ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله މިއަދު އެމަނިކުފާނުގެ އުފަން ރަށް ލ. ފޮނަދޫގައި އިމާމުވެ، ހުކުރު ކުރައްވައިފި އެވެ.
މިވަގުތު އެމަނިކުފާނު ހުންނެވީ މަޖިލީހުގެ ރަސްމީ މަސައްކަތަށް ފަހު ހަފުތާ ބަންދަށް ފޮނަދޫއަށް ވަޑައިގެންނެވެ. އެ ރަށުގައި ހުންނަ މަސްޖިދުލް ޢުލާގައި މިއަދު ހުތުބާ ދެއްވީ އަބްދުއްރަހީމް އެވެ. އެ މިސްކިތުގެ އިމާމަކީ އެމަނިކުފާނުގެ އެއްމާބަނޑު ކޮއްކޮ އަބްދުލް ކަރީމް އަބްދުالله އެވެ.
ރާއްޖޭގައި މިއަދު ދިން ހުތުބާ ހާއްސަކުރީ "ނަސްރުގެ މައްސަރު" ކަމަށްވާ ރޯދަ މަހަށެވެ.
އެމަނިކުފާނަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ހުކުރު ކުރެއްވުމުގެ ހުއްދަ ވެސް އޮންނަ ބޭފުޅެކެވެ. މީގެ ކުރިން ފޮނަދޫގައި ވެސް އެމަނިކުފާނު އިމާމުވެ، ހުކުރު ކުރައްވަ އެވެ. އެ ކަމާ އެމަނިކުފާނު ދުރަށް ޖެހިވަޑައިގެންނެވީ ސިޔާސީ މަސައްކަތުގައި އުޅުއްވަން ޖެހިވަޑައިގެންނެވުމުންނެވެ.
މިއީ އަބްދުއްރަހީމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެންނެވި ފަހުން އިމާމުވެ، ހުކުރު ކުރެއްވި ފުރަތަމަ ފަހަރެވެ. ފޮނަދޫގައި އެންމެ ފަހުން އިމާމުވެ، ހުކުރު ކުރެއްވީ 2014 ގައި އެ ދާއިރާގެ މަަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނަވައިގެންނެވެ.












