ބާސެލޯނާ (މާޗް 8) - އިމަޖެންސީ ޓްރާންސްފާއެއްގެ ފުރުސަތުގައި ބާސެލޯނާއާ ގުޅުނު ޕޮލެންޑްގެ ތަޖުރިބާކާރު ގޯލްކީޕަރު، ވޮޒްޝިއޭ ޝެޒްނީ، އެ ޓީމުގައި ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން އޭނާ އަށް އިތުރު ކޮންޓްރެކްޓެއް ދޭން އެ ކްލަބުން ނިންމައިފި އެވެ.
ކުރިން އާސެނަލާއި ރޯމާ އަދި ޔުވެންޓަސް އަށް ކުޅުނު، ޝެޒްނީ، 34، މިދިޔަ އޮގަސްޓް މަހު ފުޓްބޯޅައިން ރިޓަޔާކުރަން ނިންމީ ގިނަ ކްލަބްތަކެއްގެ ހުށަހެޅުން ވެސް ލިބިފައި އޮއްވަ އެވެ. އެކަމަކު، ބާސެލޯނާގެ އެއް ވަނަ ކީޕަރު، މާކް އަންދްރޭ ޓާ ސްޓެގެންގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ހެދި ސީޒަން ނިމުމުން، އޭނާގެ ބަދަލުގައި އިމަޖެންސީ ޓްރާންސްފާއެއްގެ ގޮތުގައި ކީޕަރެއް ބޭނުންވުމުން، ޝެޒްނީ އެ ޑީލަށް އެއްބަސްވީ އެވެ.
މި ސީޒަނުގެ ނިޔަކަށް ބާސެލޯނާއާ އެކު، ކޮންޓްރެކްޓް ހެދި ޝެޒްނީ އަންނަނީ އެ ޓީމުގެ ގޯލުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި އެއް ކުޅުންތެރިއަކު މަދުކޮށް ބާސެލޯނާ އިން ބެންފީކާ ދަނޑުގައި މޮޅުވި މެޗުގައި ވެސް ޝެޒްނީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އެ މެޗަށް ފަހު، ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ވަނީ އެ ޓީމުން މި ސީޒަނުގައި ހޯދަމުން އަންނަ ރަނގަޅު ނަތީޖާތަކުގެ ފަހަތުގައި ޝެޒްނީގެ ދައުރުގެ ވާހަކަ ދައްކައިފަ އެވެ. އެހެންކަމުން، އޭނާ އަންނަ ސީޒަނުގައި ވެސް ބާސެލޯނާ އިން ފެނިދާނެ ކަމުގެ އިޝާރާތެއް ފްލިކް ވަނީ ދީފަ އެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ބާސެލޯނާ އިން މަޝްވަރާ ކުރަމުން އަންނަނީ ޝެޒްނީ އަށް އެއް އަހަރުގެ ކޮންޓްރެކްޓެއް ދިނުމަށެެވެ.












