހުރިހާ އިވެންޓެއް ބެލުމުގެ ފުރުސަތު ލިބޭނެއެވެ.
އީސްޕޯޓްސް ވޯލްޑް ކަޕް (އީޑަބްލިއުސީ) އަކީ ދުނިޔޭގެ އެންމެ ބޮޑު އީސްޕޯޓްސް ޓޯނަމަންޓްތަކުގެ ތެރެއިން އެއް ޓޯނަމަންޓެވެ. 2023 ވަނަ އަހަރު ފުރަތަމަ ފަހަރަށް ސައުދީ އަރަބިއްޔާގައި ބޭއްވުނު މި މުބާރާތުގައި ދުނިޔޭގެ އެންމެ މަގުބޫލު ގޭމްތަކުން ވާދަކުރިއެވެ.













