މިހާރު ނުލިބޭ ބައެއް ހިދުމަތްތަކާއެކު ޕްރިމިއަމް އިކޮނޮމީގެ ނަމުގައި ގައުމީ އެއާލައިން މޯލްޑިވިއަން އިން އަގުބޮޑު ޓިކެޓު ކްލާހެއް ތައާރަފުކޮށްފި އެވެ.
މޯލްޑިވިއަން ގެ ފްލީޓުގައި ހިމެނޭ އޭޓީއާރުތަކާއި ޑޭޝް ގެ ބޯޓުތަކުން މީގެކުރިން ވިއްކަމުން ދިޔައީ އިކޮނޮމީ ކްލާސް ޓިކެޓު އެކަންޏެވެ.
އެ ކުންފުނީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ މި ކްލާހުގެ ޓިކެޓުތައް ލިބޭނީ އޭޕްރީލް 13، އިން ފެށިގެން ކުރާ ދަތުރުތަކަށް ކަމަށެވެ. މި ކްލާހުގެ ޓިކެޓުތައް މިހާރު މޯލްޑިވިއަންގެ ވެބްސައިޓުން ފެންނަން އެބަހުއްޓެވެ.
ޕްރިމިއަމް އިކޮނޮމީ ޓިކެޓުގެ އަގުތައް
- މާލެ - ފުވައްމުލަށް (އެއްކޮޅު) - 2،199ރ.
- މާލެ - އައްޑޫ ސިޓީ ގަން (އެއްކޮޅު) - 2،227ރ.
- މާލެ - ހަނިމާދޫ (އެއްކޮޅު) - 1،998ރ.
- މާލެ - ކާޑެއްދޫ (އެއްކޮޅު) - 2،233ރ.
- މާލެ - ކުޅުދުއްފުށި ސިޓީ (އެއްކޮޅު) - 1،998ރ.
- މާލެ - މާފަރު (އެއްކޮޅު) - 1,918ރ.
މި ކްލާހުގެ ފަސިންޖަރުންނަށް ލިބޭ ހިދުމަތްތަކުގެ ތެރޭގައި އިތުރު ފަސް ކިލޯގެ ލަގެޖު ގެންދެވުމާއި އެއްފަހަރު ހިލޭ ފުރާ ދުވަސް ބަދަލުކުރަން ލިބުމުގެ އިތުރުން ލޯންޖުގެ ހިދުމަތާއި ހާއްސަ ސީޓުތަކެއްގެ އިތުރުން ދަތުރުމަތީ ހާއްސަ ކެއިން ބުއިން ލިބުން ހިމެނެ އެވެ.
އިތުރު ބޯޓެއް ނުގެނެސް މިހާރުވެސް ގެންގުޅޭ ފުލީޓުގެ ބޯޓުތަކަށް އައު ކްލާހެއް ހިމެނުމުން ކުރިން ޓިކެޓު ވިއްކި އަގުތަކުގައި ލިބޭ ސީޓުގެ އަދަދު މަދުވާނެ އެވެ. މޯލްޑިވިއަނުން މިފަދަ ނިންމުމެއް ނިންމި ސަބަބެއް ހާމައެއް ނުކުރެ އެވެ.

މޯލްޑިވިއަންގެ އިކޮނޮމީ ކްލާހުގެ ޓިކެޓުތަކުގެ އަގުބޮޑުކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.











