ޕޮކެމޮން އަދި ލެގޯ ގުޅިގެން 2026 ވަނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ ހާއްސަ ލެގޯ ސެޓަކީ އީ-ސްޕޯޓްސް ދާއިރާއަށް ގެނެވިދާނެ އާ ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ. ޕޮކެމޮން ކުންފުނިން އަންގާރަ ދުވަހު އެކްސްގައި ހިއްސާކޮށް ފައިވާ ޓީޒާއެއްގައި ލެގޯގެ ލޯގޯއާއި ލެގޯއިން ހަދާފައިވާ ޕިކަޗޫ ދައްކާލާފައިވެ އެވެ.
އީ-ސްޕޯޓްސް ކުޅުންތެރިންނާއި މި ދާއިރާގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މި ކޮލަބޮރޭޝަންގެ ސަބަބުން ޕޮކެމޮން ލެގޯ ވީޑިއޯ ގޭމެއް ތައާރަފު ކުރެވިދާނެ ކަމަށް ލަފާކުރެ އެވެ. ލެގޯއިން މީގެ ކުރިންވެސް ސްޓާ ވޯޒް، ހެރީ ޕޮޓާ ފަދަ މަޝްހޫރު ފްރެންޗައިޒްތަކަށް ހާއްސަ ވީޑިއޯ ގޭމްތައް ނެރެފައި ވާއިރު، ދުނިޔޭގެ އެންމެ މަގުބޫލު އެއް ފްރެންޗައިޒްކަމަށްވާ ޕޮކެމޮންއިން ވެސް ލެގޯ ގޭމެއް ނެރުމަކީ އެކަށީގެންވާ ކަމެކެވެ.
މި ފަދަ ގޭމެއް ނެރެވިއްޖެނަމަ އީ-ސްޕޯޓްސް މުބާރާތްތަކަށާއި ޕްރޮފެޝަނަލް ގޭމިން ދާއިރާއަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ގޭމިން ދާއިރާގެ ތަޖުރިބާކާރުން ދެކެއެވެ. ހާއްސަކޮށް ޕޮކެމޮންއަކީ މިހާރުވެސް ކޮމްޕެޓިޓިވް ގޭމިން ދާއިރާގައި އަމިއްލަ ވާދަވެރި މުބާރާތްތައް ބާއްވަމުންދާ ފްރެންޗައިޒެއް ކަމުން، ލެގޯއާ ގުޅިގެން އާ ފޯމެޓެއްގައި އީ-ސްޕޯޓްސް މުބާރާތްތައް ބޭއްވުމުގެ ފުރުސަތު އިތުރުވެގެންދާނެ އެވެ.
ޕޮކެމޮން ކުންފުނިން ހާމަކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މި ލެގޯ ސެޓްތައް ބާޒާރަށް ނެރޭނީ 2026 ވަނަ އަހަރުގަ އެވެ. ނަމަވެސް، ވަކި ތާރީހެއް އަދި ކަނޑައެޅިފައިނުވެ އެވެ. މި ސެޓްތަކުގެ ތެރޭގައި ޕިކަޗޫ ހިމެނޭނެ ކަމަށް ލަފާކުރެވޭއިރު، އެހެން ޕޮކެމޮންތައް ވެސް ހިމެނުމަކީ އެކަށީގެންވާ ކަމެކެވެ.
މިހާތަނަށް ހާމަކުރެވިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ކޮލަބޮރޭޝަނަކީ ޕޮކެމޮން ފޭނުންނާއި ލެގޯ ފޭނުންގެ މެދުގައި ބޮޑު ޝައުގުވެރިކަމެއް އުފެދިފައިވާ ކަމެކެވެ. ވީމާ، މި ސެޓްތައް ބާޒާރަށް ނެރުމާއެކު އަވަހަށް ވިކި ހުސްވާނެ ކަމަށް އީސްޕޯޓްސް ދާއިރާގެ ބޭފުޅުން ލަފާކުރައްވައެވެ.
މި ކޮލަބޮރޭޝަނާ ގުޅިގެން ނެރެވިދާނެ ގޭމަކީ އީ-ސްޕޯޓްސް ދާއިރާގައި އާ ހަރަކާތެއް އުފެދުމަށް މަގުފަހިވެދާނެ ކަމެއްގެ ގޮތުގައި ބެލެވެ އެވެ.
ޕޮކެމޮންއަކީ 1996 ވަނަ އަހަރު ޖަޕާނުގައި ނިންޓެންޑޯއިން ތައާރަފުކުރި، ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ ގަދަޔަށް ހިނގާ ވިޔަފާރިތަކުގެ ތެރެއިން އެއް ވިޔަފާރިއެވެ. މި ފްރެންޗައިޒްގެ އެންމެ މުހިއްމު ޕްރޮޑަކްޓަކީ ވީޑިއޯ ގޭމްތައް ކަމުގައިވިޔަސް، ޕޮކެމޮން ކާޑު ގޭމާއި، އެނިމޭޝަން ސީރީޒްއާއި، ފޮތްތަކާއި، ގަހަނާތަކާއި، ކުޅޭ ސާމާނު ފަދަ ތަފާތު އުފެއްދުންތަކެއް ނެރެފައިވެއެވެ.
ޕޮކެމޮން ކުންފުނި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 100 ބިލިއަނަށް ވުރެ ގިނަ ޑޮލަރުގެ އާމްދަނީ ހޯދާފައިވާއިރު، އެންމެ ގިނައިން ވިކޭ ފެންވަރުގެ ވީޑިއޯ ގޭމްތަކާއި، އެންމެ ގިނައިން ފައިދާވާ މީޑިއާ ފްރެންޗައިޒްގެ ގޮތުގައި ރެކޯޑުތައް ޤާއިމްކޮށްފައިވެއެވެ.
ޕޮކެމޮން ގޯ، ޕޮކެމޮން ޔޫނައިޓް ފަދަ މޮބައިލް ގޭމްތަކާއި، ޕޮކެމޮން ވޯލްޑް ޗެމްޕިއަންޝިޕް ފަދަ މުބާރާތްތަކާއެކު، ޕޮކެމޮން މިހާރު ދަނީ އީ-ސްޕޯޓްސް ދާއިރާގައިވެސް މުހިއްމު ދައުރެއް އަދާކުރަމުންނެވެ.













